ހިގުއައިން އަކީ މިހާރު މުޅިން ތަފާތު މީހެއް: ސަރީ

ޔުވެންޓަސްގެ ފޯވާޑް ގޮންޒާލޯ ހިގުއައިން --- ފޮޓޯ// ޖޯ ރައިޓް

ޔުވެންޓަސްގެ ފޯވާޑް ގޮންޒޯލޯ ހިގުއައިން ޗެލްސީގައި ކުޅުމަށް ފަހު އެނބުރި އައި އިރު އޭނަގެ ވިސްނުން އިހުނަށް ވުރެން ތޫނު ކަމަށް އެ ޓީމުގެ ކޯޗު މޯރިީޒިއޯ ސަރީ ބުނެފި އެވެ.

ވޭތުވެ ދިޔަ ސީޒަނުގައި ޗެލްސީއަށް ކޯޗުކަން ކޮށްދިން ތަޖުރިބާކާރު ކޯޗު ސަރީ ވަނީ އޭރު ކުލަބުގެ ފޯވާޑް ލައިން ވަރުގަދަ ކުރުމަށް ޔުވެންޓަސްއާ ދެމެދު ލޯން އެއްބަސް ވުމެއްގެ ދަށުން ހިގުއައިން އެ ޓީމަށް ގެންގޮސްފަ އެވެ. ނަމަވެސް ހިގުއައިން އަށް ޗެލްސީގައި ރަނގަޅު ކުޅުމެއް ދެއްކޭ ގޮތެއް ނުވި އެވެ. ފަހުން ފަހުން މެޗުތަކުގައި ވެސް ނުކުޅެ ބެންޗުގައި އިންނަން ޖެހުނެވެ. އެގޮތުގައި ސީޒަން ނިމުމާ އެކު ހިގުއައިން ވަނީ އެނބުރި ޔުވެންޓަސްއަށް ބަދަލުވެފަ އެވެ.

އޭނާ ޗެލްސީގައި 18 މެޗު ކުޅުނު އިރު ޖެހުނީ އެންމެ ފަސް ގޯލެވެ. މިއީ ސްޓްރައިކަރެއް ބޮޑު ކުލަބެއްގައި ގޯލު ޖެހުމުގެ ރޭޓަށް ބަލައި އިރު ވަރަށް ވެސް ދަށް އަދަދަކެވެ.

ހިގުއައިން އެނބުރި ޔުވެންޓަސްއަށް ދިޔަ އިރު އޭނަގެ ފަހަތުން ސަރީ ވެސް ވަނީ ޔުވެންޓަސްގެ ކޯޗު ކަމާ ހަލާވުވެފަ އެވެ. ކުރިއެކޭ ޙިލާފަށް، ހިގުއައިން އަންނަނީ ޔުވެންޓަސްގައި ތަފާތު ކުޅުމެއް ދައްކަމުންނެވެ. މުހިއްމު ގިނަ ގޯލުތަކެއް ވެސް ޖަހަ އެވެ. ސަރީ ބުނީ ހިގުއައިންއަށް މިއައި ބަދަލުތަކަކީ އޭނާ ޗެލްސީގެ ހިތްދަތި ދުވަސްތަކަށް ފަހު އޭނާގެ ވިސްނުމަށް އައި ބަދަލެއް ކަމަށެވެ. އަދި ކުޅުމުން ވެސް އެ އަސަރު ފެންނަން ފެށީ ކަމަށެވެ.

"ގޮންޒާލޯ އަކީ ހުނަރުވެރި، ތަފާތު ކުޅުންތެރިއެއް. އޭނާ މިދިޔަ ސީޒަންގައި ހިތްދަތި ގޮތްތަކެއް ދިމާވި އިރު ބައެއް ފަހަރު ހިތްހަމަ ނުޖެހޭ ކަންތައް ތަކެއް ކުރި. ނަމަވެސް މި ސީޒަނުގައި އޭނަގެ ޓްރެއިނިންގް ތަކަށް ބަލާލުމުން ވެސް ބޮޑު ތަފާތެއް ފެނޭ. ވަރަށް ގަޔާ ވެގެން، ކަމާ ވެގެން މިހާރު އުޅެނީ،" ސަރީ ބުންޏެވެ.

ސަރީ ބުނީ، ހިގުއިންއަށް އައި ބަދަލުތަކަކީ އޭނަގެ މޯޓިވޭޝަން ރަނގަޅު ވުމުން އައި ބަދަލުތަކެއް ކަމަށެވެ. އެގޮތުން މިހާރު އޭނާ ހުރީ ވަރަށް މޯޓިވޭޓް ވެފައި ކަމަށާއި މި ސީޒަނުގައި ތަފާތު ދައްކާނެ ކަމުގެ ޔަގީންކަން އެބައޮތް ކަމަށެވެ.

އުމުރުން 31 އަހަރުގެ ހިގުއިން ލީގުގައި މިހާތަނަށް ތިން ގޯލު ޖެހި ނަމަވެސް އޭނާ ވަނީ ދާދި ފަހުން ޓޮރީނޯއާ ދެކޮޅަށް ކުޅުނު މެޗުގައި ބޮލަށް އަނިޔާވެފަ އެވެ. އެހެން ނަމަވެސް އޭނާ މިހާރު ހުރީ ފިޓްކޮށް ކަމަށް ސަރީ ވަނީ ބުނެފަ އެވެ. ސަރީ އަކީ ހިގުއިން ކުރިން ނަޕޮލީއަށް ކުޅުނު އިރު ވެސް އޭނާއަށް ކޯޗުކަން ކޮށްދިން ކޯޗެވެ. އޭރުން ސުރެއް ސަރީ އަންނަނީ ހިގުއައިންއަށް ބޮޑު ތައުރީފެއް ކުރަމުންނެވެ.

comment ކޮމެންޓް