ޒަކާތު ފަންޑުން ދޭ ސްކޮލަޝިޕްތަކަށް ކުރިމަތިލާން ހުޅުވާލައިފި

ޒަކާތު ހައުސްއިން ސްކޮލާޝިޕްތަކަކަށް ކުރިމަތިލާން ހުޅުވައިލައިފި --- ފޮޓޯ/ ޒަކާތު ހައުސް

މޯލްޑިވްސް ޒަކާތު ހައުސްއިން ރާއްޖެއާއި ރާއްޖެއިން ބޭރުން މާސްޓާސް އަދި ޕީއެޗްޑީ ފެންވަރަށް ކިޔެވުމަށް ޖުމްލަ 30 ސްކޮލާޝިޕްގެ ފުރުސަތު ވަނީ ހުޅުވާލާފައެވެ. މީގެ ތެރޭގައި ރާއްޖޭގައި ކިޔެވުމަށް 10 ފުރުސަތާއި ރާއްޖެއިން ބޭރުން ކިޔެވުމަށް 20 ފުރުސަތު ހިމެނެއެވެ. މި ފުރުސަތުތައް މައިގަނޑު ގޮތެއްގައި އަމާޒުކޮށްފައިވަނީ އިސްލާމީ ތަފާތު ދާއިރާތަކަށެވެ. އޭގެ ތެރޭގައި އިސްލާމީ ޝަރީއާއާއި، ޤުރްއާނާ ބެހޭ ޢިލްމާއި، ފިޤުހާއި، އިސްލާމީ ނޫސްވެރިކަމާއި، އިސްލާމީ ލީޑާޝިޕް އެންޑް މެނޭޖްމަންޓް ފަދަ މުހިންމު ދާއިރާތައް ހިމެނެއެވެ. މި ސްކޮލާޝިޕްތަކުގެ ދަށުން ރާއްޖޭގައި ކިޔެވުމުގެ ފުރުސަތު ދީފައިވަނީ އައިޔޫއެމްއާއި އެމްއެންޔޫއާއި ވިލާ ކޮލެޖުގެ އިތުރުން އެވިޑް އަދި ޒިކުރާ ކޮލެޖުންނެވެ. ބޭރުން ކިޔެވުމަށް ފުރުސަތު ހުޅުވާލާފައިވަނީ އަލް އަޒްހަރު ޔުނިވާސިޓީއާއި އައިއައިޔޫއެމް ފަދަ މަޝްހޫރު އިސްލާމީ ޔުނިވާސިޓީތަކުންނެވެ. މީގެ އިތުރުން، އަންހެން ޑޮކްޓަރުން ތަމްރީނުކުރުމަށާއި، ސައުދީ އަދި މިސްރުގައި ކިޔަވާ ދަރިވަރުންނަށް ޚާއްސަ ފުރުސަތުތަކެއް ވަނީ ކަނޑައަޅާފައެވެ. އެޕްލިކޭޝަން ހުށަހެޅުމުގެ އެންމެ ފަހުގެ ތާރީޚަކީ އަންނަ ޖުލައި މަހުގެ 16 ވަނަ ދުވަހުގެ މެންދުރު 14:00 އެވެ. އެޕްލިކޭޝަން ހުށަހަޅަންޖެހެނީ ޒަކާތު ހައުސްގެ ސްކޮލާޝިޕް އީމެއިލް އަށެވެ.

  • އިސްލާމީ ޝަރީއާއާއި، ޤުރްއާނާ ބެހޭ ޢިލްމު ފަދަ ދާއިރާތަކުން މާސްޓާސް އަދި ޕީއެޗްޑީއަށް ކިޔެވުމުގެ 30 ފުރުސަތު ހުޅުވާލުން.
  • ރާއްޖޭގެ ކޮލެޖުތަކާއި ބޭރުގެ މަޝްހޫރު އިސްލާމީ ޔުނިވާސިޓީތަކުން ކިޔެވުމަށް ފުރުސަތު ދިނުން.
  • އަންހެނުންގެ ސިއްހަތާ ގުޅޭ ދާއިރާއިން އަންހެން ޑޮކްޓަރުން ތަމްރީނުކުރުމަށް 5 ޚާއްސަ ސްކޮލާޝިޕް ކަނޑައެޅުން.
  • ޝަރުތުތަކުގެ ތެރޭގައި 18 އަހަރު ފުރިފައިވުމާއި، މާލީ އެހީތެރިކަން ބޭނުންވެފައިވާ ފުރިހަމަ ވަގުތު ކިޔަވާ ދަރިވަރަކަށްވުން ހިމެނުން.
  • ސަރުކާރުގެ އެހެން އިދާރާއަކުން މާލީ އެހީތެރިކަން ނުލިބޭ ދަރިވަރުންނަށް ވުން ލާޒިމުކުރުން.
  • ދަރިވަރުން ހޮވުމުގެ ކަންކަން ކުރިއަށްގެންދާނީ ޒަކާތު ފަންޑުން އެކުލަވާލައިފައިވާ ޚާއްސަ ކޮމިޓީއަކުން.

ރާއްޖެއާއި ރާއްޖޭން ބޭރުން މަތީ ތައުލީމު ހާސިލުކުރަން ބޭނުންވާ ދިވެހި ދަރިވަރުންނަށް މަތީ ތައުލީމުގެ ސްކޮލާޝިޕްތަކާއި، ޚާއްސަ ސްކޮލާޝިޕް ފުރުސަތުތަކަށް ކުރިމަތިލުމުގެ ފުރުސަތު މޯލްޑިވްސް ޒަކާތު ހައުސްއިން ހުޅުވާލައިފިއެވެ.

ޒަކާތު ހައުސްއިން ބުނީ މި ސްކޮލާޝިޕްތަކުގެ ދަށުން އިސްލާމީ އެކި ދާއިރާތަކުން މާސްޓާސް އަދި ޕީއެޗްޑީ ލެވެލްއަށް ކިޔެވުމުގެ ފުރުސަތު މިހާރު ހުޅުވާލެވިފައިވާ ކަމަށެވެ.

އޭގެތެރޭގައި އިސްލާމީ ޝަރީއާއާއި، ޤުރްއާނާ ބެހޭ ޢިލްމާއި، އިސްލާމީ ތަޢުލީމުގެ އިތުރުން އިސްލާމީ ދިރާސާއާއި ޝާއިއުކުރުމާއި އިސްލާމީ ނޫސްވެރިކަމާއި ޢަޤީދާ ހިމެނެއެވެ. އަދި ފިޤުހާއި އުސޫލުލް ފިޤުހުގެ އިތުރުން އިސްލާމީ ލީޑާޝިޕް އެންޑް މެނޭޖްމަންޓް ފަދަ ދާއިރާތައް ވެސް މީގެތެރޭގައި ހިމެނޭކަމަށް ޒަކާތު ހައުސްއިން ވަނީ ބުނެފައެވެ.

ޒަކާތު ހައުސްއިން ބުނީ ރާއްޖޭގައި ކިޔަވާ ދަރިވަރުންނަށް އައިޔޫއެމްއާއި އެމްއެންޔޫއާއި ވިލާ ކޮލެޖުގެ އިތުރުން އެވިޑް ކޮލެޖު އަދި ޒިކުރާ ކޮލެޖުފަދަ މުއައްސަސާތަކުން ކިޔެވުމުގެ ފުރުސަތު އޮންނާނެ ކަމަށެވެ. އަދި ރާއްޖެއިން ބޭރުގައި ފުރުސަތު ހުޅުވާލެވިފައި ވަނީ އަލް އަޒްހަރު ޔުނިވާސިޓީއާއި އައިއައިޔޫމްއާއި އިންސިފްގެ އިތުރުން ޔޫއެސްއައިއެމްއާއި ޔޫބީޑީ އަދި އައިއައިޔޫއައި އިންނެވެ.

ޒަކާތު ހައުސްއިން ބުނީ މި ފުރުސަތުގެ ދަށުން ދޫކުރުމަށް ހަމަޖެހިފައި ވަނީ ޖުމްލަ 30 ސްކޮލާޝިޕް ކަމަށެވެ. ރާއްޖޭގައި ކިޔެވުމަށް 10 ފުރުސަތާއި ރާއްޖެއިން ބޭރުން ކިޔެވުމަށް 20 ފުރުސަތު މީގެ ތެރޭގައި ހިމެނެއެވެ.

މީގެ އިތުރުން ޒަކާތު ހައުސްއިން ވަނީ ޚާއްސަ ސްކޮލާޝިޕް ސްކީމުތަކެއް ވެސް ތާރަފުކޮށްފައެވެ. އޭގެ ތެރޭގައި ސައުދީއާއި މިސްރުގައި މިހާރު ކިޔަވާ ދަރިވަރުންނަށް ސްޓައިޕްންޑް ލިބޭ ގޮތަށް ދޭ ފަސް ފުރުސަތަކާއި އަންހެނުންގެ ސިއްހަތާ ގުޅުންހުރި ދާއިރާތަކުން އަންހެން ޑޮކްޓަރުން ތަމްރީނުކުރުމަށް ދޭ ފަސް ޚާއްސަަ ސްކޮލާޝިޕެއް ހިމެނެއެވެ.

ޒަކާތު ހައުސްއިން ބުނީ އެ ސްކޮލާޝިޕްތަކަށް ކުރިމަތިލާ ދަރުވަރުންނަކީ އުމުރުން 18 އަހަރު ފުރިފައިވާ ދިވެހި ރައްޔިތެއް ކަމުގައި ވާން ޖެހޭނެ ކަމަށެވެ. އަދި މާލީ އެހީތެރިކަމަށް ބޭނުންވެފައިވާ ދަރިވަރަކަށް ވުމާއެކު ކިޔަވަން ބޭނުންވާ ޕްރޮގްރާމަށް، އެކަޑަމިކް ގޮތުން ޝަރުތު ހަމަވުމުގެ އިތުރުން، އެ ދަރިވަރަކީ އެމްކިއުއޭއިން ކްރެޑިޓްކޮށްފައިވާ ފުލްޓައިމް ކޯހެއްގައި އެންރޯލްވެފައިވާ ދަރިވަރަކަށް ވާންޖެހޭނެ ކަމަށް ޒަކާތު ހައުސް އިން ވަނީ ބުނެފައެވެ. އަދި ސަރުކާރުގެ އެހެން މުއައްސަސާއެއްގެ މާލީ އެހީތެރިކަން ލިބޭ ދަރިވަރަކަށް ވެގެން ނުވާނެ ކަމަށް ވަނީ ބުނެފައެވެ.

ޒަކާތު ހައުސްއިން ވަނީ އިތުރު އެހެން ދާއިރާތަކުން ކިޔެވުމަށް ހުށަހެޅުމުގެ ފުރުސަތުވެސް އޮންނާނެ ކަމަށް ބުނެފައެވެ. ނަމަވެސް އެއީ ދިވެހި، އިސްލާމީ މުޖުތަމައު ތަރައްގީކުރުމަށް މުހިންމު ދާއިރާއަކަށް ވާން ޖެހޭނެ ކަމަށް ބުންޏެވެ.

އެހެންކަމުން އެޕްލިކޭޝަން ހުށަހަޅާ އިރު ބޭނުންވާ ހުރިހާ ލިޔެކިޔުންތަކެއް ހިމެނުމަށް ޒަކާތު ހައުސްއިން ވަނީ އެދިފައެވެ. އަދި އެޕްލިކޭޝަންތައް އިވެލުއޭޓްކޮށް ދަރިވަރުން ހޮވުމުގެ މަސައްކަތް ކުރާނީ ޒަކާތު ފަންޑުން މަތީ ތައުލީމަށް އެހީތެރިކަން ފޯރުކޮށްދިނުމަށް އެކުލަވާލައިފައިވާ ކޮމިޓީއިން ކަމަށް ވެސް ވަނީ ބުނެފައެވެ.

މި ސްކޮލާޝިޕްތަކަށް އެޕްލައިކުރުމުގެ ސުންގަޑިއަކީ އަންނަ ޖުލައި މަހުގެ 16 ވަނަ ދުވަހުގެ މެންދުރު 14:00އަށެވެ. އެޕްލިކޭޝަންތައް ފޮނުވާނީ [email protected] އަށް އީމެއިލް މެދުވެރިކޮށެވެ.

comment ކޮމެންޓް