އޮލިމްޕިކްސްގައި އިންޑިއާގެ ނަން ޝަރަފުވެރިކޮށްދިން ޕީވީ ސިންދޫ ބަލިކޮށް އަންހެނުންގެ ބެޑްމިންޓަން ސިންގަލްސް އިވެންޓުގެ ރަން މެޑެލް ސްޕެއިންގެ ކެރޮލައިނާ މެރިން ހޯދައިފި އެވެ.
ބެޑްމިންޓަންގެ ފައިނަލުގައި ދުނިޔޭގެ އެއްވަނަ ބެޑްމިންޓަން ކުޅުންތެރިޔާ މެރިން ވަނީ ވާދަވެރި ކުޅުމަކަށް ފަހު ސިންދޫ އަތުން މޮޅުވެފަ އެވެ.

އޮލިމްޕިކް ގޭމްސްގެ އަންހެނުންގެ ބެޑްމިންޓަން ސިންގަލްސް އިވެންޓުގެ ރަހި މެޑެލް ހޯދި އިންޑިއާގެ ޕީވީ ސިންދޫ: އޭނާ ވެފައިވަނީ މިހާތަނަށް މި ފަހަރުގެ އޮލިމްޕިކްސްގައި އެންމެ ކާމިޔާބު އިންޑިއާގެ އެތުލީޓަށް --- ފޮޓޯ: އޭޕީ
އުމުރުން 23 އަހަރުގެ މެރިން އެ މެޗު ކާމިޔާބުކުރީ 19-21، 21-12 އަދި 21-15 އިންނެވެ. އެ ރަން މެޑެއްޔާއެކު މެރިން ވަނީ އޭޝިއާ އިން ދަމަހައްޓަމުންދިޔަ ރެކޯޑަށް ނިމުމެއް ގެނެސްފަ އެވެ. މީގެ ކުރިން އޮލިމްޕިކްސްގެ އަންހެނުންގެ ބެޑްމިންޓަން ސިންގަލްސް އިވެންޓުން ރަން މެޑެލް ހޯދަމުންދިޔައީ އޭޝިއާގެ ކުޅުންތެރިންނެވެ.
އޮލިމްޕިކްސްގައި ސިންދޫ ވަނީ އިންޑިއާ އަށް ރީތި ނަމެއް ހޯދައިދީފަ އެވެ. ސިންދޫ ހޯދި ރިހި މެޑެއްޔާއެކު މިހާތަނަށް މި ފަހަރުގެ އޮލިމްޕިކްސްގައި އެންމެ ކާމިޔާބު އިންޑިއާގެ އެތުލީޓަށް އޭނާ ވަނީ ވެފަ އެވެ.
"މިއީ އަހަރެންނަށް ލިބުނު ވަރަށް ބޮޑު ކާމިޔާބެއް. އަހަރެންނަކީ ރިހި މެޑެލިސްޓެއް. އަދި މިއީ އަހަރެންނަށް އޮލިމްޕިކްސްގައި ލިބުނު ފުރަތަމަ މެޑެލް،" ރިހި މެޑެއްޔެއް ހޯދުމަށްފަހު ސިންދޫ ބުންޏެވެ.