ރާއްޖޭގެ ކޮރަޕްޝަން ރިޕޯޓް އަލްޖަޒީރާގައި ތައްޔާރުކުރަނީ މިނިވަން ނޫހުގެ ކުރީގެ އެޑިޓަރު

އަލް ޖަޒީރާ އިން ދިވެހި ސަރުކާރުގެ ކޮރަޕްޝަންގެ މައްސަލަތަކާ ގުޅޭ ގޮތުން ތައްޔާރު ކުރާ ރިޕޯޓު ތައްޔާރުކުރަނީ މިނިވަން ނޫހުގެ ކުރީގެ އެޑިޓަރެއް ކަން ހާމަވެއްޖެ އެވެ.

އެރިޕޯޓް ތައްޔާރު ކުރަނީ 2006ގައި މިނިވަން ނޫހުގެ އެޑިޓަރަކަށް މަސައްކަތްކޮށްފައިވާ އިނގިރޭސި ރައްޔިތެއް ކަމަށްވާ ވިލް ޖޯޑަން އެވެ. މިނިވަން ނޫހުގެ ފަރާތުން އެކަން ވަނީ ޔަގީންކޮށްދީފަ އެވެ.

އޭނާ މިހާރު މަސައްކަތް ކުރަނީ އަލްޖަޒީރާގެ އިންވެސްޓިގޭޓިވް ޔުނިޓްގެ އެގްޒެކްޓިވް ޕުރޮޑިއުސާއެއްގެ ގޮތުގަ އެވެ. އޭނާ ވަނީ ތަފާތު ގިނަ އިންވެސްޓިގޭޓިވް ރިޕޯޓްތައް ހަދައިފަ އެވެ. އޭނާ ވަނީ ނޫސްވެރިކަމުގެ ދާއިރާއިން މާސްޓާސް ހަދައިފަ އެވެ.

ސަން އަށް އެނގިފައިވާ ގޮތުގައި ވިލްގެ އިތުރުން އަލްޖަޒީރާގެ ގިނަ ނޫސްވެރިންތަކެއް އައިސް ވަނީ އެރިޕޯޓް ހެދުމަށް ރާއްޖޭގައި މަސައްކަތްކޮށްފަ އެވެ.

މޯލްޑިވްސް އިންޑެޕެންޑެންޓްގެ އެޑިޓަރު ޒަހީނާ ރަޝީދު ސަން އަށް މިއަދު ވިދާޅުވީ ބޭރުގެ ނޫސްތަކުން ރާއްޖެއާ ގުޅޭ ގޮތުން ތައްޔާރުކުރާ އާޓިކަލްތަކަށް ބޭނުންވާ އެހީތެރިކަން ހޯދުމަށް އަބަދުވެސް ގުޅާ ކަމަށާއި އަލް ޖަޒީރާއަށް އަދި އެހެން ނޫސްތަކަށް ވެސް އެއެހީތެރިކަން ފޯރުކޮށްދެމުން އަންނަ ކަމަށެވެ.

އެޑޮކިއުމެންޓުގައި ކުރީގެ ނައިބު ރައީސް އަހުމަދު އަދީބާ ގުޅޭ އެތައް މައުލޫމާތެއް ހާމަކުރެ އެވެ. އަދީބުގެ ބަހެއް ހޯދުމަށް އަލް ޖަޒީރާގެ ނޫސްވެރިން ވަނީ މަސައްކަތްކޮށްފަ އެވެ. އަދި ސަރުކާރަށް ތުހުމަތުތަކެއް ކުރެވޭ އިރު ސަރުކާރުގެ ބަހެއް ހޯދުމަށް ވެސް ވަނީ ފަހުން އެދިފަ އެވެ.

"ސްޓީލިން ޕެރެޑައިސް"ނަމުގައި މި މަހު ފަހުކޮޅު އަލްޖަޒީރާ އިން ނެރެން ނިންމާފައިވާ ކަމަށް ސޯޝަލް މީޑިއާގައި ދައުރުވާ ލިޔުންތަކުގައި ބުނާ ގޮތުން ރާއްޖޭގައި ހިންގާފައިވާ ބޮޑެތި ޖަރީމާތަކުގެ މައުލޫމާތު އެރިޕޯޓުގައި ހިމެނޭނެ އެވެ.

comment ކޮމެންޓް