އެމްޑީޕީގެ ހަރުގޭގައި އިދިކޮޅު މޯލްޑިވްސް ޔުނައިޓެޑް އޮޕޮޒިޝަން (އެމްއެންޔޫ)އިން ރޭ ޖަލްސާއެއް ބާއްވަނިކޮށް ފުލުހުން އެތަނަށް ވަނުމަށް ކޯޓު އަމުރެއް ބޭނުމެއް ނުވާނެ ކަމަށް ފުލުހުން ބުނެފިއެވެ.
ފުލުހުންގެ އިންފޮމޭޝަން އޮފިސަރ އިސްމާއިލް އަލީ "ސަން" އަށް މިއަދު ވިދާޅުވީ، އެމްޑީޕީގެ ހަރުގޭގައި ޖަލްސާ ކުރިޔަށް ދިޔަ އިރު އެސަރަހައްދުގައި އަޑު ގަދަވެ، އާންމު ރައްޔިތުންގެ ޝަކުވާ ފުލުހުންނަށް ލިބުނު ކަމަށެވެ. އެހެންކަމުން އެތައް ފަހަރެއްގެ މަތިން ޖަލްސާގައި ބޭނުންކުރަމުން ދިޔަ ސައުންޑް ސިސްޓަމްގެ އަޑު މަޑު ކުރުމަށް ޖަލްސާ ބާއްވަމުން ދިޔަ ފަރާތައް އެންގި ކަމަށް
"އަޑު މަޑު ނުކުރުމުގެ ސަބަބުން ފުލުހުން އެތަނަށް ގޮސް އަޑު މަޑު ކުރުވަން ހަރުގެއަށް ވަނީ،" އިސްމާއިލް ވިދާޅުވި އެވެ.
ފުލުހުން އެމްޑީޕީ ހަރުގޭގެ "މަތިހަމަގެ"އަށް އަރައި އެތަނުގެ ސައުންޑް ސިސްޓަމް ކަނޑާލި އިރު، އެވަގުތު ހަރުގެ ޖަލްސާގައި ވާހަކަ ދައްކަވަމުން ގެންދެވީ ގާނޫނީ ވަކީލާ އަދި މޯލްޑިވްސް ޔުނައިޓެޑް އޮޕޮޒިޝަނުގެ ޝެޑޯ ޖުޑީޝަލް ރިފޯމް މިނިސްޓަރު ހިސާން ހުސައިނެވެ. ހިސާން އެވަގުތު ގެންދެވީ ފުލުހުން ހަރުގެއަށް ވަނުމަށް ކޯޓު އަމުރެއް ބޭނުންވާނެ ކަމަށް ބުނެ، ކޯޓު އަމުރު ދެއްކުމަށް އަންގަމުންނެވެ.
ފުލުހުންގެ އިންފޮމޭޝަން އޮފިސަރު ވިދާޅުވީ ހަރުގެއަށް ފުލުހުން ރޭ ވަނީ ކޯޓު އަމުރެއް ބޭނުންވާ ހާލަތެއް މެދުވެރިވެގެން ނޫން ކަމަށެވެ. ގާނޫނު އަސާސީގެ 47 ވަނަ މާއްދާގެ (ށ) އާ ހަވާލާ ދެއްވައި އޭނާ ވިދާޅުވީ، ހަރުގެއަށް ފުލުހުން ވަނީ އެތަނުން އެއްޗެއް ގެންދިއުމަށް، ނުވަތަ ބަލައި ފާސްކުރުމަށް ނުވަތަ މީހަކު ހައްޔަރު ކުރުމަށް ނޫން ކަމަށެވެ.
"ފުލުހުން އެތަނަށް ވަނީ އަޑު މަޑު ކުރުމަށް ބުނަން ވެގެން، އެ ސަރަހައްދުގެ މީހުންނަށް އުނދަގޫވެގެން ޝަކުވާ ކުރާތީ. އެކަން ކުރުމަށް ކޯޓު އަމުރެއް ބޭނުމެއް ނުވޭ،" އޭނާ ވިދާޅުވި އެވެ.
ގާނޫނު އަސާސީގެ 47 ވަނަ މާއްދާގެ (ށ) ގައި ބުނެފައި ވަނީ ގޯތިގެދޮރާއި މީހުން ދިރިއުޅޭ ތަންތަނަކީ ހުރުމަތްތެރިވެގެންވާ ތަންތަން ކަމަށާއި، ވަގުތުން ފިޔަވަޅޭއް ނާޅައިފި ނަމަ މީހެއްގެ މުދަލަކަށް ނުވަތަ މީހަކަށް ލިބިދާނެ ނުރައްކާތެރި ގެއްލުމަކުން މުދަލެއް ނުވަތަ އެ މީހަކު ސަލާމަތް ކުރުމަށްޓަކައި، ނުވަތަ ކޯޓުގެ އަމުރަކުން ހުއްދަ ލިބިގެން މެނުވީ އެއްވެސް މީހަކު ދިރިއުޅޭ ތަނަކަށް އެ މީހެއްގެ ނުރުމުގައި ވަދެގެން ނުވާނެ ކަމަށެވެ.
މީގެ އިތުރުން ފުލުހުންގެ ގާނޫނުގެ ދަށުން ހެދިފައިވާ ގަވައިދުތަކުގައި ވެސް، ކޯޓު އަމުރު ބޭނުންވާ ހާލަތްތައް ބަޔާން ކޮށްފައި ވާނެ ކަމަށް އިސްމާއިލް ވިދާޅުވި އެވެ.
އެމްޑީޕީއިން ބުނާ ގޮތުގައި ފުލުހުން ރޭ އެ ޕާޓީގެ ހަރުގޭގައި އެމްޔޫއޯގެ ޖަލްސާއެއް ބާޢްވަމުން ދަނިކޮށް ހަރުގެއަށް ވަނީ ކޯޓު އަމުރެއް ނެތި، ގާނޫނާ ޚިލާފަށެވެ. އަދި އިދިކޮޅު އިއްތިހާދުގެ ޝެޑޯ ޖުޑީޝަލް ރިފޯމް މިނިސްޓަރު ހިސާން ހުސައިނާއި އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒޭނާ އާދަމްގެ ގަޔަށް ފުލުހުން އަތްލައި "ކޮށްޕައި އަނިޔާ ކުރި" ކަމަށް ވެސް އެމްޑީޕީއިން ރޭ ބުނެފައި ވެ އެވެ.