މި މަސް ނިމުމުން ކުރީގެ ނޫޓުތައް އުވިގެންދާނެ: އެމްއެމްއޭ

500 ރުފިޔާގެ ކުރީގެ ނޫޓުތަކެއް: ފަސް ރުފިޔާގެ ނޫޓު ފިޔަވައި ކުރީގެ ހުރިހާ ނޫޓެއް މި މަހުގެ ނިޔަލަށް ބޭނުންކުރެވޭނެ-- ސަން ފައިލް ފޮޓޯ

މި ހިނގާ ޖުލައި މަސް ނިމުމާއެކު ދިވެހި ފައިސާގެ ކުރީގެ ނޫޓުތައް އުވިގެންދާނެ ކަމަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ބުނެފި އެވެ.

އެމްއެމްއޭގެ މީޑިއާ އޮފިޝަލް މިއަދު "ސަން"އަށް ވިދާޅުވީ ފަސް ރުފިޔާގެ ނޫޓު ފިޔަވައި، ކުރީގެ ކަރުދާސް ނޫޓުތައް ބޭނުން ކުރެވޭނީ ޖުލައި މަހުގެ 31 ވަނަ ދުވަހާ ހަމައަށް ކަމަށެވެ.

"ފަސް ރުފިޔާ ނޫނީ އެހެން ހުރިހާ ކަރުދާސް ނޫޓުތައް އުވިގެން ދާނެ ޖުލައި މަހުގެ ނިޔަލަށް،" އޮފިޝަލް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އެމްއެމްއޭއިން އިތުރު ގޮތެއް އަންގަން ދެން ރަން ދިހަ ފަހެއް ނޫޓުތަކާ އެކު ފަސް ރުފިޔާގެ ނޫޓު ބޭނުންކުރެވޭނެ ކަމަށެވެ.

ކުރީގެ ނޫޓުތަކުގެ ބޮޑު ބައެއް މިހާރު އެމްއެމްއޭއަށް ލިބިފައިވާ ކަމަށް ވެސް އެ އޮތޯރިޓީން ބުންޏެވެ.

މަރުކަޒީ ބޭންކުން ބުނީ އިގްތިޞާދުގައި ދައުރުވަމުން ދިޔަ ކުރީގެ ނޫޓުތަކުގެ 89 ޕަސެންޓު މިހާރު ނަގާފައިވާ ކަމަށެވެ.

ޖުލައި މަސް ނިމުމުން ބޭންކް އޮފް މޯލްޑިވްސްގެ ހުރިހާ ބްރާންޗުތަކުންނާއި އޭޓީއެމްތަކުން ވެސް ކުރީގެ ނޫޓުތައް ބަލައިގަތުން ހުއްޓާލާނެ އެވެ.

ރަންދިހަ ފަހެއްގެ ނޫޓު ސީރީޒްތައް ތައާރަފްކޮށްފައި ވަނީ މިދިޔަ އަހަރު ނޮވެމްބަރު މަހުގެ އެއްވަނަ ދުވަހުއެވެ.

comment ކޮމެންޓް