ކ. އަތޮޅު ގުރައިދޫ ސްކޫލަށް އިތުރުކުރި ނުވަ ކުލާސްރޫމްގެ އިމާރާތް ރަސްމީކޮށް ހުޅުވައި، މުޅި ސްކޫލް ޑިޖިޓަލައިޒް ކޮށްފި އެވެ.
އެޑިއުކޭޝަން މިނިސްޓްރީން ގުރައިދޫ ސްކޫލުގައި އިމާރާތްކުރި ނުވަ ކުލާސްރޫމްގެ ތިން ބުރީގެ އިމާރާތް ރަސްމީކޮށް ހުޅުވައިދެއްވީ، އެ ސްކޫލުގައި މިއަދު ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި އެރަށަށް މިއަދު ވަޑައިގަތް އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު ޝިހާމެވެ.
ޕްރޮޖެކްޓަރު ހަރުކޮށް ޒަމާނީ ކުލާސްރޫމްތަކެއް ހިމެނޭ ގޮތަށް ހަދާފައިވާ އެ އިމާރާތަކީ ސަރުކާރުން އަށް މިލިއަން ރުފިޔާ ހަރަދުކޮށްގެން ސެޕްޓެމްބަރު 11، 2014 ވަނަ އަހަރު ސްޕީޑް ކޮންސްޓްރަކްޝަން ނަމަކަށްކިޔާ ކުންފުންޏާ ހަވާލުކުރި މަޝްރޫއެކެވެ.
އެ އިމާރާތް މިއަހަރުގެ ޖަނަވަރީ މަހުން ފެށިގެން ދަނީ ބޭނުން ކުރަމުން ނެވެ.
ގުރައިދޫ އަށް މިނިސްޓަރު އައިޝަތު ޝިހާމް ވަޑައިގަތުމުގެ ކުރިން މިއަދު ވަނީ ކ. ކާށިދޫ އަށާއި އެ އަތޮޅު ގާފަރަށް ވެސް ވަޑައިގަތް އެރަށުގެ ސްކޫލުގެ އިސްވެރިންނާއި ބެލެނިވެރިންނާ ބައްދަލުކުރައްވާ ސްކޫލްގެ ހާލަތު ބައްލަވާލައްވާފަ އެވެ. އަދި މިނިސްޓަރާއެކު ވަޑައިގަތް އެޑިއުކޭޝަން މިނިސްޓްރީގެ ޓީމުން ވަނީ އެ ދެ ރަށުގައި ބެލެނިވެރިންނަށާއި ދަރިވަރުންނަށް ހާއްސަ ސެޝަންތަކެއް ކުރިއަށް ގެންގޮސްފަ އެވެ.
ކާށިދޫ ސްކޫލުގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި ގުރައިދޫ ސްކޫލްގެ ހުރިހާ ކުލާސްރޫމެއް ޒަމާނީ ކުރުމަށްފަހު ވަނީ އިފްތިތާހްކޮށްފަ އެވެ. އެކަން އިފްތިތާހް ކޮށްދެއްވީ މުޅި ސްކޫލް ޑިޖިޓަލައިޒް ކުރުމަށް ބޮޑު އެހީތެރިކަމެއް ދެއްވި ގުރައިދޫ ދާއިރާގެ މެމްބަރު އިބްރާހިމް ރިޒާ އެވެ.
ނާސަރީ އިން ފެށިގެން އޭލެވެލްއާ ހަމައަށް ކިޔަވައިދެމުން އަންނަ ގުރައިދޫ ސްކޫލް ޑިޖިޓަލައިޒް ކުރުމަށް ރަށު ކައިރީގައި އޮތް ރިސޯޓް ތަކުންނާއި ރަށުގެ ކަމުއޮށިގެންވާ ފަރާތްތަކުންނާއި ރަށުގެ ޖަމިއްޔާ ޖަމާއަތްތަކުގެ އިތުރުން ބެލެނިވެރިންގެ އެހީތެރިކަންވަނީ ފޯރުކޮށްދީފަ އެވެ.
ޓޫރިޒަމް މިނިސްޓަރު މޫސާ ޒަމީރު ވެސް ބައިވެރިވެވަޑައިގަތް މިއަދުގެ ރަސްމިއްޔާތުގައި 50 އަހަރު ފުރުން ފާހަގަކުރަމުންދާ ގުރައިދޫ ސްކޫލުގެ އާ ލަވަ ވެސް ވަނީ އިފްތިތާހް ކޮށްފަ އެވެ.