ޔުއޭފާ ނޭޝަންސް ލީގުގެ ލީގު އޭގެ ގްރޫޕް ވަންގައި ސްކޮޓްލަންޑާއި ޕޯލަންޑް ބައްދަލުކުރި މެޗު ކާމިޔާބުކޮށް، ރެލިގޭޝަން ޕްލޭ އޮފުން ސްކޮޓްލަންޑުން ޖާގަ ހޯދައިފިއެވެ.
ޕޯލަންޑްގައި ކުޅުނު މި މެޗު ސްކޮޓްލަންޑުން ކާމިޔާބުކޮށްފައިވަނީ އެންމެ ފަހު ވަގުތު ކާމިޔާބުކުރި ލަނޑާ އެކު2-1 އިންނެވެ.
މެޗުގެ ފުރަތަަމަ ލަނޑު ތިންވަނަ މިނެޓުގައި ޖަހައި ލީޑު ނަގާފައިވަނީ ސްކޮޓްލަންޑުންނެވެ. މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ އެންމެ ފަހުން ކްރޮއޭޝިއާއާ ދެކޮޅަށް ކުޅުނު މެޗުގައި އެ ޓީމުން ކާމިޔާބުކުރި ހަމައެކަނި ލަނޑު ޖަހައިދިން ޖޯން މެކްގިންއެވެ. މެޗުގައި ޕޯލަންޑުން ކާމިޔާބުކުރި ހަމައެކަނި ލަނޑު މެޗުގެ 59 ވަނަ މިނެޓުގައި އެ ޓީމަށް ކާމިޔާބުކޮށްދިނީ ކަމިލް ޕިއަޓްކޯވްސްކީއެވެ.
މެޗުން ސްކޮޓްލަންޑް މޮޅުވި ލަނޑު މެޗުގެ އިތުރު ވަގުތުގެ ތިންވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ ސްކޮޓްލަންޑް ޓީމަށް 80 ވަނަ މެޗު ކުޅެދެމުންދިޔަ ކެޕްޓަން އެންޑީ ރޮބަޓްސަންއެވެ.
މި ކާމިޔާބީއާ އެކު ސްކޮޓްލަންޑުންވަނީ ޕޯލަންޑް ފަހަތަށް ޖައްސާލާ ގްރޫޕްގެ ތިންވަނަ މަގާމު ހޯދާ ރެލިގޭޝަން ޕްލޭ އޮފް ކުޅުމުގެ ފުރުސަތު ތަނަވަސްކޮށްފައެވެ. އެއީ، ކުޅުނު ހަ މެޗުން ލިބިފައިވާ ހަތް ޕޮއިންޓާ އެކުއެވެ. މިއީ މުބާރާތުގައި އެ ޓީމުން ކުޅުނު ފުރަތަމަ ހަތަރު މެޗަށް ފަހު އެ ޓީމުން އުންމީދުކޮށްގެން ތިބި ނަތީޖާއެއް ނޫނެވެ.
ފުރަތަމަ ހަތަރު މެޗު ނިމުނުއިރު ސްކޮޓްލަންޑް އޮތީ އެންމެ ޕޮއިންޓަކާ އެކު ގްރޫޕްގެ އެންމެ ފުލުގައެވެ. ނަމަވެސް، ފަހު ދެ މެޗުގައި ހޯދި ކާމިޔާބީއާ އެކު އެ ޓީމުންވަނީ ކުރި ހޯދާފައެވެ. މެޗުން ބަލިވުމުން ޕޯލަންޑް މިހާރުވަނީ ލީގު ބީއަށް ރެލިގޭޓްވެފައެވެ.