މާލޭ މަގުތަކުން ޕޮކެމޯންތައް ގެއްލި މާޔޫސްކަމެއްގެ ތެރޭގައި!

ޕޮކެމޯން ގޯ: ޖުލައި 21 ވަނަ ދުވަހު ޖަޕާނުގައި މި ގޭމް ރިލީޒް ކުރުމާ އެކު، ރާއްޖެ ސަރަހައްދުން އެ ގޭމުގެ ސާވަރ ވަނީ ޑައުންކޮށްލާފައި --

ޖުލައި ހަވަނަ ދުވަހު އެމެރިކާގެ ސޮފްޓްވެއާ ޑިވެލޮޕަރު ނިއަންޓެކްއިން ރިލީޒް ކުރި މޯބައިލް ގޭމް "ޕޮކެމޯން ގޯ" އާ އެކު މުޅި ދުނިޔެ އުތުރި އެރި ފަދަ އެވެ. ކުޑަ އިރުގެ ދުވަސްވަރުން ފަށައިގެން ކާޓޫން ނެޓްވޯކުން ބަލަމުން އައި އެނިމޭ ކާޓޫނުގެ ފޯރި އަނެއްކާ އިޔާދަ ވީ އެވެ. ޕޮކެމޯން އެނިމޭ ބެލުމުގެ ރަން ޒަމާން މަތިން އެކަކުވެސް ހަނދާން ނުނެތެ އެވެ. ކުޑައިރުގެ ދުވަސްތަކުގައި ޕޮކެމޯން އެނިމޭ ބެލުމަށްފަހު އޭގައި އުޅޭ ކެރެކްޓަރުން ޕޮކެމޯން ހިފައި އުޅޭ ގޮތަށް އުޅޭ އުޅުން އުޅެލުމަށް ހަގީގީ ފުރުސަތެއް ލިބުނީ އެވެ.

ޕޮކެމޯން ގޯ: ޖުލައި 21 ވަނަ ދުވަހު ޖަޕާނުގައި މި ގޭމް ރިލީޒް ކުރުމާ އެކު، ރާއްޖެ ސަރަހައްދުން އެ ގޭމުގެ ސާވަރ ވަނީ ޑައުންކޮށްލާފައި --

ސަބަބަކީ ޕޮކެމޯން ގޯ އަކީ ލޮކޭޝަން ބޭސްޑް ގޭމެކެވެ. ލޮކޭޝަން ބޭސްޑް އެކަންޏެއް ނޫނެވެ. އޮގްމެންޓެޑް ރިއަލިޓީ ގޭމެއް ވެސް މެ އެވެ. މާނައަކީ އެ ކުޅެވެނީ އަސްލު ނުފެންނަ އެއްޗެހިތަކެއް ފޯނުން ފެންނާތީ އެވެ. އަސްލު ދުނިޔޭގެ ތެރެ ފޯނުން ފެންނަނީ ޕޮކެމޯންތަކާ އެކުގަ އެވެ. ޕޮކެމޯން ހޯދައި، އެ ހިފުމަށް މަގުމަތީގައި ޖެހޭނީ ހިނގާށެވެ. ބައެއް ފަހަރު ގޭތެރޭގައި ވެސް ޕޮކެމޯންތައް އުޅެއެވެ.

ޕޮކެމޯން ގޯ ގޭމްގައި ފެންނަ ފޮކެމޯން އެއް --

ޖުލައި ހައެއްގައި އެމެރިކާއަށް މި ގޭމް ރިލީޒް ކުރުމާ އެކު މުޅި ދުނިޔެއަށް އެރީ ވަރުގަދަ ފޯރިއެކެވެ. އެކި ކަންކޮޅުތަކުން އެ ގޭމުގެ އޭޕީކޭ ފައިލު ހޯދައިގެން ވެސް ފޯނަށް އަޅައިގެން ކުޅެން ފެށި އެވެ. ހަމަ މަޖާ ކަމެކެވެ. ރަހުމަތްތެރިންނާ އެކު އެންޖޯއި ކޮށްލެވޭ ގޭމެކެވެ.

ރީޖަނަލް ރިލީޒްތަކެއް ކުރަމުންދާ މި ގޭމު، ރިލީޒް ނުކުރާ ބައެއް ރީޖަންތަކުން ގިނަ އަދަދެއްގެ ބަޔަކު ކުޅެމުން ދިޔުމުގެ ސަބަބުން ސާވާ ސްޓަކުވުން ފަދަ މައްސަލަތަކާ ކުރިމަތިލާން ޖެހުނަސް، މައްސަލައެއް ދިމާވުމުން އަނެއްކާވެސް އެންމެން އެ ގޭމު އަލުން ހުޅުވޭތޯ މަސައްކަތް ކުރެ އެވެ.

ޕޮކެމޯން އެއް ހިފުމަށް މަސައްކަތްކުރަނީ: ރާއްޖޭގައި މި ގޭމުގެ ފޯރި އެންމެ ގަދަވެގެން ދިޔައިރު މިވަނީ ސަރަހައްދުން ގޭމް ބްލޮކްކޮށްފައި--

ރާއްޖޭގެ، ޚާއްސަކޮށް މާލޭގެ ޕޮކެމޯން ކުޅުންތެރިން ވެސް ހަމަ އެފަދަ އެވެ. ކަމާ ކަން ފަށައި ގެއިން ނުކުމެ، މާލޭގެ މަގުތަކުގައި ދުވަމުންދާ ޕޮކެމޯންތައް ހިފައި، ޕޮކެސްޓޮޕްތަކުން ޕޮކެބޯލްސްއާއި އެހެނިހެން ތަކެތި ހޯދަމުން އުޅުނެވެ. މާލޭގައި ހުރި ޕޮކެމޯން ޖިމްތަކަށް ގޮސް އެހެން ކުޅުންތެރިންނާ ބެޓްލްކޮށް، ޕޮކެމޯންތަކުގެ ބުންވަރު ގަދަ ކުރުމުގެ ގޮތުން ޓްރެއިން ކުރަމުން ވެސް ދިޔަ އެވެ.

"މިއީ ވަރަށް މަޖާ ގޭމެއް. ގޭގައި ކޮމްޕިއުޓަރު ދޮށުގައި ނުވަތަ ޓީވީ ދޮށުގައި ގޭމު ކުޅެން އިނުމަށް ވުރެ މި މާ މަޖާ. ހިނގަން ޖެހޭ، ބޭރު ތެރެއަށް ނުކުންނަން ޖެހޭ. އެކްޓިވްކޮށް އުޅެވޭ ގޭމެއް މިއީ،" ޕޮކެމޯން ގޯ ކުޅޭ ޒުވާނަކު ގޭމާ މެދު ދެކޭ ގޮތް "ސަން" އާ ހިއްސާ ކުރި އެވެ.

ހެލިފެލިވެ އުޅެވުމުގެ އިތުރުން މި ގޭމުގެ ސަބަބުން އިޖުތިމާއީ ގޮތުން ގުޅުމެއް ވެސް އުފެދުނެވެ. ވަކި ދިމާލަކަށް ޕޮކެމޯންތަކުގެ "ނަޒަރު ދަމައިގަތުމަށް"ޓަކައި ޕޮކެސްޓޮޕްތަކަށް ލުއާ މޮޑިއުލެއް 30 މިނިޓަށް އެކްޓިވޭޓު ކުރުމުން އެސަރަހައްދަކަށް އެއްވާ ގިނަ އަދަދެއްގެ ޕޮކެމޯން ކުޅުންތެރިން އެކަކު އަނެކަކާ އެކުވެރިކަން ވެސް އުފައްދަ އެވެ. އެކު އެކީގައި ކަލާފާނު ސްކޫލު ކުރިމަތީގައި ނުވަތަ އިސްލާމީ މަރުކަޒު މައިދާނުގެ މާބުލް މަތީގައި އިށީނދެ ތިބެ މި ގޭމު ކުޅެން ގިނަ ޒުވާނުން ތިބެ އެވެ.

ޕޮކެމޯން ގޯ މިހާތަނަށް އޮފިޝަލީ ރިލީޒް ނުކުރާ ބައެއް ސަރަހައްދުތަކާއި އޮފިޝަލީ ރިލީޒްކޮށްފައިވާ ސަރަހައްދުތައް --

ނަމަވެސް ދެން ދިމާވީ ހިތާމައާ އެވެ. ޖުލައި 21 ވަނަ ދުވަހު ޖަޕާނުގައި މި ގޭމް ރިލީޒް ކުރުމާ އެކު، ރާއްޖެ ސަރަހައްދުން އެ ގޭމުގެ ސާވަރ ޑައުން ކޮށްލީ އެވެ. ހުކުރު ދުވަހުގެ މެންދަމުގެ ވަގުތު މިކަން ވީ ގޮތަށް މިއަދާ ހަމައަށް ޕޮކެމޯން ކުޅުންތެރިން ތިބީ މާޔޫސް ކަމެއްގަ އެވެ.

ރާއްޖެއާ ސްރީލަންކާ އަދި އިންޑިއާގެ ބައެއް ސަރަހައްދުތަކަށް ޕޮކެމޯން ނުކުޅެވެ އެވެ. ގޭމު ހުޅުވުނު ނަމަވެސް ޕޮކެސްޓޮޕްތަކާއި ޖިމްތައް ނުފެނެ އެވެ.

"ވަރަށް މިކަމުގެ ތެރެއަށް ވަދެވިގެން މި ކުޅެމުން ދަނިކޮށް މިކަމާ ދިމާވީ. ވަރަށް ދެރަ. ޕޮކެމޯން ކުޅުމަށް ކޮންމެ ދުވަހަކު ވަކި ވަގުތެއް ޚާއްސަ ކުރަން. މިހާރު އެވަގުތުގައި ކުރާނެ އިތުރު ކަމެއް ނެތް. މި ހުންނަނީ މަޑުކޮށްގެން އަލުން ގޭމް މި ހިސާބުގައި ލައިވް ކުރާނެ ދުވަހަށް،" ސަންއާ ވާހަކަ ދެއްކި ޕޮކެމޯން ގޯ ކުޅޭ ޒުވާނަކު ބުންޏެވެ.

ޕޮކެމޯން ގޯ: މިއީ އެކި އުމުރުފުރައިގެ މީހުންގެ މެދުގައި، ހާއްސަކޮށް ޒުވާނުންގެ މެދުގައި ވަރަށް މަގުބޫލުވެފައިވާ ގޭމެއް --

ޕޮކެމޯން ގޯގެ އެހެން ކުޅުންތެރިއަކު ބުނި ގޮތުގައި ރާއްޖެ ސަރަހައްދުން ޕޮކެމޯން ގޯގެ ސާވަރ ޑައުން ކޮށްލީ މި ސަރަހައްދަށް އެ ގޭމު ރަސްމީކޮށް ރިލީޒު ކުރަން އުޅޭތީ ކަމަށް ބެލެވެ އެވެ.

"އެމެރިކާއަށް މީތި ރިލީޒްކުރި އިރު ހުރިހާ ސަރަހައްދަކަށް ލިބެމުން ދޯ ދިޔައީ ކޮންމެވެސް ގޮތަކުން. އެހެން އުޅެފަ ޖަޕާނަށް އޮފިޝަލް ރިލީޒް ކުރުމުގެ ކުރިން ޖަޕާނު ހިސާބުން ވެސް މި ޑައުން ކޮށްލި. އެހެންވެ ބޮޑަށް ހީވަނީ ދެން އޮތީ ސައުތު އޭޝިއާ ސަރަހައްދަށް ރީޖަނަލް ރިލީޒް ކުރުން ހެން. ނޫނީ ގްލޯބަލް ރިލީޒެއް ކުރާނީ،" އެހެން ޒުވާނަމު "ސަން"އާ ވާހަކަ ދައްކަމުން ބުންޏެވެ.

ޕޮކެމޯން ގޯ: މި ގޭމު ކުޅޭއިރު، ޕޮކެމޯން ހިފުމަށްޓަކައި މަގުމަތީގައި ހިނގާފައި ބައެއް މީހުން ދާއިރު އަނެއްބަޔަކު ގޭތެރޭގައާއި މައިޒާންތަކަށް އެއްވެ ތިބޭ --

ވިލާތުގެ ގިނަ ގައުމުތަކަކަށް ޕޮކެމޯން ގޯ ރިލީޒް ކޮށްފައިވާ އިރު، އެ ބައްރުން ބޭރުން ގޭމު ރިލީޒް ކޮށްފައި ވަނީ އެންމެ ފަސް ގައުމަކަށެވެ. އެއީ އެމެރިކާ، ކެނެޑާ، އޮސްޓްރޭލިއާ، ނިއު ޒިލެންޑު އަދި ޖަޕާނެވެ.

ދެން އެންމެ އަވަހަށް ގޭމު ރިލީޒް ކުރާނެ ކަމަށް ބެލެވެނީ ދެކުނު އޭޝިއާ ސަރަހައްދަށެވެ. ޔަގީންކަމެއް ނެތެވެ. އެކަމަކު މިއީ ގިނަ ބަޔަކު ބުނަމުންދާ، އަދި ބޮޑަށް ބެލެވޭ ގޮތެވެ.

ކޮންމެއަކަސް މާލޭގެ މަގުތަކުން މިހާރު ޕޮކެމޯންއެއް ނުފެނެއެވެ. އެ ގޭމަށް ޝައުގުވެރިކަން އުފެދިފައި ތިބި އެތަކެއް ޒުވާނުން މިހާރުވެސް ދޭތެރެދޭތެރޭން ފޯނު ނަގާފައި، ޕޮކެމޯން ގޭމްހުޅުވާލާފައި މާޔޫސްކަމާއެކު ގޭމު ނިއްވާލަނީ ހަމަ އެއްވެސް ވަރަކަށް ޕޮކެމޯންއެއްގެ ހިލަމެއް ނުވާތީއެވެ. ދެން އޮތީ އިންތިޒާރެވެ.

comment ކޮމެންޓް