ގދ. ގައްދޫ ގޮނޑުދޮށް ހިމާޔަތްކުރަން 18 މިލިއަން ރުފިޔާ އަށް ބަޔަކާ ހަވާލުކޮށްފި

ގދ. ގައްދޫގެ ގޮނޑުދޮށް ހިމާޔަތްކުރުމަށް ހެވީފޯސް ޕްރައިވެޓް ލިމިޓެޑާ ހަވާލުކުރުމަށް އެންވަޔަރަމަންޓް މިނިސްޓްރީގައި މިއަދު ބޭއްވި ސޮއިކުރުމުގެ ރަސްމިއްޔާތުގެ ތެރެއިން: ގައްދޫ ގޮނޑުދޮށް ހިމާޔަތްކުރުމަށް އެ ކުންފުންޏާ ހަވާލުކޮށްފައި ވަނީ 18.9 މިލިއަން ރުފިޔާއަށް --- ސަން ފޮޓޯ/ ޔޫސުފް ސޮފްވާން

ގދ. ގައްދޫގެ ގޮނޑުދޮށް ހިމާޔަތްކުރުމަށް އަމިއްލަ ކުންފުންޏަކާ ހަވާލުކޮށްފި އެވެ.

ސަރުކާރުގެ ބަޖެޓުން 18.9 މިލިއަން ރުފިޔާ ހަރަދުކުރާ އެ މަޝްރޫއުގެ މަސައްކަތް ހަވާލުކޮށްފައި ވަނީ ހެވީފޯސް ޕްރައިވެޓް ލިމިޓެޑާއެވެ.

އެންވާރަމަންޓް މިނިސްޓްރީގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި އެ މަޝްރޫއު ހެވީފޯސް ޕްރައިވެޓް ލިމިޓެޑާ ހަވާލުކުރުމަށް ވަނީ އެއްބަސްވުމުގައި ސޮއިކޮށްފަ އެވެ.

އެއްބަސްވުމުގައި އެންވަޔަރަމަންޓް މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ތާރިގް އިބްރާހީމް އެވެ. އަދި ހެވީފޯސްގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ޒަމީރެވެ.

އެ މަޝްރޫއުގެ ދަށުން ގައްދޫގެ ހުޅަނގު ދެކުނު ފަރާތުގައި 950 މީޓަރުގެ ބޮޑު ހިލައިގެ ތޮށި ލުމަށް ހަމަޖެހިފައިވާ ކަމަށް ވެސް އެ މިނިސްޓްރީ އިން ބުންޏެވެ.

އެންވަޔަރަމަންޓް މިނިސްޓްރީން ބުނީ އެ މަޝްރޫއުގެ އަމަލީ މަސައްކަތް ފެށުމަށް މިހާރު ވެސް ތައްޔާރަށް އޮތް އިރު، މަސައްކަތް ނިންމުމަށް ހަމަޖެހިފައި ވަނީ 170 ދުވަހުގެ ތެރޭގައި ކަމަށެވެ. އެހެންކަމުން އެ މަޝްރޫއުގެ މަސައްކަތް މި އަހަރުގެ ފަހުކޮޅަށް ނިމޭނެ ކަމަށް ވެސް އެ މިނިސްޓްރީ އިން ބުންޏެވެ.

comment ކޮމެންޓް