ސާކް އެނާޖީ ސެންޓަރާއެކު ހަކަތައިގެ ތަފާސްހިސާބު އެއްކުރުމާ ގުޅޭ ތަމްރީންތަކެއް ރާއްޖޭގައި ހިންގައިފި

ސާކް އެނާޖީ ސެންޓަރާއެކު ހަކަތައިގެ ތަފާސްހިސާބު އެއްކުރުމާގުޅޭ ތަމްރީން ފުރިހަމަ ކުރި ބައިވެރިންނާއެކު އެންވަޔަރަމަންޓް މިނިސްޓަރު ތާރިގް އިބްރާހިމް --- ސަން ފޮޓޯ/ ފަޔާޒު މޫސާ

އިސްލާމްއާބާދުގައި ހުންނަ ސާކް އެނާޖީ ސެންޓަރާ ގުޅިގެން ހަކަތައިގެ ދާއިރާގެ ތަފާސް ހިސާބު އެއްކޮށް ބެލެހެއްޓުމާ ގުޅޭ ތަމްރީން ޕްރޮގްރާމެއް ރާއްޖޭގައި ހިންގައި ބައިވެރިންނަށް ސެޓްފިކެޓް ދީފި އެވެ.

އެންވަޔަރަންމަންޓް މިނިސްޓްރީގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި އިއްޔެ އާއި މިއަދު ބޭއްވި ތަމްރީން ޕްރޮގްރާމްގައި ބައިވެރިވި ބައިވެރިންނަށް ސެޓްފިކެޓް ހަވާލުކޮށްދެއްވީ އެންވަޔަރަންމަންޓް މިނިސްޓަރު ޠާރިޤު އިބްރާހިމް އެވެ.

ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން މިނިސްޓަރު ޠާރިޤު ވިދާޅުވީ، ގައުމެއްގެ ފަގީރުކަން ލުއިކުރުމާއި ދެމެހެއްޓެނެވި އިގްތިސާދެއް ކުރިއެރުވުމަށް ހަކަތައިގެ ދާއިރާއަކީ މުހިއްމު ދާއިރާއެއް ކަމަށެވެ. އަދި ހަކަތައިގެ ދާއިރާގައި ރާއްޖެއަށް ވެސް އެކިދާއިރާތަކުން ގޮންޖެހުންތަކެއް ހުރި ކަމަށް ވިދާޅުވި އެވެ.

މަތީ ފެންވަރެއްގައި ހަކަތައިގެ ތަފާސްހިސާބު އެއްކޮށް ބެލެހެއްޓުމަކީ ސަރުކާރުން ގާއިމްކުރަން ބޭނުންވާ ހަކަތައިގެ ޕޮލިސީތައް ގާއިމްކޮށް ބެލެހެއްޓުމަށް މުހިއްމު އަމާޒަކަށްވާއިރު މިއަދު ނިމިގެން ދިޔަ ޕްރޮގްރާމަކީ މުހިއްމު ތަމްރީންތަކެއް ކަމަށް މިނިސްޓަރު ޠާރިޤު ފާހަގަކުރެއްވި އެވެ.

އެ ޓްރެއިނިން ކުރިއަށް ގެންގޮސްދެއްވާފައިވަނީ ޕާކިސްތާން ސަރުކާރުގެ ކޭޕީ އިކޮނޮމިކް ޒޯން ޑިޕާޓްމަންޓް އެންޑް މެނޭޖްމަންޓް ކޯޕަރޭޝަންގައި ޗީފް އިންފޮމޭޝަން އޮފިސަރުގެ މަގާމުގައި މަސައްކަތް ކުރައްވާ ބޭފުޅެއް ކަމަށްވާ ޑޮކްޓަރު ސާހިބްޒާދާ އަލީ މަހްމޫދެވެ.

ހަ މުއައްސަސާއަކުން ޖުމްލަ 15 މީހުން ބައިވެރިވެގެން ދެ ދުވަހުގެ މުއްދަތަށް ކުރިއަށްގެންދިޔަ އެ ތަމްރީން ޕްރޮގްރާމުގައި ހަކަތައިގެ ދާއިރާގެ ތަފާސްހިސާބު އެއްކޮށް ބެލެހެއްޓުމުގެ މުހިންމުކަމާއި ހަކަތައިގެ ދާރިރާގެ ޕްލޭން ތަކާއި ސިޔާސަތުތައް އެކުލަވަލުމުގައި ތަފާސްހިސާބުގެ ދައުރާއި އަދި މައުލޫމާތު އެއްކުރާނެ ގޮތްތަކާ ބެހޭގޮތުން ވަނީ ބައިވެރިންނަށް މައުލޫމާތު ދީފައިވެ އެވެ.

ކޮންމެ އަހަރަކުވެސް ސާކް އެނާޖީ ސެންޓަރުން ދަނީ ހަކަތައާއި ގުޅުންހުރި ތަފާތު ވޯކްޝޮޕްތަކާއި ޓްރެއިނިންތައް އެކި މެމްބަރު ގައުމުތަކުގައި ބާއްވަމުންނެވެ. އެންމެ ފަހުން ދިވެހިރާއްޖޭގައި ސާކް އެނާޖީ ސެންޓަރުގެ ފަރާތުން މަސައްކަތު ބައްދަލުވުމެއް ބާއްވާފައިވަނީ 2015 ވަނަ އަހަރުގެ ޑިސެމްބަރު މަހު އެވެ.

comment ކޮމެންޓް