މިނިވަން ދުވަހުގެ ޕްރޮގްރާމް ހުށަހެޅުމަށް ބޭރު ގައުމެއްގެ ގައުމީ ހެދުމުގައި!؟

މިނިވަން ދުވަހުގެ ޕްރޮގްރާމް ހުށަހެޅުމަށް ޓީވީއެމްގެ ޕްރެޒެންޓަރު މުހައްމަދު ޝަނޫން (ކ) ޗައިނާގެ ގައުމީ ހެދުމެއް ތުރުކުރައްވައިގެން --

މިނިވަން ދުވަހަށް ހާއްސަކޮށްގެން ދައުލަތުގެ މިޑިއާ ޕީއެސްއެމްގެ ޗެނަލް ޓީވީއެމުން މިހާރު ކުރިއަށްގެންދާ ޕްރޮގްރާމުގައި އެ ޕްރޮގްރާމް ހުށަހަޅާ އެއް ޕްރެޒެންޓަރު ކަމުގައިވާ މުހައްމަދު ޝަނޫން ޗައިނާގެ ސަގާވީ ގައުމީ ހެދުމެއް ލުމުން އެ ދެނީ ކޮން މެސެޖެއްތޯ އެވެ.

ޗައިނާގެ ސަގާފީ ހެދުން ހުންނަ ގޮތަށް ޑިޒައިންކޮށް ގަމީހުގެ ކުރިމަތިން ގޮށްފައްޗާ ދިމާލުން ޑިޒައިންކޮށްފައިވާ އެ ގަމީހަކީ ރަތްކުލައިގެ ގަމީހެކެވެ. އޭނާ އެ ގަމީސް ލީ ކޮން ކަމަކާ ގުޅުވައިގެން ކަމެއް ނޭނގެ އެވެ.

ޗައިނާގައި ސަގާފީ ގިނަ ހެދުންތަކެއް ހުންނަ އިރު އޭގެ ތެރެއިން އެއް ހެދުމެއްގެ ޑިޒައިނާ ޝަނޫން ލައިގެން އިން ހެދުމާ އެއްގޮތެވެ. ހަމަގައިމު ވެސް ދިވެހިންގެ އެކަހަލަ ސަގާފީ ހެދުމެއް ނުދެކެމެވެ.

ރާއްޖެ އަށް މިނިވަންކަން ލިބުނުތާ 51 އަހަރު ފުރުން ފާހަގަކުރަމުންދާ އިރު ޗައިނާގެ ސަގާފީ ހެދުމެއް ލައިގެން ދުވަހުގެ ހާއްސަ ޕްރޮގްރާމް ހުށަހެޅުމަކީ ގައުމަށް އަދި ޕްރޮގްރާމް ބައްލަވާ ބޭފުޅުންނަށް ކޮން ކަހަލަ މެސެޖެއްތޯ ސުވާލު އުފެދެ އެވެ.

ޝަނޫނު ޗައިނާގެ ގައުމީ ހެދުމެއްގައި އަދި ޗައިނާ މީހަކު އެ ގައުމުގެ ގައުމީ ހެދުމުގައި --

ދިވެހި ބަހުގެ އެކަޑަމީގެ ރައީސް އަދި ގައުމީ ސަގާފީ ގިނަ ކަންކަމުގައި އިސްކޮށް އުޅުއްވާ އަޝްރަފް އަލީ 'ސަން' އަށް ވިދާޅުވީ އެ ޕްރެޒެންޓަރު ވިޔަސް އަދި ކޮންމެ މީހަކު ވިޔަސް ދިވެހިންގެ މިނިވަން ދުވަހު އެހެން ގައުމެއްގެ ސަގާފީ ހެދުމެއް ލުމަކީ ލަދުވެތި ކަމެއް ކަމަށެވެ. އަދި "އެއީ މިނިވަން ކަމެއްވެސް ނޫން" ކަމަށް އަޝްރަފު ވިދާޅުވި އެވެ.

އަޝްރަފު ވިދާޅުވި ފަދައިން "ގައުމީ ލޯބި ކުދިންގެ ހިތްތަކުގައި އާލާވާގޮތަށް ކަން ކަން ކުރަން ޖެހޭ" ކަމަށް ބުނެ ޓީވީ ޕްރޮގްރާމުގައި ވާހަކަ ދައްކާއިރު ލައިގެން އިން ހެދުމުގެ ސަބަބުން އެ މެސެޖު ކުދިންނަށް ފޯރުކޮށްދެވުމަކީ ވާނެކަމެއް ބާއޭ ކޮންމެ މީހެއްގެ ހިތުގައި ވެސް ސުވާލު އުފެދޭނެ އެވެ.

ދިވެހިންގެ ސަގާފަތާއި އާދަކާދަތައް ދިރުވާ އާލާކުރުމަށް ބާރުއަޅަން ޖެހޭ މިދުވަހު އަދި ހާއްސަކޮށް ދައުލަތުގެ މީޑިއާ މިސާލަކަށް ނަންގަވައިގެން ޕްރޮގްރާމްތައް ހުށަހަޅާ ހުށަހެޅުންތެރިން މިސާލަކަށް ނަންގަވައިގެން އުޅޭ މީހުންނަށް ދެވޭ މެސެޖާ މެދު ޕްރޮގްރާމުގެ ޕްރޮޑިއުސަރުންނާއި ދައުލަތުގެ މީޑިއާގެ އިސްވެރިން ވެސް ވިސްނާލަން ޖެހެ އެވެ.

ރާއްޖޭގައި އާންމުކޮށް ގައުމީ ޕްރޮގްރާމުތަކާއި މިނިވަން ދުވަހާއި ޝަހީދުންގެ ދުވަސް ފަދަ ދުވަސް ދުވަހު ޕްރޮގްރާމުތައް ހުށަހަހެޅުމަށް ހުށަހެޅުންތެރިން ލައި އެޅޭނީ ދިވެހި ސަގާފީ ގައުމީ ހެދުމެވެ.

comment ކޮމެންޓް