ފެންފުށީގައި ފްޓްބޯޅަ ދަނޑެއް ހެދުމަށް މޫދުން ބައެއް ހިއްކުމުގެ މަސައްކަތް ފަށައިިފި

ފެންފުށީ ބޯޅަދަނޑު ހެދުމަށް މޫދުން ބައެއް ހިއްކުމުގެ މަސައްކަތް ކުރަނީ -- ފޮޓޯ/ އެފްބީ

އދ. ފެންފުށީގައި ފްޓްބޯޅަ ކުޅޭނެ ތަނެއް ނެތުމުން މޫދުން ބައެއް ހިއްކައިގެން ފުޓްބޯޅަ ދަނޑެއް ހެދުމުގެ މަސައްކަތް ފަށައިފި އެވެ.

ފެންފުށީ ކައުންސިލްގެ މެންބަރު މޫސާ އަލީ އިއްޔެ ސަން އަށް ވިދާޅުވީ މޫދުން ބައެއް ހިއްކައިގެން ފްޓްބޯޅަ ދަނޑެއް ހެދުމުގެ މަސައްކަތް ކުރުމަށް ކައުންސިލުން އިސްނެގީ، އެ ރަށު ކުދިން ފްޓްބޯޅަ ކުޅޭ ދަނޑުގެ އަޑިން ގަބުރު ފެނި އެތަނުގައި ފްޓްބޯޅަ ކުޅެވޭނެ ގޮތެއް ނެތުމުން ކަމަށެވެ.

"މި ރަށު މީހުން ނޫޅޭ ސަރަހައްދުގައި އޮންނާނީ މީހުން ވަޅުލާފައި. ބޮޑު ސަހަރާއެއް އޮންނާނީ. ފްޓްބޯޅަ ދަނޑެއް ނަގާނެ ޖާގައެއް އެއް ގޮތަކަށް ވެސް ނުލިބުނު. ރަށު ތެރޭގައި ވެސް އަދި ގެވަޅުތައް ދޫކުރި ސަރަހައްދުތަކުން ވެސް މީހުން ވަޅުލާފައި އޮންނަނީ،" ބޯޅަދަނޑެއް މޫދު ހިއްކައިގެން އަޅަން ޖެހޭ ސަބަބު މޫސާ އަލީ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ މޫދު ހިއްކައިގެން ހަދާ ފްޓްބޯޅަ ދަނޑު ހެދުމަށް ރާވާފައިވާ ގޮތަކީ ބޭރު ތޮށި ލުމަށް ފަހު އެތެރެ އަށް ފަސް އެޅުން ކަމަށެވެ. އަދި އެތެރެ އަށް ފަސް އެޅުމަށް ރާވާފައިވާ ގޮތަކީ ކަނޑު ތޮށި ލުމަށް ހައިމާކު ދަތުރު ކުރުމަށް ހަދާފައިވާ ބެޑް އޮތް ތަނުގައި ހުރި ވެލިތައް، ބޮޑު ހިލެ ޖެހުމަށް ފަހު ނަގައި އެ ވެލިތައް ފްޓްބޯޅަ ދަނޑު ހަދާ ތަނަށް އެޅުން ކަމަށެވެ.

ފެންފުށީ ބޯޅަދަނޑު ހެދުމަށް މޫދުން ބައެއް ހިއްކުމުގެ މަސައްކަތް ކުރަނީ -- ފޮޓޯ/ އެފްބީ

އޭނާ ވިދާޅުވީ މޫދުން ބައެއް ހިއްކަނީ، ކައުންސިލުން ހަރަދުކޮށްގެން އެންވަޔަރަމަންޓް އިމްޕެކްޓް އެސެސްމަންޓް (އީއައިއޭ)އެއް ހެދުމަށް ފަހު ކަމަށެވެ. އަދި އެކަމަށް 80،000 ރުފިޔާ ވަރު ހަރަދުކޮށްފައިވާ ކަމަށެވެ. މޫސާ އަލީ ވިދާޅުވީ ފްޓްބޯޅަ ދަނޑު ހެދުމަށް ކޮއްޓެއް ގޮތަށް ތޮއްޓެއް ލުމަށް ގާތްގަނޑަކަށް 500،000 ރުފިޔާ ވަރު ހަރަދުވާނެ ކަމަށާއި އެ މަސައްކަތް ކުރާނީ ދެ ފޭސް އަކަށް ބަހާލައިގެން ކަމަށެވެ.

ތޮށި ލުމަށް ގާ ހޯދަނީ ކޮން ތަނަކުންތޯ ދެންނެވުމުން ކައުންސިލަރު ވިދާޅުވީ އެ ގަލަކީ ކުރިން އެ ރަށު ބަނދަރު ސަރަހައްދުގެ ބޭރު ތޮއްޓެއްގެ ގޮތުގައި ބޭނުން ކުރި ގާތައް ކަމަށެވެ.

މޫސާ އަލީ ވިދާޅުވީ ބޯޅަދަނޑު ހަދާ ތަނުގެ ވަށައިގެން ތޮށި ލުމަށް ދެތިން މަސް ނަގާނެ ކަމަށާއި އެ މަސައްކަތް ކުރަނީ ބީލަމުގެ އުސޫލުން އެ ބީލަން ކާމިޔާބު ކުރި އެ ރަށު ބަޔަކު ކަމަށެވެ.

comment ކޮމެންޓް