މުހްޔިއްދީން ސްކޫލުގައި އިތުރު 12 ކުލާސްރޫމްގެ ހަތަރު ބުރީގެ އިމާރާތެއް އަޅަން ކުންފުންޏަކާ ހަވާލުކޮށްފި

މުހްޔިއްދީން ސްކޫލުގައި އިތުރު 12 ކުލާސްރޫމްގެ ހަތަރު ބުރީގެ އިމާރާތެއް އަޅަން ބަޔަކާ ހަވާލުކުރުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން --- ފޮޓޯ/ އެޑިއުކޭޝަން

ވިލިމާލޭގައި ހުންނަ މުހްޔިއްދީން ސްކޫލުގައި އިތުރު 12 ކުލާސްރޫމްގެ ހަތަރު ބުރީގެ އިމާރާތެއް އަޅަން ކުންފުންޏަކާ ހަވާލުކޮށްފި އެވެ.

އެޑިއުކޭޝަން މިނިސްޓްރީގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި 11 މިލިއަން ރުފިޔާއަށް އެ އިމާރާތް އެޅުމުގެ ޕްރޮޖެކްޓް ހަވާލުކުރީ އަވާ އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑް ނަމަކަށް ކިޔާ ކުންފުންޏަކާ އެވެ.

އެޑިއުކޭޝަން މިނިސްޓްރީން ބުނީ، 12 ކުލާސްރޫމްގެ އިތުރުން ލައިބްރަރީ އަކާ ސްޓާފް ރޫމެއް ހިމެނޭނެ ގޮތަށް އިމާރާތްކުރަން ހަވާލުކުރި އެ ޕްރޮޖެކްޓުގެ މަސައްކަތް ހަވާލުކުރީ އެއް އަހަރު ދުވަހުގެ ތެރޭގައި ނިންމާ ހަވާލުކުރާ ގޮތަށް ކަމަށެވެ.

އެގޮތުން އަންނަ އަހަރުގެ އޮގަސްޓް މަހުގެ ތެރޭގައި އިމާރާތުގެ މަސައްކަތް ނިމި އެ އަހަރުގެ ސެޕްޓެމްބަރު މަހު އިމާރާތް ބޭނުންކުރަން ފެށޭނެ ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުނެ އެވެ.

ހާއްސަ އެހީއަށް ބޭނުންވާ ދަރިވަރުންގެ ކުލާސްތަކާއެކު ގްރޭޑް އެކަކުން 10 އަކަށް ކިޔަވައިދޭ މުހްޔިއްދީން ސްކޫލުގައި މިއަހަރު 680 ދަރިވަރުން ކިޔަވަމުންދާއިރު، މިހާރު ވެސް އެ ސްކޫލުގައި 21 ކުލާސް ރޫމް ހިމެނޭ ތިން ބުރީގެ އިމާރާތެއް ހިމެނެ އެވެ.

comment ކޮމެންޓް