އުރީދޫ ދިވެހި ޕްރިމިއަރ ލީގްގައި އީގަލްސް އާއި ބީޖީ ކުޅުނު މެޗު އެއް ވެސް ޓީމަކަށް ލަނޑެއް ކާމިޔާބު ނުކުރެވި، ދެޓީމު އެއްވަރު ވެގެން ނިމިއްޖެއެވެ. މި ދެ ޓީމު ދެވަނަ ބުރުގައި ބައްދަލު ކުރި މެޗު ވެސް ނިމުނީ 0-0ގެ ނަތީޖާއިންނެވެ.
ބުރާސްފަތި ދުވަހުގެ ރޭ ކުޅުނު މި މެޗުގެ ނަތީޖާއާ އެކު އީގަލްސް އޮތީ ކުޅުނު 15 މެޗުން ލިބުނު 28 ޕޮއިންޓާ އެކު ތާވަލުގެ ދެ ވަނައިގައެވެ. އެއް ޕޮއިންޓް މަދުން ލިބި ޓީސީ ސްޕޯޓްސް ކުލަބު އޮތީ ތިން ވަނައިގައެވެ. އެއްވަނައިގައި މާޒިޔާ އޮތީ 14 މެޗުން ލިބުނު 31 ޕޮއިންޓާ އެކުއެވެ. އީގަލްސް އަތުން އެއްވަރުވި ބީޖީ އޮތީ ކުޅުނު 15 މެޗުން ލިބުނު އަށް ޕޮއިންޓާ އެކު ތާވަލުގެ އެންމެ ފުލުގައެވެ.
ގައުމީ ފުޓްބޯޅަ ދަނޑުގައި ކުޅުނު މި މެޗު ފެށިގެން ދެ ޓީމްގެ ފަރާތުން ވެސް އާދައިގެ ކުޅުމެއް ފެނިގެން ދިޔަ އިރު ގޯލު ޖަހާނެ އެންމެ ރަނގަޅު ދެ ފުރުސަތެއް ލިބުނީ ބީޖީގެ ކެޕްޓަން އިބްރާހިމް ޝިޔާމް (ދޮނާ) އަށެވެ. ނަމަވެސް ފުރަތަމަ ހާފްގައި ޑޭވިޑް އީގަލްސްގެ ގޯލު ކުރިމައްޗަށް ހުރަސް ކޮށްލި ބޯޅަ، ހުސް ކޮށްހުރެ ދޮނާ ފޮނުވާލީ ނަމަވެސް އެ ބޯޅަ ދިޔައީ އަރިމަތީ ދަނޑި ކައިރިން ބޭރަށެވެ.
ދެވަނަ ހާފްގައި ވެސް އިބްރާހިމް ޝިޔާމަށް ވަނީ ގޯލު ޖަހާނެ ރަނުގެ ފުރުސަތެއް ލިބިފައެވެ. ނަމަވެސް އޭނާ ފޮނުވާލި ބޯޅަ އީގަލްސްގެ ލަންކާ ގައުމީ ކީޕަރު ސުޖަން ޕެރޭރާ ވަނީ ހުޝިޔާރު ކަމާ އެކު ދިފާއު ކޮށްފައެވެ.
އެހެން މެޗުތަކާ ހިލާފަށް އީގަލްސްގެ ފަރާތުން އާދައިގެ ކުޅުމެއް ފެނިގެން ދިޔަ އެ މެޗުގައި އެ ޓީމަށް ބީޖީގެ ގޯލަށް އަމާޒުކޮށް މާގިނަ ހަމަލާ ތަކެއް އުފެއްދިފައި ނުވާއިރު އިމްރާން ނަޝީދު އާއި އަހުމަދު ރިޒްވާން ފޮނުވާލި ދެ ހަމަލާ ވެސް ދިޔައީ ބީޖީގެ ގޯލާ އަމާޒް ނުވެއެވެ.
ލީގުގައި ހުކުރު ދުވަހު ހަވީރު ކުޅޭނީ ނިއު ރޭޑިއަންޓާ މާޒިޔާގެ މެޗެވެ. ހުކުރު ދުވަހުގެ ރޭގަނޑު ކުޅޭ މެޗުގައި ވެލެންސިއާ ނިކުންނާނީ ވިކްޓަރީ ސްޕޯޓްސް ކުލަބާ ދެކޮޅަށެވެ.