މިދިޔަ އަހަރުގެ އޮކްޓޯބަރު މަހުގެ 30 ވަނަ ދުވަހު ބ. ހިބަޅިދޫ ފަޅުތެރެއިން ހަތިޔާރު ފެނުނު މައްސަލާގައި ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު އަބްދުލް ޣަފޫރާއި އެމްއެންޑީއެފްގެ ބަޑި ގުދަނުގެ ކުރީގެ ވެރިޔާ އަހުމަދު ފަޔާޒު އަލީ ރިޒާ (ޕާޕާ) ގެ މައްޗަށް އުފުލާފައިވާ ޓެރަރިޒަމްގެ ދައުވާ ސާބިތުކުރަން 22 މީހަކު ހެކީންގެ ގޮތުގައި ދައުލަތުން މިއަދު ހުށަހަޅައިފި އެވެ.
މިއަދު ބޭއްވި އަޑުއެހުމުގައި 22 މީހަކު ހެކީންގެ ގޮތުގައި ހުށަހެޅި އިރު އޭގެ ތެރެއިން 14 މީހަކު ހުށަހެޅީ ސިއްރު ހެކީންގެ ގޮތުގަ އެވެ.
ހެކީގެ އިތުރުން ގަރީނާގެ ގޮތުގައި 20 ހެކި ވަނީ ހުށަހަޅައިފަ އެވެ. އަދި އޭގެ ތެރެއިން 11 ގަރީނާއެއް ހުށަހަޅާފައި ވަނީ ސިއްރު ހެކީގެ ގޮތުގަ އެވެ.
މިއަދު ބޭއްވި އަޑުއެހުމުގައި އަދީބުގެ ފަރާތުން އެއްވެސް ހެއްކެއް ހުށަހަޅާފައެއް ނުވެ އެވެ. ނަމަވެސް ފަޔާޒުގެ ފަރާތުން ވަނީ ނުވަ މީހަކު ހެކީންގެ ގޮތުގައި ހުށަހަޅައިފަ އެވެ.
ދައުލަތުގެ ވަކީލު ވިދާޅުވީ އެ މައްސަލައާ ގުޅޭ ދެ ފޮރެންސިކް ރިޕޯޓެއް ތައްޔާރުކުރުމަށް ރާއްޖެ އިން ބޭރަށް ވަނީ ފޮނުވާފައި ކަމަށާއި އެ ރިޕޯޓު ލިބުމުން ޝަރީއަތަށް ހުށަހަޅާނެ ކަމަށެވެ. ފަޔާޒުގެ ފަރާތުން ވަނީ އެކަމަށް އިއުތިރާޒު ކުރައްވާފަ އެވެ. ނަމަވެސް ގާޒީ އަހުމަދު ޝަކީލް ވިދާޅުވީ އެއީ މީގެ ކުރިން ވެސް ޝަރީއަތުގައި އަމަލު ކުރަމުން އަންނަ އުސޫލެއް ކަމަށާއި އެހެންކަމުން އެ ފުރުސަތު ދައުލަތަށް ދެއްވާނެ ކަމަށެވެ.
ފަޔާޒުގެ ވަކީލު މަހުފޫޒު ވިދާޅުވީ ސިފައިންގެ ބަޑިގުދަނުން ހަތިޔާރު ބޭރު ކުރުމަކީ ކޮންމެ މީހަކަށް ވެސް ކުރެވިދާނެ ކަމެއް ކަމަށް އެމްއެންޑީއެފްގެ ކެޕްޓަން އަލީ އިހުސާން ވިދާޅުވެފައިވާ އޯޑިއޯއެއް ޝަރީއަތަށް ހުށަހަޅަން ބޭނުންވާ ކަމަށެވެ. އަދި އެ އޯޑިއޯއާ ބެހޭ ގޮތުން ސުވާލުކުރުމަށް އިހުސާން ޝަރީއަތަށް ހާޒިރުކޮށްދިނުމަށް ވެސް މަހުފޫޒު ވަނީ އެދިވަޑައިގެންފަ އެވެ.
އޭނާ ވިދާޅުވީ އިހުސާނު އެހެން ވިދާޅުވި އިރު ހާޒިރުވެ ތިބި އިތުރު ދެ މީހަކު ވެސް ހެކީންގެ ގޮތުގައި ހުށަހަޅުއްވާނެ ކަމަށެވެ.
އެ މައްސަލަ ކޯޓުގައި ކުރިއަށް ނުގެންދެވޭނެ ކަމަށް ބުނެ ނެގި އިޖުރާއީ ނުކުތާ އަށް މިއަދު ގާޒީ ވަނީ ގޮތެއް ނިންމަވާފަ އެވެ. ގާޒީ ޝަކީލް ވިދާޅުވީ ދައުވާގެ ސީޣާގައި ގިނަ ކަންތައްތަކެއް ފާހަގަކޮށްފައިވާ ކަމަށެވެ. އެހެންކަމުން އެ މައްސަލަ ކުރިއަށް ގެންދެވޭނެ ކަމަށް ގާޒީ ވަނީ ކަނޑައަޅުއްވާފައެވެ.
އެފަދަ އިޖުރާއީ ނުކުތާއެއް އަދީބުގެ ފަރާތުން ނަންގަވާފައި ވަނީ ގ. ހުމަށިގެ އާއި ރެހެންދި ފްލެޓުގެ އެޕާޓްމަންޓެއްގައި އަދީބު ހަތިޔާރު ގެންގުޅުނު ކަމަށް މި ދައުވާގައި ބުނާއިރު، އެ މައްސަލާގައި މީގެކުރިން އޭނާ އަށް ހުކުމެއް އިއްވާފައިވާތީ އެވެ.
ދައުލަތުން ކުރި ދައުވާގައި ވަނީ އެޕްރީލް 26، 2015 ވަނަ ދުވަހުން ފެށިގެން އެމްއެންޑީއެފްގެ އޯޑްނަންސް ސާވިސް ޔުނިޓު ހިންގުމާ ހަވާލުވެ ހުންނެވި އިރު، އެ ޔުނިޓުގެ ބެލުމުގެ ދަށުގައި ހުރި ސިފައިންގެ ބަޑިގުނަދުގެ ލިޔުންތައް އޮޅުވާލަން ފަޔާޒު މަސައްކަތްކޮށްފައިވާ ކަމަށެވެ.
ކަނޑައެޅިފައިވާ އުސޫލާ ޚިލާފަށް ފަޔާޒު ބަޑިގުދަނުން ހަތިޔާރު ނެރެފައިވާ އިރު، ގެއްލުނު ހަތިޔާރު ހޯދަން ކުރި މަސައްކަތަށް އޭނާ ހުރަސް އަޅާފައިވާ ކަމަށް ވެސް އެ ދައުވާގައިވެ އެވެ.
ގާޒީ ޝަކީލް މިއަދުގެ އަޑުއެހުން ނިންމަވާލެއްވީ ދެން އޮންނަ އަޑުއެހުމެއްގައި ދައުލަތުން ހުށަހެޅި ބައެއް ހެކީންގެ ހެކިބަސް ނަގާނެ ކަމަށް އިއުލާން ކުރެއްވުމަށްފަހު އެވެ.
އަދީބާއި ފަޔާޒުގެ އިތުރުން އެ މައްސަލާގައި ދައުވާ އުފުލާފައި ވަނީ ކުރީގެ ފުޓުބޯޅަ ކުޅުންތެރިޔާ މުހައްމަދު ހުސައިން (އޮއިއްޓޭ) އާއި މ. ސެސްނާ މުހައްމަދު އައްލާމް ލަތީފް (މޮހޯ) އާއި މ. ލޭންޑް އޮފް ގާޑަން އަހުމަދު އިޝްފާހު އަލީގެ މައްޗަށެވެ. ނަމަވެސް ރާއްޖެއިން ބޭރުގައި އުޅޭތީ އެމީހުންގެ ޝަރީއަތް ވަނީ ކުރިއަށް ގެންދެވޭގޮތް ނުވެފަ އެވެ.