އެލްޖީއޭގެ ރައީސް ކަމަށް ޒުހޫރު އިންތިހާބުކޮށްފި

ފުލުހުންގެ މެމޯރިއަލްޑޭ ފާހަގަކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ހޯމް މިނިސްޓަރު އަހުމަދު ޒުހޫރު ވާހަކަފުޅު ދައްކަވަނީ. އެލްޖީއޭގެ ރައީސް ކަމަށް މިއަދު ވަނީ ޒުހޫރު އިންތިހާބުކޮށްފަ-- ސަން ފޮޓޯ/ މުހައްމަދު އަފްރާހް

ލޯކަލް ގަވަރުމަންޓް އޮތޯރިޓީ (އެލްޖީއޭ)ގެ ރައީސްގެ މަގާމަށް އެ އޮތޯރިޓީގެ ބޯޑު މެމްބަރު އަދި ހޯމް މިނިސްޓަރު އަހުމަދު ޒުހޫރު އިންތިހާބުކޮށްފި އެވެ.

އެ މަގާމަށް ޒުހޫރު އިންތިހާބު ކުރީ އެލްޖީއޭގެ ނުވަ ވަނަ ބޯޑު ބައްދަލުވުމުގައި ބައިވެރިވެ ވަޑައިގެން ހަތް މެމްބަރުންގެ އިއްތިފާގުންނެވެ.

އެލްޖީއޭގެ ރައީސްގެ މަގާމަށް ކުރިމަތިލައްވާފައި ވަނީ ޒުހޫރު އެކަނި ކަމަށް އެ އޮތޯރިޓީ އިން ބުނެ އެވެ. އެލްޖީއޭގެ ބޯޑުގައި ޖުމްލަ ނުވަ މެމްބަރަކު ތިއްބަވަ އެވެ.

ޤާނޫނު އަސާސީގެ 140 ވަނަ މާއްދާގައި ބަޔާންކުރެވިފައި ވަނީ ރައްޔިތުންގެ މަޖިލީހަށް ޖަވާބުދާރީވުމަށް ޓަކައި އެލްޖީއޭގެ ބޯޑަށް ރައީސުލްޖުމްހޫރިއްޔާ ވަޒީރަކު އައްޔަންކުރައްވަންވާނެ ކަމަށެވެ. އެގޮތުން އެލްޖީއޭގެ ބޯޑަށް ޒުހޫރު އައްޔަން ކުރައްވާފައި ވަނީ މި އަހަރުގެ ޖޫން މަހުގެ 29 ވަނަ ދުވަހު އެވެ.

މިއަދު އެލްޖީއޭގެ ރައީސް ކަމަށް ޒުހޫރު އިންތިހާބުކޮށްފައިވާ އިރު، އެލްޖީއޭގެ ބޯޑުގެ ރައީސް ކަމުގައި އެންމެ ފަހުން ހުންނެވީ ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރެވެ.

އެލްޖީއޭގެ މެމްބަރު ކަމުގެ މަގާމާއި އެ އޮތޯރިޓީގެ ރައީސްގެ މަގާމު ހުސްވެފައި އޮތީ ހޯމް މިނިސްޓަރުކަމުން އުމަރު އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ.

comment ކޮމެންޓް