އިނގިރޭސި ޗެމްޕިއަން ލެސްޓާ ސިޓީގެ މި ސީޒަނުގެ ޓާގެޓަކީ ވެސް ލީގުގައި 40 ޕޮއިންޓް ހޯދުން ކަމަށް އެ ކްލަބުގެ ކޯޗު ކްލައުޑިއޯ ރަނިއޭރީ ބުނެފި އެވެ.
މިދިޔަ ސީޒަނުގައި ރެލިގޭޝަނުން ސަލާމަތްވުމަށްޓަކައި ކަނޑައެޅި ޓާގެޓާއެކު ކުރިއަށް ގޮސް، ލެސްޓާ އިން ވަނީ ހުރިހާ ޓީމެއް ހައިރާންކޮށްލުމަށް ފަހު ޕްރިމިއާ ލީގު ކާމިޔާބުކޮށްފައެވެ. މި ފަހަރު ވެސް އެ ޓީމުގެ ޓާގެޓަކީ އެއީ ކަމުގައި ރަނިއޭރީ ބުނެ އެވެ.
"އަހަރެމެންގެ ޓާގެޓަކީ 40 ޕޮއިންޓް ހޯދުން. އަހަރެން އަލުން ފަށާނީ ކުރިން ވެސް ގެންގުޅުނު ވިސްނުމާ އެއްގޮތަށް. އަހަރެމެންނަށް މިދިޔަ ސީޒަނުގައި ހޯދުނު ކާމިޔާބު ވަރަށް ބޮޑު. އެކަމަކު ފުރަތަމަ 40 ޕޮއިންޓް ހޯދުމަށް ބަލާނީ،" ކޮމިއުނިޓީ ޝީލްޑްގައި މެންޗެސްޓާ ޔުނައިޓެޑް އަތުން ބަލިވި މެޗަށްފަހު ލެސްޓާގެ ކޯޗު ބުންޏެވެ.
ރަނިއޭރީ ބުނީ، މެޗު ނިމެން ހަތް މިނެޓަށް ވެފައި ވަނިކޮށް ސްވިޑަން ތަރި ޒްލަޓަން އިބްރަހިމޮވިޗްގެ ލަނޑުން މޮޅުވެ ކޮމިއުނިޓީ ޝީލްޑް އުފުލައިލި ޔުނައިޓެޑަށް މަރުހަބާ ކިޔާ ކަމަށާއި އެ މެޗުގައި ލެސްޓާގެ ކުޅުންތެރިން ވެސް ރަނގަޅު ކުޅުމެއް ދެއްކި ކަމަށެވެ. އަދި ދެވަނަ ހާފުގައި ލެސްޓާ އިން ދެއްކި ކުޅުން އޭނާ ފާހަގަކޮށްފައިވެ އެވެ.
ވެމްބްލީ ސްޓޭޑިއަމްގައި ރޭ ކުޅުނު ކޮމިއުނިޓީ ޝީލްޑް މެޗުގައި އިނގިރޭސި ޗެމްޕިއަން ލެސްޓާގެ މައްޗަށް އެފްއޭ ކަޕްގެ ޗެމްޕިއަން ޔުނައިޓެޑް ކުރި ހޯދީ 2-1 ލަނޑުންނެވެ.