ޝަރުއީ ދާއިރާ ކަވަ ކުރައްވާ ނޫސްވެރިން އެފަރާތްތަކަށް ދިމާވާ ދަތިތަކާ ގުޅިގެން ހުރި ކަންބޮޑުވުންތައް ކޯޓުތަކުގެ އިސް ފަނޑިޔާރުންނާ ހިއްސާކޮށް ގިނަ ކަންތައްތަކަކާ މަޝްވަރާކޮށްފި އެވެ.
ޝަރުއީ ދާއިރާ އިން އިންތިޒާމުކޮށްގެން މިހަފްތާގައި ބާއްވަމުން އަންނަ "އޯޕަން ހައުސް މީޑިއާ ވީކް"ގައި ކޯޓުތަކުގެ އިސް ފަނޑިޔާރުންނާއި ނޫސްވެރިން ބައްދަލުކުރުމަށް މިއަދު ކުރިއަށް ގެންދިޔަ ސެޝަނުގައި ނޫސްވެރިން ލިޔާ ލިޔުންތަކުން އިސްލާހު ކުރުމަށް ފަނޑިޔާރުންނަށް ފެންނަ ކަންކަމާއި ކޯޓުތަކުގެ މައްސަލަތަކަށް ވަންނަ ނޫސްވެރިންނަށް ދިމާވާ ދަތިތަކާ ބެހޭ ގޮތުން ވަރަށް އޯޕަންކޮށް ވަނީ ވާހަކަ ދައްކައިފަ އެވެ.
މިއަދުގެ ބައްދަލުވުމުގައި ކްރިމިނަލް ކޯޓު ހިންގުމާ ހަވާލުވެ ހުންނެވި ގާޒީ އަބްދުލްބާރީ ޔޫސުފާއި ޑްރަގް ކޯޓުގެ އިސް ގާޒީ އަބްދުއްސައްތާރު ހަމީދު އާއި ފެމިލީ ކޯޓުގެ އިސް ގާޒީ ހަސަން މާހިރުގެ އިތުރުން ޖުވެނައިލް ކޯޓުގެ އިސްގާޒީ ސައީދު އިބްރާހިމާއި ސިވިލް ކޯޓުގެ އިސްގާޒީ އަބްދުﷲ އަލީ ވަނީ ބައިވެރިވެ ވަޑައިގެންފަ އެވެ. ސުޕްރީމް ކޯޓާއި ހައިކޯޓުގެ އިސް ފަނޑިޔާރުން އެބައްދަލުވުމުގައި ބައިވެރިވެ ވަޑައި ނުގަންނަވަ އެވެ.
ނޫސްވެރިންގެ ގިނަ ކަންބޮޑުވުންތަކެއް ކްރިމިނަލް ކޯޓުގެ އިސް ގާޒީ ބާރީއާ ވަނީ ހިއްސާކޮށްފަ އެވެ. އެގޮތުން ކޯޓުގެ ޝަރީއަތްތަކަށް ނުވަދެވޭ މައްސަލައާއި ކޯޓުގެ ރިސެޕްޝަނުގައި ތިއްބަވާ މުވައްޒަފުން މުހާތަބު ކުރުން ހުންނަ ގޮތުން ކަންބޮޑުވާ ކަމަށް ނޫސްވެރިން ބުންޏެވެ. ގާޒީ ބާޒީ ވިދާޅުވީ ނޫސްވެރިންގެ ކަންބޮޑުވުންތަކަށް ހައްލެއް ހޯދައިދިނުމަށް މަސައްކަތްކުރައްވާނެ ކަމަށެވެ. އަދި ކްރިމިނަލް ކޯޓުން ބޭނުން ވަނީ މީޑިއާ އާ ރަހުމަތްތެރި ގުޅުމެއް ބާއްވަން ކަމަށާއި ކުރިއަށް އޮތްތަނުގައި ނޫސްވެރިންނަށް ފަސޭހަކަމާ އެކު ކޯޓަށް ވަދެ ނުކުމެ އުޅެވޭނެ ގޮތް ފަހިކޮށްދޭނެ ކަމަށް ގާޒީ ބާރީ ވިދާޅުވި އެވެ.
އޭގެ އިތުރުން ފެމިލީ ކޯޓުގައި މީޑިއާ އަށް މައުލޫމާތު ހިއްސާކުރާނެ ފަރާތެއް ނެތުމުން އެކަމުގެ ދަތިތަށް ކުރިމަތިވާ ކަމަށް ނޫސްވެރިން ވަނީ ފާހަގަކޮށްފަ އެވެ. ފެމިލީ ކޯޓުގެ އިސް ގާޒީ ހަސަން މާހިރު ވިދާޅުވީ ކުރިއަށް އޮތްތަނުގައި ފެމިލީ ކޯޓުގެ މައުލޫމާތު އެކޯޓޫގެ ރެޖިސްޓްރަ ނޫސްވެރިންނަށް ހިއްސާކުރައްވާނެ ކަމަށެވެ.
ގާޒީންގެ ކަންބޮޑުވުންތަކުގެ ތެރޭގައި ބައެއް މީޑިއާތަކުން ކޯޓުން ނިންމާ މައްސަލަތަކުގެ އަސްލު ގެއްލޭ ގޮތަށް ހަބަރު ގެނެސްދިނުމާއި، ބައެއް ފަހަރު މީހުންގެ ނަން އޮޅުވާލައިގެން ހަބަރު ގެނެސްދިނުން ކަހަލަ ކަންކަން ފާހަގަކުރެވެ އެވެ. އޭގެ އިތުރުން ކޯޓުތަކުގައި އަމަލުކުރަމުންދާ އުސޫލުތައް ރަނގަޅަށް ނޭންގި ހަބަރު ގެނެސްދޭ ކަމަށް ގާޒީން ވަނީ ފާހަގަކޮށްފަ އެވެ.
މިއަދުގެ ބައްދަލުވުމަކީ މީޑިއާތަކާ އެކު ކޯޓުތަކުން ބާއްވަމުންދާ ގުޅުން ބަދަހިވެ ގާތް ގުޅުމެއް އުފެދިގެން ދިޔަ ބައްދަލުވުމެއްގެ ގޮތުގައި ނޫސްވެރިން ވެސް އަދި ކޯޓުތަކުގެ ފަނޑިޔާރުން ވެސް ވަނީ ފާހަގަކުރައްވައިފަ އެވެ.