ފަސް އަަހަރުގެ ދައުރު ރައީސް ޔާމީން ފުރިހަމަ ކުރައްވާނެ: މަސީހު

ރައީސް ޔާމީން މަޖިލީހުގެ ރައީސް އަބްދުﷲ މަސީހާ ސަލާމް ކުރައްވަނީ-- ފޮޓޯ/ ރައީސް އޮފީސް

ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ފަސް އަހަރުގެ ދައުރުގެ ވެރިކަން ފުރިހަމަ ކުރައްވާނެ ކަމަށް ރައްޔިތުން މަޖިލީހުގެ ރައީސް އަބްދުﷲ މަސީހު މުހައްމަދު މިރޭ ވިދާޅުވެއްޖެ އެވެ.

ފުވައްމުލަކުގައި މިރޭ ބޭއްވި ޕީޕީއެމްހެ ޖަލްސާއެއްގައި ވާހަކަފުޅު ދައްކަވަމުން މަސީހު ވިދާޅުވީ ސަރުކާރު ހިނގަމުން ދަނީ ބޭރުގެ ނުފޫޒުތަކުން އެއްކިބާވެ، "ސީދާ ދިވެހިންނަށް" ކަމަށެވެ. އޭނާ ވިދާޅުވީ ރައީސް ޔާމީނުގެ ސަރުކާރަކީ ދިވެހި ރައްޔިތުން ހޮވައި ދެއްވާފައިވާ ސަރުކާރެއް ކަމަށާއި އެހެންކަމުން ރައީސް ޔާމީނުގެ ސަރުކާރު ހިދުމަތް ކުރާނީ ސީދާ ރައްޔިތުންނަށް ކަމަށެވެ.

"ނަރުދަމާއަށް ބެއްލެވި ކަމަށްވިއަސް އެހެން ކަމަކަށް ވިއަސް، ބްރިޖަށް ބެލިކަމަށް ވިއަސް އަދި ފްލެޓަށް ވިއަސް. އެހެންވީމަ އަޅުގަނޑު ދަންނަވާލާނީ އެންމެ ވާހަކައެއް. ރިޔާސީ ދައުރަކީ ފަސް އަހަރޭ. މި ރިޔާސީ ފަސް އަހަރުގެ ދައުރު އިރާދަކުރެއްވިއްޔާ ރައީސް ޔާމީނު ނިންމަވާނޭ،" ފުވައްމުލަކު ދެކުނު ދާއިރާގެ މެމްބަރުކަން ވެސް ކުރައްވާ މަސީހު ވިދާޅުވި އެވެ.

މަސީހު އެގޮތަށް ވިދާޅުވިއިރު، ކުރިއަށް އޮތް ހަފުތާތަކުގެ ތެރޭގައި ރައީސް ޔާމީންގެ ސަރުކާރު ވައްޓާލަން ރާވާފައިވާ ކަމަށް ބީބީސީން ވަނީ ރިޕޯޓުކޮށްފަ އެވެ. އަދި ސަރުކާރުން ހިންގި ކަމަށް ބުނާ ކޮރަޕްޝަން އަމަލުތައް އިތުރު ހެކިތަކަކާއެކު ގެނެސްދޭނެ ކަމަށް ބުނެ އަލްޖަޒީރާއިން ވަނީ ވީޑިއޯ ރިޕޯޓެއް ނެރެން ތައްޔާރުވެފަ އެވެ.

މިރޭގެ ޖަލްސާގައި ވާހަކަފުޅުދައްކަވަމުން ޑިފެންސް މިނިސްޓަރު އާދަމް ޝަރީފު ވިދާޅުވީ ވެރިކަމެއް ބަދަލު ކުރެވޭނީ ރައްޔިތުން ނުކުމެ، ވޯޓެއް ނަގައިގެން ކަމަށެވެ. އެ ނޫން ގޮތަކަށް ވެރިކަން ބަދަލު ކުރަން ބޭނުން ނަމަ ދެންޖެހޭނީ ބަޣާވާތަކުން ވެރިކަން ވައްޓާލަން ކަމަށާއި އެކަން ކުރުމަށް ދިވެހި ރައްޔިތުން ޖާގަ ނުދޭނެ ކަމަށް މިނިސްޓަރު އާދަމް ޝަރީފު ވިދާޅުވި އެވެ.

"ސަބަބަކީ އަޅުގަނޑުމެންނަށް އެނގޭ ދުނިޔޭގެ އެހެން ގައުމުތަކުގައި ބަޣާވާތް ކޮށްގެން ނުވަތަ އެ ނޫން ކޮންމެވެސް ގޮތަކުން ވެރިކަން ބަދަލު ކުރީމަ ދެން އުފެދިގެންދާ މައްސަލަތަކާއި ދިމާވާ ތަފާތު ގޮންޖެހުންތައް. ހަލާކުވެގެން ދާނީ އެބަޔަކު ނުވަތަ އެ ގައުމު، ފުނޑުފުނޑުވެގެން ދާނީ އެގައުމެއްގެ އިސްތިގުލާލު، ހަލާކުވެގެން ދާނީ އެބައެއްގެ އިގްތިސާދު އަދި ވީރާނާވެގެން ދާނީ އެ މުޖުތަމައުއެއް. މި ހުރިހާ ސަބަބުތަކަށްޓަކައި އަޅުގަނޑުމެން ރައްޔިތުން އެބަ ބުނަންޖެހޭ ބަޣާވާތަކަށް އަޅުގަނޑުމެން ފުރުސަތެއް ނުދޭނަމޭ،" މިނިސްޓަރު އާދަމް ޝަރީފު ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ ދައުލަތުގެ ހުރިހާ މުއައްސަސާއެއް މިއަދު ވަނީ ގުޅި ލާމެހިފައި ކަމަށެވެ. އެހެންކަމުން އަދުގެ ސަރުކާރުގެ އަސްކަރީ ބާރުތަކުން ވެރިކަން ބަދަލުކުރުމަށް ޖާގައެއް ނުދެއްވާނެ ކަމަށް އާދަމް ޝަރީފު ވިދާޅުވި އެވެ.

comment ކޮމެންޓް