މިދިޔަ އަހަރު ފުރަތަމަ ޑިވިޝަންގައި ވާދަކުރި މަހިބަދޫ ސްޕޯޓްސް ކްލަބާއި ދެ ވަނަ ޑިވިޝަންގައި ވާދަކުރަމުންދާ ގްރީން ސްޓްރީޓަށް އެފްއޭއެމްގެ ދާއިމީ މެންބަރުކަން އެފްއޭއެމް އިން ދީފިއެވެ.
މަހިބަދޫއާއި ގްރީން ސްޓްރީޓަށް އެފްއޭއެމްގެ ދާއިމީ މެންބަރުކަން ދިނުމަށް، ނިންމާފައިވަނީ މިއަދު ބޭއްވި އެފްއޭއެމްގެ އެކްސްޓްރާ އޯޑިނަރީ ކޮންގްރެސްއަށް ހުށަހަޅައި އެކަން ކޮންގްރެސްއިން ފާސް ކުރުމުންނެވެ.
އެފްއޭއެމްގެ މެންބަރުކަން ހޯދުމަށް، މަހިބަދޫއިން ވަނީ މީގެ ކުރިން ހުށަހަޅާފައެވެ. ނަމަވެސް އެފްއޭއެމްގެ ދާއިމީ މެންބަރުކަން ދިނުމަށް އެ ކްލަބު ޝަރުތު ހަމަނުވާ ކަމަށް މީގެ ކުރިން އެފްއޭއެމްއިން ވަނީ ބުނެފައެވެ.
އަދި އޭގެ ފަހުން މަހިބަދޫއަށް އެފްއޭއެމްގެ ދާއިމީ މެމްބަރުކަން މި ލިބުނީ އެ ކްލަބުގެ އެއް ފައުންޑަރު މެމްބަރު އަހަމަދު ތޯރިގް (ޓޮމް) އެއިދާރާގެ ރައީސް ކަމަށް މި އަހަރު އައުމަށް ފަހުއެވެ.
މިއަދު ބޭއްވި ކޮންގްރެސްގައި ވާހަކަ ދައްކަވަމުން ޓޮމް ވިދާޅުވީ މަހިބަދޫ ސްޕޯޓްސް ކްލަބަކީ ކުރިން ވެސް އެފްއޭއެމްގެ ދާއިމީ މެމްބަރުކަމަށް ސަރަތު ހަމަވާ ކުލަބެއް ކަމަށެވެ.
މަހިބަދޫ ސްޕޯޓްސް ކްލަބް ނިސްބަތްވާ އދ. މަހިބަދޫ އަކީ ފުޓްބޯޅައިގެ ގިނަ ތަރިންތަކެއް އުފައްދައި މިހާރު ވެސް ގައުމީ ޓީމްގެ ގިނަ ކުޅުންތެރިންތަކެއް ވެސް ހިމެނޭ ރަށެކެވެ. އެގޮތުން ކުރީގެ ގައުމީގްގެ ފޯވާޑް އަދި މިހާރުގެ އެފްއޭއެމްގެ ރައީސް ޓޮމް އަކީ ވެސް މަހިބަދުއަށް ނިސްބަތްވާ ބޭފުޅެކެވެ. އަދި މިހާރުގެ ގައުމީ ޓީމްގެ ކީޕަރު އިމްރާން މުހައްމަދާއި ފޯވާޑް އަސަދުﷲ އަބްދުﷲ (އަސައްކޮ) އާއި މިޑްފީލްޑަރު ހުސައިން ނިޔާޒު މުޙައްމަދު (ބޮކުރީ)އާއި ޑިފެންޑަރު ސަމޫހް އަލީ އާއި ގާސިމް ޝައްމާމް އަކީ ވެސް މަހިބަދޫއަށް ނިސްބަތްވާ ކުޅުންތެރިންނެވެ.