މޯލްޑިވްސް ޔުނައިޓެޑް އޮފޮޒިޝަން (އެމްޔޫއޯ)ގެ ރައީސް ޑރ. މުހައްމަދު ޖަމީލް އަހުމަދު ފުލުސް އޮފީހަށް ހާޒިރުވާން އަންގާފައި އޮތް ނަމަވެސް އޭނާ ރާއްޖެ ވަޑައިގަންނަވާނީ ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން ހައްޔަރުކުރުމުން ކަމަށް އެމްޔޫއޯ އިން ބުނެފިއެވެ.
އިނގިރޭސި ވިލާތަށް އަމިއްލައަށް އަރުވާލެވިގެން ހުންނެވި ކުރީގެ ނައިބުރައީސް ޑރ. ޖަމީލާއި ހޯމް މިނިސްޓްރީގެ ކުރީގެ ސްޓޭޓް މިނިސްޓަރު އަކުރަމް ކަމާލުއްދީން 14 ދުވަސް ތެރޭގައި ފުލުހަށް ހާޒިރުވާން އެންގީ އިއްޔެއެވެ. އެ ދެ ބޭފުޅުން ފުލުހަށް ހާޒިރު ކުރަނީ ރައީސް ޔާމީން ހައްޔަރުކުރަން ސައްހަ ނޫން ކޯޓު އަމުރެއް ހެދި މައްސަލައިގެ ތަހުގީގަށެވެ.
އެމްޔޫއޯއިން މިއަދު ނެރުނު ނޫސް ބަޔާނެއްގައި ބުނީ، ޖަމީލް ހުންނެވީ ދިވެހި ފުލުހުންނަށް ހުރިހާ އެއްބާރުލެއްވުމެއް ދެއްވުމަށް ކަމަށާއި ނަމަވެސް ރާއްޖެ ވަޑައިގަންނަވާނީ ރަސްމީ ލިޔެކިޔުމުންނާއި ހެކިތަކާއިއެކު ތަކުރާރުކޮށް ހުށައެޅިފައިވާ މަނީލޯންޑަރިން އާއި ކޮރަޕްޝަނުގެ ތަހްގީގަށް ރައީސް ޔާމީން ހައްޔަރުކުރުމުން ކަމަށެވެ.
މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަންގެ ކޮރަޕްޝަންގެ މައްސަލައަށް އިޝާރާތްކޮށް އެ ބަޔާނުގައި ބުނީ، ސިޔާސީ ވާދަވެރިން ނައްތާލުމަށް ކުރާ މަސައްކަތުގައި ފުލުހުން ބައިވެރިނުވެ ދައުލަތުގެ ބައިތުލްމާލުން ވައްކަން ކުރައްވާފައިވާ ކަމަށް ތުހުމަތުކުރެވޭ މައްސަލައިގެ ތަހުގީގަށް ރައީސް ޔާމީން ހައްޔަރުކުންޖެހޭ ކަމަށެވެ.
ފުލުހުން ރާއްޖޭގެ ގާނޫތަކާމެދު ބާއްވަވަންޖެހޭ އަހަމިއްޔަތުކަން ކުރިއަށް ނެރުމަށް ގޮވާލައި އެ ބަޔާނުގައިވަނީ ސިޔާސީ ވާދަވެރިންނަށް ހަމަލާދިނުމުގައި ފުލުހުންގެ ބޭނުން ނަހަމަގޮތުގައި ހިފުމުގެ އަމަލުތަކުގައި ބައިވެރިވަނީ ނިސްބަތުން މަދު ފުލުހެއް ކަމަށެވެ.
މީގެ އިތުރުން ގާނޫނުއަސާސީން ދިވެހީންނަށް ލިބިދީފައިވާ އަސާސީ ހައްގުތަކާއި ހިޔާލުފާޅުކުރުމުގެ މިނިވަންކަމާއި ނޫސްވެރިކަމުގެ މިނިވަންކަން ބަންދުކުރަން ރައްޔިތުންގެ މަޖިލީސް މެދުވެރިކޮށް ސަރުކާރުން ކުރަމުންގެންދާ މަސައްކަތްތައް ކުށްވެރިކޮށް މިނިވަން މީޑިއާ ހިންގަވާ ވެރިންނަށާއި ސިޔާސީ ވާދަވެރިން ނައްތާލުމަށް ސަރުކާރުން ކުރާ މަސައްކަތްތަކުގައި ފުލުހުން ބައިވެރިނުވުމަށް ބަޔާނުގައި ގޮވާލާފައިވެއެވެ.
ފުލުހުން މީގެ ކުރިން ވަނީ، ޖަމީލް އާއި އަކްރަމް ފުލުސް އޮފީހަށް ހާޒިރު ވުމަށް އަންގައި ޗިޓު ހަވާލު ކުރަން މަސައްކަތް ކޮށްފައެވެ. ނަމަވެސް އެ ދެބޭފުޅުން ތިއްބެވީ ރާއްޖެއިން ބޭރުގައި ކަމުން ޗިޓު ހަވާލު ކުރެވިފައެއް ނުވެ އެވެ.
ފުލުހަށް ހާޒިރުވުމަށް އިއްޔެ ފުލުހުން އެ ދެ ބޭފުޅުންނަށް ދެ ހަފްތާގެ މުއްދަތެއް ދީފައިވާއިރު ފުލުހުން އިއްޔެ ބުނީ، ދިން މުއްދަތުގެ ތެރޭގައި ތަހުގީގަށް ހާޒިރު ނުވެއްޖެނަމަ އަޅަންޖެހޭ ގާނޫނީ އެހެނިހެން ފިޔަވަޅުތައް ފުލުހުން އަޅާނެ ކަމަށެވެ.