މާސްއާ އެއްގޮތް މާހައުލެއްގައި ނާސާގެ ޓީމަކުން އެއް އަހަރު ހޭދަކޮށްފި

މާސްއާ އެއްގޮތް މާހައުލުގައި އެއް އަހަރު ހޭދަކޮށްފައިވާ ޓީމް -- ފޮޓޯ: އޭޕީ

މާސްގައި އިންސާނުންނަށް ދިރިއުޅެވޭތޯ ބަލަން ނާސާއިން ހެދި އެކްސްޕެރިމެންޓެއްގެ ބައިވެރިން، ހަވާއީގައިވާ މާސްއާ އެއްގޮތް ހާލާތްތަކާ ކުރިމަތިލާން ޖެހޭ ސަރަހައްދެއްގައި އެއް އަހަރު ހޭދަކޮށްފި އެވެ.

ތިން އަންހެނުންނާއި ތިން ފިރިހެނުން ހިމެނޭ އެޓީމުން އެއް އަހަރު ވަންދެން އުޅެފައި ވަނީ ހަވާއީގެ ފަރުބަދަމަތީގައި ހަދާފައިވާ ގުއްބައެއްގެ ސިފައަށް ހުންނަ އިމާރާތެއްގަ އެވެ. އެޑޯމްގައި ކޮންމެ މީހަކަށް އެނދަކާއި މޭޒެއް ދީފައިވެ އެވެ. އަދި އެތަނުން ބޭރަށް ގޮސްފައި ވަނީ އަބަދު ވެސް އޮކްސިޖެން ގުޅާފައިވާ ސްޕޭސްސޫޓެއް ލައިގެންނެވެ.

ހަވާއީގައިވާ ފަރުބަދައެއްގެ މަތީގައި ނާސާގެ ޓީމުގެ ބައިވެރިން ދިރިއުޅުނު ސަރަހައްދު -- ފޮޓޯ: އޭއެފްޕީ

އެދިރާސާގެ މަގުސަދަކީ އިންސާނުންނާ ދުރުގައި މަދުބަޔަކާ އެކު ދިރިއުޅެން މީހުން ދަސްކުރާ ގޮތާއި، ޓީމުގެ މެދުގައި ޖެހޭ މައްސަލަތައް ހައްލު ކުރާ ގޮތާއި، މަދު ވަސީލަތްތައް ދިގު މުއްދަތަކަށް ބޭނުން ކުރާނެ ގޮތް ދިރާސާ ކުރުން ކަމަށް ނާސާ އިން ބުނެ އެވެ. ކަމާ ބެހޭ މާހިރުން ލަފާ ކުރާ ގޮތުގައި މާސްއަށްދާ މިޝަންއަކަށް އެއް އަހަރާއި ތިން އަހަރާ ދެމެދުގެ މުއްދަތެއް ނަގާނެ އެވެ.

ހަވާއީ ސްޕޭސް އެކްސްޕްލޮރޭޝަން އެނެލޮގް އެންޑް ސިމިއުލޭޝަން (ހައިސީސް)ގެ ނަން ދީފައިވާ އެޕްރޮޖެކްޓުގައި ބައިވެރިވެފައި ވަނީ ފްރާންސުގެ އެސްޓްރޯބައޮލޮޖިސްޓަކާއި ޖަރުމަނުގެ ފިޒިސިސްޓަކާއި އެމެރިކާގެ ޕައިލެޓަކާއި އާކިޓެކްޓަކާއި ނޫސްވެރިއަކާއި ސޮއިލް ސައިންޓިސްޓެއް ހިމެނެ އެވެ.

"އަޅުގަނޑަށް ލަފާ ކުރެވޭ ގޮތުގައި އަވަސް މުސްތަގުބަލެއްގައި މާސްއަށް ދިޔުމަކީ ކުރެވިދާނެ ކަމެއް. އެކަމަށް އެޅޭ ނަފްސާނީ އަދި ޓެކްނޮލޮޖިކަލް ހުރަސްތައް ފަހަނައަޅާ ދެވޭނެ ހެން އަޅުގަނޑަށް ހީވަނީ،" ޓީމުގެ ބައިވެރިއަކު ބުންޏެވެ.

ނާސާއިން ހެދި އެދިރާސާއަކީ އެންމެ ދިގު މުއްދަތަކަށް ދެމިގެން ދިޔަ އެފަދަ ދިރާސާ އެވެ. (ބީބީސީ)

comment ކޮމެންޓް