ލެސްޓާގައި މަޑުކުރަން ވާޑީ ނިންމުމުން އެހެން ޓީމުތަކަށް މެސެޖެއް ލިބޭނެ: ރަނިއޭރީ

ލެސްޓާ ސިޓީގެ އިނގިރޭސި ފޯވަޑް ޖެމީ ވާޑީ: އޭނާ ހޯދުމަށް އާސެނަލް އިން ގިނަ މަސައްކަތްތަކެއް ކޮށްފައިވޭ ---

އިނގިރޭސި ޗެމްޕިއަން ލެސްޓާ ސިޓީގައި މަޑުކުރުމަށް ފޯވަޑް ޖެމީ ވާޑީ ނިންމުމުން އެހެން ޓީމުތަކަށް މެސެޖެއް ލިބޭނެ ކަމަށް އެ ކްލަބުގެ ކޯޗު ކްލައުޑިއޯ ރަނިއޭރީ ބުނެފި އެވެ.

މިދިޔަ ސީޒަނުގައި ލެސްޓާ އިން ހައިރާންކުރަނިވި ގޮތަކަށް ޕްރިމިއާ ލީގު ކާމިޔާބުކުރި އިރު، އެ ޓީމަށް ވާޑީ ކުޅުނު 36 މެޗުން އޭނާ ވަނީ 24 ލަނޑު ކާމިޔާބުކޮށްދީފަ އެވެ.

އުމުރުން 29 އަހަރުގެ އިނގިރޭސި ފޯވަޑް ހޯދުމަށް އާސެނަލް އިން ގިނަ މަސައްކަތްތަކެއް ކުރި ނަމަވެސް އޭނާ ލެސްޓާގައި މަޑުކުރުމަށް ވަނީ ނިންމައިފަ އެވެ. ވާޑީގެ އެ ނިންމުމަކީ އިޓަލީގެ ލެޖެންޑް ލުއިޖީ ރިވާ ނިންމި ފަދަ ނިންމުމެއްގެ ގޮތުގައި ރަނިއޭރީ ސިފަކުރެ އެވެ. ކަގްލިއަރީ އަށް 1970 ވަނަ އަހަރު އިޓާލިއަން ސެރީއާ ކާމިޔާބު ކޮށްދިނުމަށް ރިވާ އެހީތެރިވެދިން އިރު، ޔުވެންޓަސް އިން ހުށަހެޅި ހުށަހެޅުމެއް އޭނާ ދޫކޮށްލާފައިވެ އެވެ.

"ކްލަބުގައި މަޑުކުރުމަށް ވާޑީ ނިންމުމުން އެހެން ކްލަބުތަކަށް މެސެޖެއް ލިބޭނެ. އޭނާ އަށް އާސެނަލް އަށް ގޮސް، ބޮޑު އާމްދަނީއަކާއި ބޮޑު ފައިދާއެއް ނަގައި، ބޮޑު ކްލަބެއްގެ ކުޅުންތެރިޔަކަށް ވުމުގެ ފުރުސަތު އޮތް. އެކަމަކު ލެސްޓާ ދޫކޮށްލާކަށް އޭނާ ބޭނުމެއް ނުވި. އެއީ ރިވާ ނިންމި ފަދަ ނިންމުމެއް. ވާޑީ އަށް ޝުކުރު އަދާކުރަން ޖެހޭ،" ގެޒެޓާ ޑެލޯ ސްޕޯޓް އަށް ދިން އިންޓަވިއެއްގައި ރަނިއޭރީ ބުންޏެވެ.

މިދިޔަ ސީޒަނުގައި ލެސްޓާ އަށް ކުޅުނު ފްރާންސް މިޑްފީލްޑަރު އެންގޯލޯ ކަންޓޭ އަކީ ވެސް އެ ކްލަބުން ލީގު ހޯދި އިރު، މުހިއްމު ދައުރެއް އަދާކުރި ކުޅުންތެރިއެކެވެ. ލެސްޓާ ދޫކޮށް ކަންޓޭ ޗެލްސީ އަށް ބަދަލުވި ސަބަބު އެނގޭ ކަމަށް ރަނިއޭރީ ބުނެ އެވެ.

comment ކޮމެންޓް