އަލްގައިދާ މުޅިން ދެކަފިވެއްޖެ! ނުސްރާ ޖަމާޢަތް އަލްގައިދާއިން ވަކިވެ، ނަން ބަދަލުކޮށްފި

ފަތަހް އަލް ޝާމް (ކުރީގެ ޖަބްހަތުލް ނުސްރާ)ގެ ލީޑަރު އަލް ޖުލާނީ --

ސީރިއާގައި ހަރަކާތްތެރިވާ، ދުނިޔޭގެ ޓެރަރިސްޓް ޖަމާޢަތް އަލްގައިދާގެ ގޮފި ޖަބްހަތުލް ނުސްރާ އަލްގައިދާއާ ވަކިވެ، ވަކި ޖަމާޢަތެއްގެ ގޮތުގައި ހަރަކާތްތެރިވާން ފަށާފައިވާކަން އިއުލާން ކޮށްފި އެވެ.

ސީރިއާގައި ހަރަކާތްތެރިވާ އަލްގައިދާގެ ޖަބްހަތުލް ނުސްރާގެ ލީޑަރު އަބޫ މުހައްމަދު އަލް ޖުލާނީ މިއަދު އާންމުކުރި ވީޑިއޯ މެސެޖެއްގައި ވަނީ، ދެ ޖަމާޢަތް ވަކިވިކަން އިއުލާން ކޮށްފަ އެވެ.

އަބޫ މުހައްމަދު އަލް ޖުލާނީ އެ ވީޑިއޯ މެސެޖުގައި ބުނީ، ޖަބްހަތުލް ނުސްރާގެ ނަން، ޖަބްހަތު ފަތަހް އަލް ޝާމް، ނުވަތަ ސީރިއާ ފަތަހަ ކުރާ ޖަމާޢަތުގެ ނަމަށް ބަދަލު ކޮށްފައިވާ ކަމަށެވެ.

އަލްގައިދާއިން ނުސްރާ ވަކިވެ، ވަކި ޖަމާއަތެއްގެ ގޮތުގައި އޮޕަރޭޓު ކުރަން ފެށީ، އަލްގައިދާގެ ހުއްދައާ އެކުގައި ކަމަށް ވެ އެވެ. ވީޑިއޯ މެސެޖުގައި އަލް ޖުލާނީ ވަނީ، ދެ ޖަމާއަތް ވަކިވުމަށް ނިންމި ނިންމުމަށް އަލްގައިދާއިން އެއްބާރުލުން ދީފައިވާ ކަމަށާއި އެކަމަށްޓަކައި އެޖަމާއަތަށް ޝުކުރުވެރިވާ ކަމަށް ބުނެފަ އެވެ.

ނުސްރާގެ ނަން ފަތަހް އަލް ޝާމްގެ ނަމަށް ބަދަލުކޮށް، އަލްގައިދާއާ ވަކިވީ ސީރިއާގައި ހަރަކާތްތެރިވާ ހަނގުރާމަވެރި ޖަމާއަތްތަކާ ގުޅުން ބަދަހި ކުރުމަށް ކަމަށް ބެލެވެ އެވެ.

ފަތަހް އަލް ޝާމުން ބުނަނީ، އެ ޖަމާޢަތުން ބޭރުގެ އެއްވެސް ފަރާތަކާ ގުޅުމެއް ނޯންނާނެ ކަމަށެވެ.

އެ ސަރަހައްދުގެ ކަންކަން ދިރާސާކުރާ އެނަލިސްޓުން ބުނާ ގޮތުގައި ޖަބްހަތުލް ނުސްރާއިން އެ ޖަމާއަތުގެ ނަން ބަދަލުކޮށް އަލްގައިދާއާ ވަކިވީ، އެމެރިކާއާއި ރަޝިއާއިން އެ ޖަމާއަތާ ދެކޮޅަށް މިލިޓަރީ ބާރުތައް ގަދަ ކުރުމުގެ ސަބަބުންނެވެ.

comment ކޮމެންޓް