ކުޑަ ދުވަސްކޮޅެއް ތެރޭ ރައީސް ޔާމީންގެ ސަރުކާރު ވައްޓާލަން ވަނީ ރާވާފައި: ބީބީސީ

ޖުލައި 25، 2016: ރާއްޖޭގެ މިނިވަން ކަމަށް 51 އަހަރު ފުރުމުގެ މުނާސަބަތުގައި ޖުމްހޫރީ މައިދާނުގައި ބޭއްވި ގައުމީ ދިދަ ނެގުމުގެ ރަސްމިއްޔާތުގެ ތެރެއިން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ރާއްޖޭގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމުގެ ވެރިކަން ކުޑަދުވަސްކޮޅެއްގެ ތެރޭގައި ވައްޓާލަން ރާވާފައިވާ ކަން އެނގިފައިވާ ކަމަށް ބުނެ ބީބީސީއިން ރިޕޯޓުކޮށްފި އެވެ.

މިއަދު ބީބީސީގައި ރާއްޖޭގެ ސިޔާސީ މަޝްރަހާ ގުޅުވައިގެން އާންމުކުރި ރިޕޯޓެއްގައި ބުނެފައި ވަނީ ކުޑަދުވަސް ކޮޅެއްގެ ތެރޭގައި ރައީސް ޔާމީންގެ ސަރުކާރު އަޒުލު ކުރަން ރާވާފައިވާކަން އެނގިފައިވާ ކަމަށެވެ. އަދި އެކަމާ ގުޅިގެން ރައީސް އޮފީހުގެ އިންޓަނޭޝަނަލް ސްޕޯކްސްޕާސަން އިބްރާހިމް ހުސައިން ޝިހާބު ވިދާޅުވެފައިވާ ކަމަށް ބީބީސީގައި ބުނެފައިވަނީ ބަޔަކު ސަރުކާރު ވައްޓާލަން މަސައްކަތް ކުރަމުންދާކަން އެނގިފައިވާ ކަމަށެވެ.

އިބްރާހީމް ބީބީސީގައި ބުނެފައިވަނީ ރައީސް ޔާމީންގެ ސަރުކާރު ވެރިކަމަށް އައީ މިނިވަން އިންސާފުވެރި އިންތިހާބެއް ކާމިޔާބުކޮށްގެން ޑިމޮކްރެސީގެ ހަމަތަކާ އެއްގޮތަށް ކަމަށާއި އެހެންކަމުން ސަރުކާރު ވައްޓާލުމަކީ ގާނޫނާ ހިލާފު ކަމެއް ކަމަށެވެ.

އޭނާ ސަން އަށް ވިދާޅުވީ ގާނޫނީ އިމުގެ ތެރެއިން ސަރުކާރު ބަދަލުކޮށްލާނެ ކަމަށް ބުނާއިރު، ސަރުކާރު ބަދަލުކޮށްލާނެ ގޮތެއް އިދިކޮޅު އިއްތިހާދުން ބުނެފައިނުވާ ކަމަށެވެ.

ސަރުކާރު ވައްޓާލަން އުޅޭކަން އެނގިފައިވާ ކަމަށް ބީބީސީއިން ބުނެފައިވާއިރު މޯލްޑިވްސް ޔުނައިޓެޑް އޮޕޮޒިޝަންގެ ނަމުގައި ކޯލިޝަނެއް ހަދައި ރައީސް ޔާމީންގެ ފުރަތަމަ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލު އަހުމަދު އިސްކޮށް ހުންނަވައިގެން " އިންތިގާލީ" ސަރުކާރެއް ގެނައުމުގެ ވާހަކަތަކެއް ދަނީ ދައްކަވަމުނެވެ.

އެ ކޯލިޝަނުގައި ކުރީގެ ރައީސް މުހައްމަދު ނަޝީދާއި، އެމްޑީޕީގެ ޗެއާ ޕާސަން އަލީ ވަހީދާއި، އަދާލާތު ޕާޓީގެ އިސްވެރިންވެސް ހިމެނިވަޑައިގަންނަވައެވެ. އެ އިއްތިހާދުން ވަނީ ޝެޑޯ ކެބިނެޓެއްވެސް އެކުލަވާލާފައެވެ.

comment ކޮމެންޓް