ދުނިޔޭގައި އުފެދުނު އެންމެ މޮޅުތެ ފޯވާޑުންގެ ތެރޭގައި ގުނާލެވޭ ގޮންޒާލޯ ހިގުއައިން މި ސީޒަން ނިމުމާއެކު ފުޓުބޯޅަ ކުޅުން ހުއްޓާލަން ނިންމައިފިއެވެ.
ހިގުއައިން ފުޓުބޯޅަ ހުއްޓާލާކަން އިއުލާން ކުރުމަށް ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އިއްޔެ ވާހަަކަދައްކަމުން އޭނާ ބުނީ ފުޓުބޯޅައާ ދުރަށް ދިއުމަށް މިއީ އެންމެ ރަނގަޅު ވަގުތު ކަމަށެވެ.
ހިގުއައިން އަކީ ދުނިޔޭގެ ބޮޑެތި ކުލަބުތަކަށް ކުޅެފައިވާ ކުޅުންތެރިއެކެވެ. އޭނާ ވަނީ ރެއާލް މެޑްރިޑާއި ނަޕޯލީ އާއި ޔުވެންޓަސް އާއި އޭސީ މިލާން އަދި ޗެލްސީއަށް ކުޅެފައެވެ.
އުމުރުން 34 އަހަރުގެ ހިގުއައިން ކުޅުން ހުއްޓާލަން ނިންމިއިރު އޭނާ މިހާރު ހުރީ ރަނގަޅު ފޯމެއްގައެވެ. އެގޮތުން މިހާރު ކުޅެމުންއަންނަ އިންޓަ މިއާމީއަށް އޭނާ މި ސީޒަންގައި ކުޅުނު 15 މެޗުގައި ވަނީ 12 ގޯލު ޖަހައިފައެވެ.
މީޑިއާއާ ވާހަކަދައްކަމުން ހިގުއައިން ބުނީ އޭނާގެ ކެރިއަރުގައި އުންމީދު ވެސް ނުކުރާވަރުގެ ބޮޑެތި ކާމިޔާބީތަކެއް ލިބިފައިވާ ކަމަށެވެ.
"އަހަރެން ބޭނުންވީ ޗެމްޕިއަނެއްގެ ގޮތުގައި ވުމަށް. އެއީ އަހަރެންގެ ހުވަފެނެއް. އަހަރެންގެ އެންމެ ފަހު މެޗުގައި ގިނަ ސަޕޯޓަރުންތަކެއް ދަނޑަށް އައިސް ސަޕޯޓު ކުރުމަކީ އަހަރެން އެދޭކަމެއް،" ހިގުއައިން ބުންޏެވެ.

ހިގުއައިން ގޯލުޖެހުމަށްފަހު އުފާ ފާޅުކުރަނީ---
ޕްލޭއޮފްގެ ޖާގައަކަށް އިންޓަ މަޔާމީ އިން ވާދަކުރާއިރު، ހިގުއައިން ބުނީ އޭނާގެ އުންމީދަކިީ އެމްއެލްއެސްގެ ތައްޓާއެކު ސީޒަން ނިންމާލުން ކަމަށެވެ. އޭނާ ބުނީ ސީޒަންގައި ބާކީ އޮތް ދެ މެޗު ކާމިޔާބުކޮށް އެމްއެލްއެސްގެ ތައްޓާއެކު ސީޒަން ނިންމާލަން ބޭނުންވާ ކަމަށެވެ.
ހިގުއިންގެ ފުޓުބޯޅަ ހަޔާތް އޭނާ ފެށީ 2005 ވަނަ އަހަރު އާޖެންޓީނާގެ ރިވަޕްލޭޓްއިންނެވެ. އެ ޓީމަށް 35 މެޗު ކުޅެދީ 13 ގޯލު ޖެހުމަށްފަހު އޭނާ ދެން ބަދަލުވީ ރެއާލްއަށެވެ. ދެހާސް ހަތް ވަނަ އަހަރު ރެއާލްއަށް ބަދަލުވެ އެ ޓީމަށް ކުޅުނު ހަތް އަހަރު ތެރޭގައި ހިގުއިން ވަނީ 190 މެޗުގައި 107 ގޯލު ޖަހައިފައެވެ. އަދި އެ ޓީމާއެކު ތިން ލަލީގާ ތައްޓެއް އުފުލާލައިފައިވާއިރު، ސްޕެނިޝް ސުޕަ ކަޕް ދެ ފަހަރެއްގެ މަތިން އޭނާ ވަނީ ކާމިޔާބުކޮށްފައެވެ.
ރެއާލް ދޫކޮށްލުމަށްފަހު 2013 ވަނަ އަހަރު ހިގުއިން ވަނީ އިޓަލީގެ ނަޕޯލީއަށް ބަދަލުވެފައެވެ. ނަޕޯލީއަށް ކުޅެދިން 104 މެޗުން 71 ގޯލު އޭނާ ވަނީ ޖަހައިފައެވެ. އެ ޓީމާއެކު އިޓާލިއަން ސުޕަކަޕް އެއް ފަހަރު ކާމިޔާބުކޮށް އިޓަލިއަންް ކަޕްގެ ތަށި އެއްފަހަރު އޭނާ ވަނީ އުފުލާލައިފައެވެ.
ނަޕޯލީ ދޫކޮށް 2016 ވަނަ އަހަރު އޭނާ ބަދަލުވީ އިޓަލީގެ ގަދަ ބާރު ޔުވެންޓަސްއަށެވެ. އޭނާ ވަނީ 105 މެޗުން 48 ގޯލު ޖަހައިފައެވެ. އެ ޓީމާއެކު ހިގުއައިން ވަނީ 2016 ވަނަ އަހަރުގެ ޗެމްޕިއަންސް ލީގު ކާމިޔާބު ކޮށްފައެވެ. އަދި ތިން އިޓާލިއަން ލީގް ޔުވެންޓަސްއާއެކު އޭނާ ވަނީ ކާމިޔާބުކޮށްފައެވެ.

ހިގުއައިން އިޓާލިއަން ލީގް ތައްޓާއެކު އުފާ ފާޅުކުރަނީ---
ޔުވެންޓަސްގައި ހޭދަކުރި މުއްދަތުގެ ތެރޭގައި ހިގުއައިން ވަނީ ލޯނު އުސޫލުން 2018 ވަނަ އަހަރު އޭސީ މިލާނަށް ކުޅެފައެވެ. އެ ޓީމަށް 15 މެޗު ކުޅެ ހަ ގޯލު އޭނާ ވަނީ ޖަހައިފައެވެ. ޖެހިގެން އައި 2019 ވަނަ އަހަރު އޭނާ ލޯނު އުސޫލުން ބަދަލުވެފައިވަނީ ޗެލްސީއަށެވެ. އެ ޓީމަށް 14 މެޗު ކުޅެދީ ފަސް ގޯލު ޖަހައިދީފައިވާއިރު، އެ ޓީމާއެކު 2017 ވަނަ އަހަރު ޔޫރޮޕާ ލީގު ހިގުއަން ވަނީ އުފުލާލައިފައެވެ.
ޔުވެންޓަސް ދޫކޮށްލުމަށްފަހު ހިގުއައިން އެމެރިކާގެ އިންޓަމިއާމީއަށް ބަދަލުވީ 2020 ވަނަ އަހަރުއެވެ. އެ ޓީމަށް ބަދަލުވެ ކުޅުނު 65 މެޗުގައި އޭނާ ވަނީ 27 ގޯލު ކާމިޔާބުކޮށްފައެވެ.
އާޖެންޓީނާގެ ގައުމީ ޓީމަށް ކުޅުނު 75 މެޗުގައި 31 ގޯލު ޖަހާފައިވާ ހިގުއައިން ވަނީ އާޖެންޓީނާއާއެކު 2014 ވަނަ އަހަރުގެ ވޯލްޑް ކަޕްގެ ފައިނަލާއި 2015 ވަނަ އަހަރުގެ ކޮޕާ އެމެރިކާ ފައިނަލްގައި ކުޅެފައެވެ.