މިއަހަރު ދުނިޔޭގެ ހޫނުމިން ރިކޯޑް މިންވަރަކަށް އިތުރުވުމުގެ ސަބަބުން ރާއްޖޭގެ މުރަކަ ފަރުތަކަށް އެކަމުގެ ސަބަބުން ކުރި އަސަރުތައް ބެލުމަށް ހެދި ދިރާސާއަކުން އއ. އަތޮޅުގެ މުރަކަ ފަރުތަކުގެ 60 ޕަސެންޓް ހުދުވެފައިވާ ކަން ދައްކައިފި އެވެ.
މުރަކަ ހުދުވުމަކީ ހޫނު ގަދަވުމުގެ ސަބަބުން ދިމާވާ މައްސަލައެކެވެ. ފަރުތައް މާގަދައަށް ހޫނުވެ ގިނަ ދުވަސްތަކަކަށް ހިފެހެއްޓުމުގެ ސަބަބުން މުރަކައިގެ ދިރޭ ފަށަލަ (ލިވިން ޓިޝޫ) މަރުވެ އެވެ. އެއާއެކު މުރަކާގައި ގާފަރާއި ފެހި ޖަހައި މުރަކަ ނެތިގެންދެ އެވެ.
ރާއްޖޭގެ މުރަކަ ފަރުތައް ހުދުވެފައިވާ މިންވަރު ދެނެގަތުމަށް ޔޫއެސް އެޖެންސީ ފޯ އިންޓަނޭޝަނަލް ޑިވެލޮޕްމަންޓް (އުސެއިޑް) އިން ފަންޑު ކޮށްގެން މިއަހަރުގެ މޭ މަހު ހެދި ސާވޭގައި އއ. އަތޮޅުގެ މީހުން ދިރިއުޅޭ ރަށްތަކާއި ފަޅުރަށްތަކުގެ ފޮރުވިފައިވާ އަދި ހާމައަށް ހުރި މުރަކަ ފަރުތައް ބަލައި ދިރާސާކޮށްފައިވެ އެވެ.
އެގޮތުން އއ. އަތޮޅުގެ މުރަކަ ފަރުތަކުގެ ތެރެއިން އެވްރެޖްކޮށް 60 ޕަސެންޓް ހުދުވެފައިވާއިރު، ބައެއް ރަށްތަކުގެ މުރަކަ ފަރުތައް 90 ޕަސެންޓް ހުދުވެފައިހުރިކަން ވަނީ ސާވޭ އަށް ދައްކާފަ އެވެ.
"ދުނިޔޭގެ މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން މުރަކަ ހުދުވުމުގެ މައްސަލަ އަންނަނީ އިތުރުވަމުން. މިއަހަރު ދުނިޔޭގެ ހޫނުމިން އެންމެ އުސްވިއިރު ހެދި ސާވޭ އިން މުރަކަ ފަރުތައް ހުދު ވެފައިވަނީ ހައިރާންކުރުވަނިވި މިންވަރަކަށް. އަދި ބައެއް މުރަކަތައް މަރުވާން ކައިރިވެފައިވާކަން ފާހަގަކުރެވުނު. ހުދުވެފައި ހުރި މުރަކަތައް ރަނގަޅު ނުވެއްޖެނަމަ މުރަކަތައް ހުދުވުން އިތުރުވުމަކީ ގާތްކަމެއް،" ރިސާޗް ޓީމުގެ ލީޑަރު އަދި އައިޔޫސީއެންގެ ސީނިއާ އެޑްވައިޒަރު ޑރ. އަމީރު އަބްދުﷲ ވިދާޅުވި އެވެ.
އިންޓަނޭޝަނަލް ޔޫނިއަން ފޯ ކޮންސަވޭޝަން އޮފް ނޭޗާރ (އައިސީޔޫއެން)އާ ގުޅިގެން މޯލްޑިވްސް މެރިން ރިސާޗް ސެންޓަރު (އެމްއާރުސީ) އަދި އެންވާރަމަންޓެލް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ) އިން ހެދި އެ ސާވޭ ހެދުމުގައި ގައުމީ އަދި ބައިނަލްއަގްވާމީ އިންސްޓިޓިއުޓްތަކާއި ޔުނިވާސިޓީތަކުގެ ކަމާބެހޭ 11 ތަޖުރިބާ ކާރުން ހަރަކާތްތެރިވެފައިވެ އެވެ.
ދުނިޔޭގެ މުރަކަ ފަރުތަކުގެ ތިން ޕަސެންޓް ހިއްސާކުރާ ބިން ތިރި ޖަޒީރާ ރަށްތަކެއްގެ މައްޗަށް އުފެދިފައިވާ މި ރާއްޖެއަކީ މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުންނާއި ކަނޑުގެ ލޮނުގަނޑު އުފުލުމުގެ ބިރުވެރިކަން އެންމެ ބޮޑު އެއް ގައުމެކެވެ.
މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުންނާއި ޕެސިފިކް ކަނޑުގެ ލޮނުގަނޑު ހޫނުވުމުގެ ސަބަބުން ދުނިޔޭގެ މޫސުމަށް ބަދަލުގެންނަ މޫސުމީ ނިޒާމެއް ކަމަށްވާ، އެލް ނީނޯގެ ސަބަބުން މިއަހަރުގެ ތެރޭގައި ދުނިޔޭގެ އެކިކަންކޮޅުތަކުގެ ފަރުތަކުގެ މުރަކަތައް ވަނީ ހުދުވެފަ އެވެ.
މޯލްޑިވްސް މެރިން ރިސާޗް ސެންޓަރުގެ ޑިރެކްޓަރު ޖެނެރަލް ޑރ. ޝިހާމް އާދަމް މީގެ ކުރިން ވިދާޅުވީ ފަރުތައް ހުދުވުން ހުއްޓުވުމަށް އެޅޭނެ ފިޔަވަޅުތައް މަދު ކަމަށެވެ. ހަމައެކަނި ކުރެވޭނެ ކަމަކީ އިންސާނުންގެ ފަރާތުން ފަރުތަކަށް ލިބޭ ގެއްލުންތައް މަދުކުރުން ކަމަށާއި އެގޮތަށް ހުދުވާ މުރަކަ ބައެއް ފަހަރު އަލުން ދިރުން އަންނަ ކަމަށް ވެސް ވިދާޅުވި އެވެ.