އިދިކޮޅު ފަރާތަތަކުން ފުލުހުންނާ ގުޅޭގޮތުން ދެެއްކި ވާހަކަތަކަށް ސީޕީ ރައްދުދެއްވައިފި

ޕޮލިސް މެމޯރިއަލް ޑޭ ފާހަގަކުރުމަށް ރޭ ބޭއްވި ޖަލްސާގައި ސީޕީ ވާހަކަފުޅު ދައްކަވަނީ --- ސަން ފައިލް ފޮޓޯ

ވަޒީފާގެ އިތުބާރު ކޮންމެ ފުލުހަކަށް ވެސް އޮންނާނެ ކަމަށް ވިދާޅުވެ ކޮމިޝަނަރު އޮފް ޕޮލިސް އަހުމަދު އަރީފް އިދިކޮޅު ފަރާތްތަކަށް ރައްދު ދެއްވައިފި އެވެ.

ޕޮލިސް މެމޯރިއަލް ޑޭ ފާހަގަކުރުމަށް ރޭ އިސްކަންދަރުކޮށީގައި ބޭއްވި ޖަލްސާގައި ވާހަކަފުޅުދައްކަވަމުން ސީޕީ އަރީފް ވަނީ ޑިއުޓީ އަދާކުރަމުން ދަނިކޮށް މީހުންގެ ފަރާތުން ލިބޭ އަނިޔާތަކުގައި އެކި ފުލުހުން މަރުވެ، އެމީހުންގެ އާއިލާތައް ނިކަމެތިވެފައިވާއިރު، ފާޑުކިޔާ މީހުންނާއި ހެޔޮއެދޭނެ ކަމަށް ބުނާ މީހުންނާއި ވަޒީފާދޭނެ ކަމަށް ބުނާ މީހުން ކޮބައިތޯ ވިދާޅުވެ ސުވާލު އުފައްދަވައިފައެވެ.

ސީޕީ ވިދާޅުވީ، އަޑުއިވޭގޮތާއި ކަންހިނގާގޮތް ތަފާތު ކަމަށާއި ފުލުހުން މަސައްކަތް ކުރަނީ ގާނޫނީ އިމުގެ ތެރެއިން ކަމަށެވެ.

"ފާޑުކިޔާ މީހުން ހެޔޮއެދޭނެކަމަށް ބުނާ މީހުން. ވަޒީފާދޭނެ ކަމަށް ބުނެ އަޑުއުފުލާ މީހުން ކޮބައިތޯ. ވީމާ، އަޑުއިވޭގޮތާއި ކަން ހިނގާ ގޮތް ތަފާތު،"

"ދިވެހި ފުލުހުން މަސައްކަތް ކުރާނީ ގާނޫނީ އިމުގެ ތެރޭގައި ފުލުހުންގެ ވަޒީފާއާ މެދު ކޮންމެ ފުލުހަކަށް ވެސް އިތުބާރު އޮންނާނެ. ގާނޫނީ ގައުމީ ވާޖިބު އަދާކުރުމުގެ ޝަރަފާއި އިއްޒަތާއި އަގު އެ ފުލުހަކަށް އަބަދުވެސް ލިބޭނެ. ފުލުހުންގެ މުޅި އާއިލާ އޮތީ މިގޮތުގައި."

ސީޕީ އަރީފް މިހެން ވިދާޅުވެފައި މިވަނީ ފުލުހުންގެ ވެރިން ކުރާ ޣައިރު ގާނޫނީ އަމުރަށް ތަބާނުވެގެން ވަޒީފާއިން ވަކިކުރާ ފުލުހުންނަށް އިދިކޮޅު ފަރާތްތަކުގެ ވެރިކަމެއްގައި އަނބުރާ ވަޒީފާދޭނެ ކަމަށް މޯލްޑިވްސް ޔުނައިޓެޑް އޮޕޮޒިޝަން (އެމްޔޫއޯ) އިން ބުނެފައި ވަނިކޮށެވެ.

އެމްޔޫއޯގައި ހިމެނިވަޑައިގަންނަވާ އަދާލަތު ޕާޓީގެ ނައިބު ރައީސް އަލީ ޒާހިރު ވިދާޅުވީ އެއީ އެމްޔޫއޯގެ ޝެޑޯ ކެބިނެޓުން ނިންމާފައިވާ ނިންމުމެއް ކަމަށެވެ.

އޭނާ ވިދާޅުވީ ޣައިރު ގާނޫނީ އަމުރަށް ތަބާނުވެގެން ފުލުހަކު ޑީމޯޓުކުރިޔަސް އިއްތިހާދުގެ ވެރިކަމެއްގައި އެ ނިންމުން ބާތިލްކޮށް އެ ފުލުހަކަށް ގެއްލުނު ހައްގު ހޯދައިދޭނެ ކަމަށެވެ.

comment ކޮމެންޓް