ދުނިޔޭގެ ތިން ވަނައަށް އެންމެ އަގުބޮޑު ކުޅުންތެރިއާގެ ގޮތުގައި ހިގުއައިން ޔުއެންޓަސް އަށް

ދުނިޔޭގެ ތިން ވަނަ އަށް އެންމެ އަގުބޮޑު ކުޅުންތެރިއާގެ ގޮތުގައި ހިގުއައިން ދެން ފެންނާނީ ޔުއެންޓަސް އިން ---

ޓްރާންސްފާ ފީއެއްގެ ގޮތުގައި 90 މިލިއަން ޔޫރޯ ހޭދަކުރުމަށް ފަހު ޔުއެންޓަސް އިން އާޖެންޓީނާގެ ނަޕޯލީ ފޯވާޑް ގޮންޒާލޯ ހިގުއައިން ގެނެސްފި އެވެ.

ޔުއެންޓަސް އިން އުމުރުން 28 އަހަރުގެ ހިގުއައިން 90 މިލިއަން ޔޫރޯ އަށް ގެނަސްފައިވާ އިރު އެފައިސާ ނަޕޯލީއަށް ދެއްކުމަށް ހަމަޖެހިފައި ވަނީ ދެ ބަޔަކަށް ބަހާލުމަށް ފަހު އެވެ. ހިގުއައިން ނަޕޯލީ އަށް ބަދަލުވެފައި ވަނީ 2013 ވަނަ އަހަރު ރެއާލް މެޑްރިޑުން 40 މިލިއަން ޔޫރޯ އަށެވެ.

ދުނިޔޭގައި މިހާތަނަށް އެންމެ އަގުބޮޑުކޮށް ކުޅުންތެރިން ގެނެސްފައި ވަނީ ރެއާލް މެޑްރިޑުންނެވެ. އެއީ 2013 ވަނަ އަހަރު ޓޮޓެންހަމް ހޮޓްސްޕާސް އިން 100 މިލިއަން ޔޫރޯ އަށް ގެނައި ގެރެތު ބޭލް އާއި 2009 ވަނަ އަހަރު 94 މިލިއަން ޔޫރޯ އަށް މެންޗެސްޓާ ޔުނައިޓެޑުން ރެއާލް މެޑްރިޑަށް ގެނައި ކްރިސްޓިއާނޯ ރޮނާލްޑޯ އެވެ.

އާޖެންޓީނާގެ ރިވާ ޕްލޭޓުން ކެރިއަރު ފެށި ހިގުއައިން ވަނީ 2007 ގައި ރެއާލް މެޑްރިޑަށް ބަދަލިވެ އެ ޓީމަށް ކުޅެދިން 190 މެޗުން 107 ގޯލު ކާމިޔާބު ކޮށްދިފަ އެވެ. ނަޕޯލީގައި ހޭދަކުރި ތިން ސީޒަނުގައި ހިގުއައިން ވަނީ އެޓީމަށް 104 މެޗު ކުޅެދީ 71 ގޯލު ކާމިޔާބް ކޮށްފަ އެވެ.

ހިގުއައިންގެ އިތުރުން ޔުއެންޓަސް އިން ކުރިއަށް އޮތް ސީޒަނަށް އެ ޓީމް ވަރުގަދަ ކުރުމުގެ ގޮތުން ރޯމާގެ މިރެލަމް ޔަނިޗާއި ބާސެލޯނާގެ ޑެނިއަލް އަލްވެސް އާއި ބަޔާން މިއުނިކުގެ މެހްދީ ބެނާޝިއާ އަދި ޑައިނަމޯ ޒެގްރެބުގެ މާކޯ ޔަކާ ވެސް ގެނެސްފަ އެވެ.

ޔުއެންޓަސް އިން މިހާރު ތައްޔާރުވަމުން އަންނަނީ އެޓީމްގެ އެންމެ މުހިންމު އެއް ކުޅުންތެރިއާ ކުމުގައިވާ ފްރާންސްގެ މިޑްފީލްޑާ ޕައުލް ޕޮގްބާ ދުނިޔޭގެ ރިކޯޑް އަގަކަށް ވިއްކާލުމަށެވެ.

comment ކޮމެންޓް