ރާއްޖެއަށް ސާފް ޗެމްޕިއަންޝިޕް ކާމިޔާބުކޮށްދިން ގައުމީ ޓީމާއި މިހާރުގެ ގައުމީ ޓީމާ ދެމެދު މިމަހުގެ 29 ވަނަ ދުވަހު ކުޅުމަށް ހަމަޖެހިފައިވާ މެޗުގެ ހާއްސަ މެހެމާނެއްގެ ގޮތުން އާޖެންޓީނާގެ ކުރީގެ ކެޕްޓަން ރޮބާޓޯ އަޔާލާ ކުޅޭ ގޮތަށް ހަމަޖެހިއްޖެއެވެ.
އެފްއޭއެމް އިން ބުނީ އެ އިދާރާއިން ދިން ދައުވަތު ގަބޫލުކޮށް އަޔާލާ އެ މެޗަށް އައުމަށް ނިންމާފައިވާ ކަމަށާއި އޭނާ ފެނިގެންދާނީ ސާފް ޗެމްޕިއަންޝިޕް ކާމިޔާބު ކުރި ޓީމުން ކަމަށެވެ.

ޖަރުމަނާ ދެކޮޅަށް އާޖެންޓީނާ ކުޅުނު މެޗެއްގައި އަޔާލާ ބޯޅަ ފޮނުވާލާއިރު ޖަރުމަނުގެ މައިކަލް ބަލަކް ހުރަސް އަޅަނީ ---
"އަހަރެން ބޭނުން ފީފާގެ ރައީސް ގިއާނީ އިންފަންޓީނިއޯ އަށާއި އޭއެފްސީގެ އިތުރިން ގަތަރުގެ ފުޓްބޯޅަ ފެޑެރޭޝަނަށް ވެސް ޝުކުރު އަދާކުރަން. އެއީ އެފްއޭއެމް އިން ދިވެހި ފުޓްބޯޅަ ދިރާސާ ކުރުމަށް ފަށާފައިވާ މަސަތްކަތަށް ދެމުންދާ އެހީތެރިކަމަށް،" އެފްއޭއެމްގެ ރައީސް އަހުމަދު ތޯރިގް (ޓޮމް) ވިދާޅުވިއެވެ.
ރާއްޖެއިން ފުޓްބޯޅައިގައި ހޯދި ފުރަތަމަ ރަން މެޑަލްކަމަށްވާ 2008 ވަނަ އަހަރުގެ ސާފް ޗެމްޕިއަންޝިޕް ކާމިޔާބީ އިތުރަށް ފާހަގަކުރުމަށް ކުޅޭ އެމެޗުގައި މީގެ އަށް އަހރު ކުރީން އެ މުބާރާތުގައި ގައުމީ ޓީމަށް ކުޅުނު ހުރިހާ ކުޅުންތެރިން ބައިވެރިވާނެއެވެ. އެ ޓީމުގެ ކޯޗަކަށް ވެސް ހުންނާނީ އެ ފަހަރު ގައުމީ ޓީމަށް ކޯޗުކޮށްދިން ސްލޮވާކިއާގެ ޖޯސެފް ޔަންކޭޒް އެވެ.
އެޓީމްގައި ފެނިގެންދާނެ ހާއްސަ ކުޅުންތެރިޔާ، އާޖެންޓީނާގެ އުމުރުން 43 އަހަރުގެ އަޔާލާ ވަނީ 1994 އިން ފެށިގެން 2007 ވަނަ އަހަރާ ހަމައަށް 115 މަޗު ކުޅެފައެވެ. އާޖެންޓީނާއިން 2004 ވަނަ އަހަރުގެ އޮލިމްޕިކްސް ގޭމްސްގައި ފުޓްބޯޅައިން ރަން މެޑަލް ހޯދި އިރު އަޔާލާ އަކީ އެ ޓީމްގެ ވެސް މުހިންމު ކުޅުންތެރިއެކެވެ.