ތުރުކީ ސިފައިންތިބީ ރައީސްގެ ކޮމާންޑްގެ ދަށުގައި، އިންގިލާބުތަކަށް ޖާގައެއް ނުދޭނަން: ޖެނެރަލް ޚަލޫސީ

ތުރުކީ ސިފައިންގެ ވެރިޔާ ޖެނެރަލް ޚަލޫސީ އަރަކާން

އިސްތަންބޫލް (އޮގަސްޓް 8): ތުރުކީގެ ސިފައިން ތިބީ އެގައުމުގެ ރައީސްގެ ކޮމާންޑްގެ ދަށުގައި ކަމަށާއި އަސްކަރީ އިންގިލާބުތަކަށް ޖާގަ ނުދޭނެކަމަށް އެގައުމުގެ ސިފައިންގެ ވެރިޔާ އަދި ޗީފް ސްޓާފް ޖެނެރަލް ޚަލޫސީ އަރަކާން ވިދާޅުވެއްޖެއެވެ.

ތުރުކީއަށް ގެންނަން މަސައްކަތްކުރި އިންގިލާބާ ދެކޮޅަށް އެގައުމުގައި ބޭއްވި މިލިޔަންމީހުންގެ އެއްވުމުގައި ވާހަކަދައްކަވަމުން ޖެނެރަލް ޚަލޫސީ ވިދާޅުވީ ނާކާމިޔާބު އިންގިލާބުގެ ފަހަތުގައިވާ ކަމަށް ތުހުމަތުކުރެވޭ ދީނީ އިލްމުވެރިޔާ ފަތްހުﷲ ގުލެން އާއި އޭނާގެ "ޓެރަރިސްޓް" ޖަމާއަތުގެ ކުރިމަތީގައި ތުރުކީ ސިފައިން ފަސްނުޖެހެނޭ ކަމަށާ އަދި އެފަރާތްތަކަށް ކުޑަވެސް ދުލެއް ނުދޭނެކަމުގައެވެ.

މިމޭރުމުން ވާހަކަ ދައްކަވަމުން އިންގިލާބާ ގުޅުންހުރިކަން ސާބިތުވާ ސިފައިންނަށް ގާނޫނުގައިވާ އެންމެ ބޮޑު އަދަބު ދެއްވާނެކަމަށްވެސް ޖެނެރަލް ޚަލޫސީ ވިދާޅުވިއެވެ.

ތުރުކީއަށް ގެންނަން މަސައްކަތްކުރި ނާކާމިޔާބު އިންގިލާބާ ދެކޮޅަށް އިސްތަންބޫލްގައި ބޭއްވި އެއްވުމުގައި މިލިޔަނަކަށްވުރެ ގިނަ މީހުން ބައިވެރިވެފައިވާއިރު އެ އެއްވުން ބޭއްވި ވަގުތުގައި ތުރުކީގެ އެކި ސިޓީތަކާއި އަވަށްތަކުގައިވެސް އެއްވުންތައް ބާއްވައި ނާކާމިޔާބު އިންގިލާބާ ދެކޮޅަށް އަޑުއުފުލާފައިވެއެވެ.

އިސްތަންބޫލްގައި ބޭއްވި އެއްވުމުގައި ރައީސް ރަޖަބް ތައްޔިބު އުރުދުޣާންގެ އިތުރުން ތުރުކީގެ އިދިކޮޅު ސިޔާސީ ޕާޓީގެ މެންބަރުންނާއި އެޕާޓީތަކުގެ ލީޑަރުންވެސް އުރުދުޣާންއާއެކު ބައިވެރިވެފައިވެއެވެ. މިއެއްވުމަކީ އިންގިލާބާދެކޮޅަށް ތުރުކީގެ ރައްޔިތުންނާއި ސަރުކާރުގެ އިތުރުން ސިފައިންނާއި އިދިކޮޅު ޕާޓީތައްވެސް ވަރުގަދަ ރޫޙެއްގައި ތިބިކަން ހާމަކުރުމުގެ ގޮތުން ބޭއްވި އެއްވުމެކެވެ. މީގެއިތުރުން މިއީ އުރުދުޣާން ހުޅަނގަށް ދެއްވާ ވަރުގަދަ މެސެޖެއްކަމަށްވެސް ތުރުކީގެ މީޑިޔާއިން ވަނީ ސިފަކޮށްފައެވެ.

މިއެއްވުމުގައި ވާހަކަ ދައްކަވަމުން އުރުދުޣާން ވިދާޅުވީ ބޭރުގެ ފަރާތްތަކުން އިންސާނީ ހައްގުތަކުގެ ނަމުގައި ކިތަންމެ ވާހަކަތަކެއް ދެއްކިނަމަވެސް އިންގިލާބާ ގުޅުންހުރި ފަރާތްތަކަށް ގާނޫނު ތަންދޭ އެންމެ ބޮޑެތި އަދަބުތައް ދެއްވާނެ ކަމުގެ އިންޒާރު ދެއްވާފައެވެ.

އުރުދުޣާންގެ ވާހަކަ ހުރީ ނާކާމިޔާބު އިންގިލާބުގެ ފަހަތުގައިވާ މީހުންނަށް ހަމްދަރްދީ ވާކަމަށް ތުހުމަތު ކުރެވޭ ހުޅަނގުގެ ގައުމުތަކާ އިދިކޮޅު ރޫހެއްގައެވެ. އަދި އިންގިލާބާ ގުޅިގެން އަޅަންޖެހޭ އެއްވެސް ފިޔަވަޅެއް ބޭރުގެ ފިއްތުންތަކާ ގުޅިގެން ނާޅައި ނުބާއްވާނެ ކަމަށްވެސް އުރުދުޣާން ވިދާޅުވިއެވެ. (އަލްޖަޒީރާ)

comment ކޮމެންޓް