ހަވީރު ނޫޙުގެ ކުރީގެ މުވައްޒަފުން ހުށަހެޅި މައްސަލައަށް ޒާހިރު ހުސައިން ވައްދަން ނިންމައިފި

މުހައްމަދު ޒާހިރު ހުސައިން ---- ސަން ފައިލް ފޮޓޯ

ހަވީރު ނޫހުގެ ކުރީގެ މުވައްޒަފުން އެ ނޫހުގެ ތިން ހިއްސާދާރުންގެ މައްޗަށް ކުރި ދައުވާގެ ތެރެއަށް އެ ނޫހުގެ ހަތަރު ވަނަ ހިއްސާދާރު މުހައްމަދު ޒާހިރު ހުސައިން ވައްދަން ހައިކޯޓުން ނިންމައިފި އެވެ.

މިއަދު ބޭއްވި އަޑުއެހުމުގައި އެ މައްސަލަ ބައްލަވާ ފަނޑިޔާރުންގެ ބެންޗުން އެގޮތަށް ނިންމާފައި ވަނީ ހަވީރު ނޫހާ ގުޅޭ ގޮތުން ސިވިލް ކޯޓުގައި ކުރިއަށް ދިޔަ މައްސަލާގައި ދައުވާ ލިބޭ ބޭފުޅެއްގެ ގޮތުގައި ޒާހިރު ހުސައިން ހިމެނިވަޑައިގަންނަވާތީ އެވެ.

މައްސަލަ ހުށަހެޅި މީހުންނަކީ ހަވީރު ނޫހުގައި ވަޒީފާ އަދާކުރި މުވައްޒަފުންކަން އަންގައިދޭ ލިޔުމެއް ހުށަހެޅުމަށް މީގެ ކުރިން ބޭއްވި އަޑުއެހުމުގައި ފަނޑިޔާރުންގެ ބެންޗުން ވަނީ އަންގާފަ އެވެ. އޭގެތެރެއިން ބައެއް ލިޔުންތައް ނެތް ކަމަށް މުވައްޒަފުންގެ ފަރާތުން ވަނީ ބުނެފަ އެވެ.

އެކަމާ ބެހޭ ގޮތުން ވާހަކަ ދެއްކުން އޮންނާނީ ދެން އޮންނަ އަޑުއެހުމެއްގަ އެވެ.

އިސްތިއުނާފު ކޮށްފައިވާ އެ މައްސަލަ އަކީ ހަވީރު ނޫހުގެ މުވައްޒަފުން ދެ އަހަރުވަންދެން އެހެން މީޑިއާއެއްގައި މަސައްކަތް ނުކުރެވޭނެ ކަމަށާއި ކުރާ ނަމަ ފިޔަވަޅު އެޅުމަށް ހޯމް މިނިސްޓްރީގެ މައްޗަށް އަންގައި ސިވިލް ކޯޓުން ކުރި ހުކުމެވެ.

ހަވީރުގެ ކުރީގެ މުވައްޒަފުންނަށް އެހެން މީޑިއާއެއްގައި ދެ އަހަރު ވަންދެން މަސައްކަތް ނުކުރެވޭނެ ކަމަށް ސިވިލް ކޯޓުން ހުކުމްކޮށްފައި ވަނީ، މީޑިއާއަކީ މުވައްޒަފުންނާ ގުޅުން ހުރި ތަނަކަށްވެފައި، ހަވީރަށް ގެއްލުން ދިނުމުގެ ގޮތުން އެއްފަހަރާ މުވައްޒަފުން ކެނޑިގެން ދިއުމުން ތަނަށް ގެއްލުންތަކެއް ކުރިމަތިވާނެތީ ކަމަށް ބުނެއެވެ.

comment ކޮމެންޓް