ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން ހައްޔަރު ކުރަން ކޯޓު އަމުރެއް ނެރެން މަސައްކަތް ކުރިކަމުގެ ތުހުމަތައް ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލާއި ރާއްޖެ ޓީވީގެ ޗެއާމަން އަކުރަމް ކަމާލުއްދީން ފުލުހުން ހޯދަން ފަށައިފި އެވެ.
އެ ދެބޭފުޅުން ފުލުހަށް ހާޒިރު ކުރުމަށް މަސައްކަތް ކުރަމުންދާއިރު، އެ ދެބޭފުޅުން ތިއްބެވީ އިނގިރޭސީވިލާތުގެ ލަންޑަންގަ އެވެ.
ފުލުހުންގެ އިންފޮމޭޝަން އޮފިސަރު އިސްމާއިލް އަލީ "ސަން"އަށް މިއަދު ވިދާޅުވީ ފުލުހުން ތަހުގީގު ކުރަމުންދާ މައްސަލަތަކަކާއި ގުޅިގެން އެ ދެ ބޭފުޅުންނަށް ޗިޓް ހަވާލު ކުރުމަށް މަސައްކަތް ކުރުމުން އަދި އެކަން ކާމިޔާބު ނުވާ ކަމަށެވެ.
"ހާޒިރު ކުރަން ޗިޓް ހަވާލުކުރަން އަޅުގަނޑުމެން މަސައްކަތް ކުރީ، އެކަމަކު އަދި ޗިޓް ހަވާލެއް ނުކުރެވޭ،" އިސްމާއިލް ވިދާޅުވި އެވެ.
ރައީސް ހައްޔަރު ކުރަން ކޯޓު އަމުރު ނެރުމަށް މަސައްކަތް ކުރި މައްސަލާގެ އިތުރުން ތުހުމަތުކުރެވޭ އިތުރު މައްސަލަތަކެއް ވެސް އުޅޭ ކަމަށް އިސްމާއިލް ވިދާޅުވި އެވެ. އެ ދެ ބޭފުޅުން ފުލުހުންގެ އިދާރާއަށް ހާޒިރުވުމަށް އިސްމާއިލް އިލްތިމާސްކޮށްފި އެވެ.
ރައީސް ޔާމީން ހައްޔަރުކުރަން ކުރި މަސައްކަތުގެ އެންމެ އަޑީގައި ހުރީ ކުރީގެ ނައިބު ރައީސް ޖަމީލް ކަމަށް ކްރިމިނަލް ކޯޓުގައި ހެކިބަސް ދިން ސިއްރު ހެކިވެރިޔަކު ވަނީ ބުނެފަ އެވެ.
ދެ ވަނަ އަށް ހެކިބަސްދިން މީހާ ބުނީ ސައްޙަ ނޫން ކޯޓު އަމުރެއް ނެރެގެން ރައީސް ޔާމީން ހައްޔަރުކުރުމުގެ އަޑީގައި ހުރީ ޑރ. ޖަމީލް ކަމަށާއި އެކަމުގައި ހޯމް މިނިސްޓްރީގެ ކުރީގެ ސްޓޭޓް މިނިސްޓަރު އަކުރަމް ކަމާލުއްދީން ވެސް ބައިވެރިވެވަޑައިގެންފައިވާ ކަމަށެވެ.
އެ ކޯޓު އަމުރުގެ މައްސަލާގައި އދ. މާމިގިލީ ކޯޓުގެ އިސް މެޖިސްޓްރޭޓް އަހްމަދު ނިހާން އާއި ކުރީގެ ޕުރޮސިކިއުޓާ ޖެނެރަލް މުހުތާޒު މުހުސިންއަށް ވަނީ 17 އަހަރުގެ ޖަލު ހުކުމެއް އިއްވާފައެވެ.