ނެޓްބޯލް އެސޯސިއޭޝަން ޗެމްޕިއަންޝިޕް މަހިބަދޫ އިން ކާމިޔާބުކޮށްފި

ނެޓްބޯލް އެސޯސިއޭޝަން ޗެމްޕިއަންޝިޕްގެ ޗެމްޕިއަންކަން މަހިބަދޫ ހޯދުމަށް ފަހު ޓްރޮފީ އާއި އެކު --- ފޮޓޯ: މަހިބަދޫ ސްޕޯޓްސް

ނެޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް އިން އިންތިޒާމްކޮށްގެން ބާއްވާ ނެޓްބޯލް އެސޯސިއޭޝަން ޗެމްޕިއަންޝިޕްގެ ޗެމްޕިއަންކަން ޓީސީ ސްޕޯޓްސް ކުލަބު ބަލިކޮށް މަހިބަދޫ ސްޕޯޓްސް އިން ހޯދައިފިއެވެ.

ޒުވާނުންގެ މަރުކަޒު އިންޑޯ ހޯލް ގައި ރޭ ކުޅުނު ފައިނަލް މެޗު މަހިބަދޫ އިން ކާމިޔާބު ކުރީ ވާދަވެރި ކުޅުމަކަށް ފަހު 54 ޕޮއިންޓް 46 ޕޮއިންޓުންނެވެ. ފައިނަލްމެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ މަހިބަދޫގެ އައިމިނަތު ރީޝާއެވެ.

މަހިބަދޫ ފައިނަލަށް ދަތުރު ކުރީ މުއިވެޔޮ ފްރެންޑްސް އާއި ވާދަކޮށް ފަސޭހަ ކަމާއެކު 43 ޕޮއިންޓް 29 ޕޮއިންޓުން މެޗު ކާމިޔާބުކޮށްގެންނެވެ. ފައިނަލްގެ ދެވަނަ ޖާގަ ޓީސީ އިން ހޯދީ ސެމީފައިނަލްގެ ދެވަނަ މެޗުގައި ސްޕޯޓްސް ކުލަބު ރިވަލްސާ އާއި ވާދަކޮށް 44 ޕޮއިންޓް 34 ޕޮއިންޓުން މެޗު ކާމިޔާބުކޮށްގެންނެވެ.

ނެޓްބޯލް އެސޯސިއޭޝަން ޗެމްޕިއަންޝިޕްގެ ރަނަރަޕްކަން ހޯދި ޓީސީ ސްޕޯޓްސް --- ފޮޓޯ: މަހިބަދޫ ސްޕޯޓްސް

ދެ ގްރޫކަޕަށް ބަހާލައިގެން ކުރިއަށްގެންދިޔަ އެ މުބާރާތުގެ ގްރޫޕް އޭގައި ވާދަކޮށްފައި ވަނީ ދިވެހި ސިފައިންގެ ކްލަބާއި މަހިބަދޫ ސްޕޯޓްސް ކްލަބާއި ލޮރެންޒޯ ސްޕޯޓްސް ކްލަބާއި ޓީސީ ސްޕޯޓްސް ކްލަބެވެ. ގްރޫޕް ބީގައި ވާދަކޮށްފައި ވަނީ މުއިވެޔޮ ފްރެންޑްސް އާއި ސްޕޯޓްސް ކްލަބު ރިވަލްސާ އާއި ވީކޭ ސްޕޯޓްސް ކްލަބެވެ.

މުބާރާތުގެ އެންމެ މޮޅު ހަތް ކުޅުންތެރިންނަށް ހޮވިފައި ވަނީ މަހިބަދޫގެ އައިމިނަތު ރިޝްމާ އާއި ހައްވާ ނީނާ އާއި މަރިޔަމް ހިންދު އާއި ފާތިމަތު ސާރަތު އާއި ޓީސީގެ ލަޔާން އަލީ ރަޝީދާއި އަނާން އަލީ ރަޝީދުގެ އިތުރުން ރިވަލްސާގެ އައިމިނަތު ރަބީބް އިބްރާހިމެވެ.

އެ މުބާރާތް ކާމިޔާބު ކުރި މަހިބަދޫ ސްޕޯޓްސް ކުލަބަކީ އދ. އަތޮޅު މަހިބަދޫ އަށް ނިސްބަތްވާ އެ ރަށުގެ ކުޅުންތެރުންގެ މައްޗަށް އެކުލެވޭ ޓީމެކެވެ. މިއީ އެ މުބާރާތުގެ ޗެމްޕިއަންކަން އަތޮޅު ތެރެއަށް ނިސްބަތްވާ ޓީމެއް ހޯދު ފުރަތަމަ ފަހަރު ކަން ވެސް ފާހަގަކޮށްލެވެ އެވެ.

comment ކޮމެންޓް