ބ. ހިބަޅިދޫން ހަނގުރާމަވެރި ހަތިޔާރު ފެނުނު މައްސަލާގައި ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު އަބްދުލް ޣަފޫރާއި ސިފައިންގެ ބަޑި ގުދަނުގެ ކުރީގެ ވެރިޔާ އަހުމަދު ފަޔާޒު އަލީ ރިޒާގެ މައްޗަށް ދައުވާ ނުކުރެވޭނެ ކަމަށް ބުނެ އެ ދެ ބޭފުޅުންގެ ގާނޫނީ ވަކީލުން އިޖުރާއީ ނުކުތާއެއް ނަގައިފިއެވެ.
މިއަދު ކްރިމިނަލް ކޯޓުގައި ބޭއްވި ޝަރީއަތުގެ މަޖިލީހުގައި އަދީބުގެ ގާނޫނީ ވަކީލު މޫސާ ސިރާޖު ވިދާޅުވީ މިއަހަރުގެ މެއި މަހުގެ އެއްވަނަ ދުވަހު ގ. ހުމަށި އާއި ރެހެންދި ފްލެޓުގެ އެޕާޓްމަންޓެއްގައި ހަތިޔާރު ގެންގުޅުއްވި ކަމަށް ބުނެ މީގެކުރިން އަދީބުގެ މައްޗަށް ކުރި ދައުވާ ސާބިތުވެ 10 އަހަރު ދުވަހުގެ ޖަލުހުކުމެއް އިއްވާފައިވާ ކަމަށެވެ.
ސިރާޖު ވިދާޅުވީ މި މައްސަލައި ވެސް ދައުވާކޮށްފައި ވަނީ ގ. ހުމަށި އާއި ރެހެންދި ފްލެޓުގެ އެޕާޓްމަންޓެއްގައި ފިސްތޯލަ ގެންގުޅުއްވި ކަމަށް ބުނެ ކަމަށާއި ތަފާތަކީ އެތަކެތި ހިބަޅިދޫގައި ހުރުން ކަމަށެވެ.
"އެހެންވީމަ އަނެއްކާ ދައުވާކުރަންވީ މެއި މަހުގެ ދެވަނަ ދުވަހު ވެސް ހަތިޔާރުތައް ދެއްކިއޭ ކިޔާފަ އިތުރު ދައުވާއެއް،" ސިރާޖު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ އެއްކުށަކަށް ދެ އަދަބު ނުދެވޭނެ ކަމަށް ގާނޫނު އަސީސީގެ 60 ވަނަ މާއްދާގެ (ހ) ގައި ބުނެފައިވާ ކަމަށެވެ.
ޖިނާއީ ކުށެއްގެ ދައުވާ މީހެއްގެ މައްޗަށް ސާބިތުވެއްޖެނަމަ، ދެވަނަ ފަހަރަށް ހަމަ އެ ކުށެއްގެ ނުވަތަ އެކުށުގެ އަމަލުން ފުރިހަމަވާ އެހެން ކުށެއްގެ ދައުވާ އެމީހެއްގެ މައްޗަށް ނުއުފުލޭނެ ކަމަށް ގާނޫނު އަސީސީގެ 60 ވަނަ މާއްދާގެ (ހ) ގައި ވަނީ ބުނެފައެވެ.
ގާނޫނު އަސާސީގެ އިތުރުން ގާނޫނުލް އުގޫބާތުގައި ވެސް އެގޮތަށް ބަޔާންކޮށްފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.
އެވާހަކަތަކާ ގުޅޭގޮތުން ދައުލަތުގެ ވަކީލު ވިދާޅުވީ ކުރިން އަދީބުގެ މައްޗަށް ޓެރަރިޒަމްގެ ދައުވާ އުފުލާފައި ވަނީ މިދިޔަ އަހަރުގެ މެއި މަހުގެ އެއްވަނަ ދުވަހު ހަމަނުޖެހުން ހިންގަން އުޅުނު މައްސަލާގައި ކަމަށެވެ. ނަމަވެސް ސިރާޖު ވިދާޅުވީ އެއީ ހަގީގަތެއް ނޫންކަމަށާއި ކްރިމިނަލް ކޯޓުން ކުރި ހުކުމަށް ބެލުމުން އެކަން އެނގޭނެ ކަމަށެވެ.
ފަޔާޒުގެ ގާނޫނީ ވަކީލު މަހުފޫޒު ސައީދު ވިދާޅުވީ އެޕްރީލް 26، 2015 ވަނަ ދުވަހުން ފެށިގެން އެމްއެންޑީއެފްގެ އޯޑްނަންސް ސާވިސް ޔުނިޓު ހިންގުމާ ހަވާލުވެ ހުންނެވި އިރު، އެ ޔުނިޓުގެ ބެލުމުގެ ދަށުގައި ހުރި ސިފައިންގެ ބަޑިގުނަދުގެ ލިޔުންތައް އޮޅުވާލަން މަސައްކަތްކޮށްފައިވާ ކަމަށް ދައުވާގައި ބުނެފައިވީނަމަވެސް ތަހުގީގުގައި އެކަމާ ގުޅޭގޮތުން ސުވާލުކޮށްފައިނުވާ ކަމަށެވެ.
އޭނާ ވިދާޅުވީ ތަހުގީގުގައި އެ ސުވާލުކުރިނަމަ އެކަމަށް ފަޔާޒު ޖަވާބުދާރީވާނެ ކަމަށާއި އެއިރުން ޖަވާބުދާރީވާގޮތުގެ މައްޗަށް ބިނާކޮށް ތަހުގީގުގެ މިސްރާބު ގެންދަންވީ ކޮން ދިމާލަކަށްކަން އެނގިގެންދާނެ ކަމަށެވެ.
އެވާހަކަތަކުގެ ރައްދުގައި ދައުލަތުގެ ވަކީލު ވިދާޅުވީ އެ މައްސަލައިގެ ތަހުގީގަށް ފަޔާޒުގެ ބަޔާނެއް ނަގާފައިވާ ކަމަށެވެ. ނަމަވެސް ދައުލަތުގެ ވަކީލަށް އިޖުރާއީ ނުކުތާ ރަނގަޅަށް ސާފުނުވަނީ ކަމަށް ވިދާޅުވެ މަހުފޫޒު ވަނީ ސުޕްރީމް ކޯޓާއި ހައިކޯޓުގެ ގަޒިއްޔާތަކާ ހަވާލާދެއްވައި ބައެއް ކަންކަން ފާހަގަކުރައްވާފަ އެވެ.
މިއަދުގެ އަޑުއެހުމުގައި އަދީބާއި ފަޔާޒު ވަނީ އެ ދައުވާ އަށް އިންކާރު ކުރައްވާފަ އެވެ.
ގާޒީ އަހުމަދު ޝަކީލް މިއަދުގެ އަޑުއެހުން ނިންމަވާލެއްވީ ދެން އޮންނަ އަޑުއެހުމެއްގައި އިޖުރާއީ ނުކުތާއާ މެދު ގޮތެއް ނިންމަވާނެ ކަމަށް އިއުލާން ކުރެއްވުމަށްފަހު އެވެ.
އެ މައްސަލާގައި ދައުވާ އުފުލާފައިވާ މީހުންގެ ތެރެއިން ރާއްޖެއިން ބޭރުގައި އުޅޭ މ. ސެސްނާ މުހައްމަދު އައްލާމް ލަތީފާއި މ. ލޭންޑް އޮފް ގާޑަން އަހުމަދު އިޝްފާހު އަލީ އާއި އެފްއޭއެމްގެ ނޮމިލައިޒޭޝަން ކޮމެޓީގެ ކުރީގެ މެމްބަރު މުހައްމަދު ހުސައިން (އޮއިއްޓޭ) ރާއްޖެ ގެނައުމަށްޓަކައި ކުރަންޖެހޭ މަސައްކަތްތައް ކަމާބެހޭ ފަރާތްތަކުން ކުރަމުން އަންނަ ކަމަށް ދައުލަތުގެ ވަކީލު މިއަދު ވެސް ވަނީ ވިދާޅުވެފައެވެ.