އެންމެ ގިނައިން ޓެކްސް ދެއްކި ޓްރެވަލް އޭޖެންސީއަކަށް ސަން ހޮޓެލްސް އެންޑް ރިސޯޓްސް

ރައީސް އޮފީހުގެ މިނިސްޓަރު ޒުހޫރު، އެންމެ ގިނައިން ޓެކްސް ދެއްކި ޓްރެވަލް އޭޖެންސީއަކަށް ދޭ ރަންލާރި އެވޯޑް ސަން ހޮޓެލްސް އެންޑް ރިސޯޓްސް ޕްރައިވެޓް ލިމިޓެޑްގެ ސީނިއާ އެގްޒެކެޓިވް ޑައިރެކްޓަރު އަހުމަދު ޝާކިރާ ހަވާލުކޮށްދެއްވަނީ -- ސަން ފޮޓޯ: ޑިޖިޓަލް ސްޓޫޑިއޯ

ރާއްޖޭގެ ޓްރެވަލް އެޖެންސީތަކުގެ ތެރެއިން އެންމެ ގިނައިން ޓެކްސް ދެއްކި ފަރާތަށް މޯލްޑިވްސް އިލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) އިން ދޭ "ރަންލާރި އެވޯޑް" ސަން ހޮޓެލްސް އެންޑް ރިސޯޓްސް ޕްރައިވެޓް ލިމިޓެޑަށް ލިބިއްޖެ އެވެ.

ޓެކްސްގެ ގާނޫނުތަކުގެ ދަށުން އަދާކުރަންޖެހޭ އިލްތިޒާމްތައް ގަވާއިދުން އަދާކޮށްފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ ގިނަ އަދަދަކަށް ފައިސާ ދައްކާފައިވާ ފަރާތްތަކަށް މީރާ އިންދޭ ރަންލާރި އެވޯޑް ސަން ހޮޓެލްސް އެންޑް ރިސޯޓްސް އަށް ހަވާލުކޮށްފައި ވަނީ، މީރާގެ ހަ ވަނަ އަހަރީ ދުވަސް ފާހަގަކުރުމަށް އަންގާރަ ދުވަހުގެ ރޭ ދަރުބާރުގޭގައި ބޭއްވި ހަފްލާގައެވެ.

އެ ހަފްލާގައި މިއަހަރު 11 ގިންތިއަކުން 17 ފަރާތަކަށް ރަންލާރި އެވޯޑް ދީފައިވާއިރު، އެވޯޑްތައް ހަވާލުކޮށްދެއްވީ ރައީސުލް ޖުމްހޫރިއްޔާ އޮފީހުގެ މިނިސްޓަރު އަދި އިކޮނޮމިކް އެންޑް ޔޫތް ކައުންސިލްގެ ޗެއާ އަހުމަދު ޒުހޫރެވެ.

ސަން ހޮޓެލްސް އެންޑް ރިސޯޓްސް ޕްރައިވެޓް ލިމިޓެޑްގެ ސީނިއާ އެގްޒެކެޓިވް ޑައިރެކްޓަރު އަހުމަދު ޝާކިރާ ހަވާލުކޮށްދެއްވަނީ -- ސަން ފޮޓޯ: ޑިޖިޓަލް ސްޓޫޑިއޯ

ސަން ހޮޓެލްސް އެންޑް ރިސޯޓްސް އަށް ލިބުނު އެވޯޑާ ހަވާލުވެލެއްވީ ސަން ހޮޓްލްސް އެންޑް ރިސޯޓްސްގެ ސީނިއާ އެގްޒެކެޓިވް ޑައިރެކްޓަރު އަހުމަދު ޝާކިރެވެ. މިއީ ސަން ހޮޓެލްސް އެންޑް ރިސޯޓްސް އަށް މި އެވޯޑް ލިބުނު ދެ ވަނަ ފަހަރެވެ.

ރާއްޖޭގެ ކާމިޔާބު ވިޔަފާރި ކުންފުނި ސަން ސިޔާމް ގްރޫޕުގެ ދަށުން ހިންގާ ސަން ހޮޓެލްސް އެންޑް ރިސޯޓްސް މީރާގެ ރަންލާރި އެވޯޑް ލިބިފައިވާއިރު، ސަން ސިޔާމް ގްރޫޕުގެ ދަށުން ހިންގާ ރިސޯޓްތަކަށް ވެސް މިއަހަރުގެ ތެރޭގައި ވަނީ ގިނަ އެވޯޑްތަކެއް ލިބިފައެވެ.

އެގޮތުން ރާއްޖޭގައި ފުރަތަމަ ފަހަރަށް ޓޫރިޒަމް ފިލްމު ފެސްޓިވަލެއް ބޭއްވި ސަން ސިޔާމް އިރު ފުއްޓަށް މިއަހަރުގެ ތެރޭގައި ވަނީ ބައިނަލްއަގްވާމީ ހަތަރު އެވޯޑެއް ލިބިފައެވެ.

ޓެކްސް ދައްކާ ފަރާތްތަކުން ކުރާ ބުރަ މަސައްކަތް ބަލައިގަނެ އަގު ވަޒަންކުރުވުމަށް މީރާ އިން 2012 ވަނަ އަހަރުން ފެށިގެން ދެމުން އަންނަ ރަންލާރި އެވޯޑްގެ ސަބަބުން ގިނަ ކުންފުނިތަކެއް ޓެކްސް ދެއްކުމަށް މަސައްކަތްކުރި ނަމަވެސް، ޓެކްސް ނުދައްކައިގެން މީރާއިން ނަން ހާމަކުރާ ބައެއް ކުންފުނިތަކުގެ ތެރޭގައި ބޮޑެތި ކުންފުނިތައް ހިމެނޭކަން ފާހަގަކުރެވެ އެވެ.

comment ކޮމެންޓް