ފިލްމު ފެސްޓިވަލްގެ އެއްވަނަ ތުރުކީގެ ޑައިރެކްޓަރަކަށް، ގިނަ އެވޯޑް ގެންދިޔައީ ރަޝިއާ އިން!

ސަން ސިޔާމް އިރުފުށިން ރާއްޖޭގައި ބޭއްވި ފުރަތަމަ ޓުއަރިޒަމް ފިލްމު ފެސްޓިވަލް ގެ ފަހުރުވެރި އެއްވަނަ އަށް ހޮވުނު ތުރުކީގެ ޑައިރެކްޓަރަށް، ސަން ސިޔާމް ގްރޫޕްގެ މެނޭޖިން ޑިރެކްޓަރު އަދި ޗެއާމަން އަހުމަދު ސިޔާމް މުހައްމަދު ރަމްޒީކޮށް އިނާމު ހަވާލުކޮށްދެއްވަނީ --- ސަން ފޮޓޯ/ ނާއިލް

ރާއްޖޭގައި ބޭއްވި ފުރަތަމަ ޓޫރިޒަމް ފިލްމު ފެސްޓިވަލްގެ ގްރޭންޑް ޕްރައިޒް ނުވަތަ ފެސްޓިވަލްގެ އެއްވަނަ ތުރުކީގެ ޑައިރެކްޓަރަކަށް ލިބިއްޖެ އެވެ.

"ފޮލޯ ދަ އީކުއޭޓާ" ގެ ނަމުގައި ސަން ސިޔާމް އިރުފުށި ރިސޯޓުން އިންތިޒާމްކޮށްގެން އެ ރިސޯޓުގައި މިމަހުގެ 10 އަކުން 12އަށް ބޭއްވި އެ ފިލްމު ފެސްޓިވަލްގެ އިނާމު ދިނުމުގެ ރަސްމިއްޔާތު ބާއްވާފައިވަނީ ރޭ، ރިސޯޓުގެ ހިތްގައިމު އައިލެންޑާސް ގްރިލް ބީޗުގައެވެ.

ޖުމްލަ 16 އެވޯޑެއް ދިން ރޭގެ އެވޯޑް ރަސްމިއްޔާތުގައި ފެސްޓިވަލުގެ އެންމެ މޮޅު ފިލްމަކަށް ހޮވިފައިވަނީ ކުޅިވަރު ކެޓަގަރީއަށް، ރަޝިއާގެ ދަގަން ސިލީއިޔާ ނަމަކަށް ކިޔާ މީހަކު ޑައިރެކްޓުކޮށް ފޮނުވާފައިވާ ފިލްމެކެވެ.

ސަން ސިޔާމް އިރުފުށިން ރާއްޖޭގައި ބޭއްވި ފުރަތަމަ ޓުއަރިޒަމް ފިލްމު ފެސްޓިވަލްގެ ވަނައަކަށް އައި ޑައިރެކްޓަރަކަށް ރަމްޒީކޮށް އިނާމު ހަވާލުކޮށްދެނީ: ވަނަތަކަށް ހޮވުނު ގިނަ މީހުން ރަސްމިއްޔާތުގައި ނެތުމުން އެ އިނާމުތަކާ ހަވާލުވެފައިވަނީ ރަސްމިއްޔާތުގެ މެހެމާނުން --- ސަން ފޮޓޯ/ ނާއިލް

ކައިޓް ސާފިން ކުރާ އަންހެނެއްގެ ހަޔާތުގެ މައްޗަށް "ހޯމް އޮފް ޓާކުއިސް" ނަމުގައި ހަދާފައިވާ ގާތްގަނޑަކަށް ތިން މިނެޓުގެ އެ ފިލްމަކީ ރަޝިއާގެ މިނިސްޓްރީ އޮފް ކަލްޗާ އެންޑް ޓޫރިޒަމް އިން ކްލައިންޓެއްގެ ގޮތުގައި އުފައްދާފައިވާ ފިލްމެކެވެ.

ފެސްޓިވަލްގެ އެއްވަނަ އަށް ދިޔަ ޑައިރެކްޓަރަށް ރަމްޒީކޮށް އިނާމު ހަވާލުކޮށްދިނީ ސަން ސިޔާމް ގްރޫޕްގެ މެނޭޖިން ޑިރެކްޓަރު އަދި ޗެއާމަންގެ އިތުރުން ފެސްޓިވަލްގެ ރައީސް އަހުމަދު ސިޔާމު މުހައްމަދެވެ.

ރާއްޖޭގައި ބޭއްވި ފުރަތަމަ ފިލްމު ފެސްޓިވަލަށް ގާތްގަނޑަކަށް 20 ގައުމަކުން 200 އަށްވުރެ ގިނަ ކުރު ފިލްމު ހުށަހެޅިއެވެ. އަދި އޭގެ ތެރެއިން 46 ފިލްމެއް ނޮމިނޭޓްކޮށް ރޭގެ ރަސްމިއްޔާތުގައި ވަނީ 10 ކެޓަގަރީ އަކުން އެންމެ މޮޅު ފިލްމު ހޮވާފަ އެވެ.

ސަން ސިޔާމް އިރުފުށިން ރާއްޖޭގައި ބޭއްވި ފުރަތަމަ ޓުއަރިޒަމް ފިލްމު ފެސްޓިވަލް ނިންމުމުގެ ރަސްމިއްޔާތުގެ ތެރެއިން --- ސަން ފޮޓޯ/ ނާއިލް

އެގޮތުން ފެސްޓިވަލްގެ 10 އެވޯޑްގެ ތެރެއިން އެންމެ ގިނަ އެވޯޑް ގެންދިޔައީ ރަޝިއާ އިންނެވެ. އެ އެގައުމުން ވަނީ އެންމެ މޮޅު ޕިލިގްރިމޭޖް ދާއިރާއާއި އެންވަޔަރަންމަންޓް ދާއިރާގެ އަދި ޔުނިކް ޓޫރިސްޓް ސައިޓް ދާއިރާއިން އެންމެ މޮޅު ފިލްމު އެވޯޑް ހޯދާފަ އެވެ.

ރަޝިއާއަށްފަހު ދެން އެންމެ ގިނަ އެވޯޑް ގެންދިޔައީ ފެސްޓިވަލް އިން ދެ އެވޯޑެއް ގެންދިޔަ ކްރޮއޭޝިއާ އެވެ. އެގައުމުގެ ޑައިރެކްޓަރުން ވަނީ ފެސްޓިވަލްގެ ޔުނިކް ޓޫރިސްޓް ސައިޓްގެ ދާއިރާއާ ކޮންގްނެޓިވް ދާއިރާ އިން އެވޯޑް ހޯދާފަ އެވެ.

މީގެ އިތުރުން ޓޫރިޒަމް ދާއިރާއިން އޮސްޓްރިއާގެ ޑައިރެކްޓަރަކަށް އެވޯޑް ލިބުނު އިރު ކްލިޕް ދާއިރާ އިން އެންމެ މޮޅު ފިލްމަކަށް ހޮވުނީ އޭޝިއާގެ ފަރުބަދަ މަތީގެ ގައުމެއް ކަމަށްވާ، ކިރްގިސްތާނުގެ ޑައިރެކްޓަރެއްގެ ފިލްމެވެ. އަދި އެޑްވެންޗާ ދާއިރާއިން ގްރީސް ގެ ޑައިރެކްޓަރަކަށް އެވޯޑް ލިބުނު އިރު ސާބިއާގެ ޑައިރެކްޓަރަކު ވަނީ އެތްނޮގުރެފިކް ދާއިރާއިން އެވޯޑް ގެންގޮސްފަ އެވެ.

ސަން ސިޔާމް އިރުފުށިން ރާއްޖޭގައި ބޭއްވި ފުރަތަމަ ޓުއަރިޒަމް ފިލްމު ފެސްޓިވަލް ނިންމުމުގެ ރަސްމިއްޔާތުގެ ތެރެއިން --- ސަން ފޮޓޯ/ ނާއިލް

އެ އެވޯޑްތައް ލިބުނު ފަރާތްތަކަށް އިނާމެއްގެ ގޮތުގައި ސަން ސިޔާމް ގްރޫޕުން ހިންގާ ކޮންމެ ވެސް އެއް ރިސޯޓެއްގައި ތިން ރޭ ހުރިހާ ހަރަދަކާއެކު ދިނުމަށް ސަން ސިޔާމް އިރުފުށިން ވަނީ ނިންމާފައެވެ.

ފެސްޓިވަލްގެ އެވޯޑްތަކުގެ އިތުރުން ފެސްޓިވަލަށް ހުށަހެޅި ފިލްމުތަކުގެ ތެރެއިން ފިލްމު އުފެއްދުމަށް ކޮށްފައިވާ މަސައްކަތުގެ އަގުވަޒަންކުރުމުގެ ގޮތުން ހާއްސަ ހަތަރު ފިލްމެއް ހޮވާ އިނާމު ދީފައިވެ އެވެ.

އެގޮތުން އެނިމޭޝަން ކެޓަގަރީ އިން ސްޕެއިންގެ ޑައިރެކްޓަރަކަށް އެވޯޑް ލިބުނުއިރު ކްލިޕް ކެޓަގަރީ ހޮވުނީ ރަޝިއާގެ ޑައިރެކްޓަރަކެވެ. އޭގެ އިތުރުން ޓޫރިޒަމް ދާއިރާ އިން ފާހަގަކޮށްލެވޭ ފިލްމެއް ހުށަހެޅި ޕޯޗުގަލް އަދި ޕޮލެންޑުގެ ދެ ޑައިރެކްޓަރުންނަށް ވަނީ އިނާމު ދީފައެވެ.

ސަން ސިޔާމް އިރުފުށިން ރާއްޖޭގައި ބޭއްވި ފުރަތަމަ ޓުއަރިޒަމް ފިލްމު ފެސްޓިވަލް ނިންމުމުގެ ރަސްމިއްޔާތުގެ ތެރެއިން --- ސަން ފޮޓޯ/ ނާއިލް

މީގެ އިތުރުން، ސޯޝަލް މީޑިއާ ދާއިރާއިން އެންމެ މޮޅު ފިލްމަށް ވެސް ރޭގެ ރަސްމިއްޔާތުގައި ވަނީ އެވޯޑް ދީފައެވެ. އެ އެވޯޑް ލިބުނީ މޮންޓެނެގްރޯ އަށް އުފަން ސުކޭރޯ ނަމަކަށް ކިޔާ މީހަކަށެވެ.

"ލެޓް ދިސް ބީ އަވާ ޑެސްޓިނީ" ގެ ނަމުގައި ހެދި އެ ވީޑިއޯ ހެދި ސުކޭރޯ ބުނީ 20 ސިކުންތުގެ އެ ވީޑިއޯ ހެދުމަށް އެއް މަސް އޭނާ ހޭދަކުރި ކަމަށެވެ.

ސޯޝަލް މީޑިއާ ދާއިރާއިން އެއްވަނަ އަށް ދިޔަ މީހާއަށް ސަން ސިޔާމް އިރުފުށިން ވަނީ އިންޓަނޭޝަނަލް ފްލައިޓްތަކާއި ސީޕްލޭން ޓްރާންސްފާއާއެކު އެ ރިސޯޓުގެ ބޭނުން ވިލާއެއްގައި ފަސް ރޭ ހޭދަކުރުމަށް ދީފައެވެ.

ސަން ސިޔާމް އިރުފުށިން ރާއްޖޭގައި ބޭއްވި ފުރަތަމަ ޓުއަރިޒަމް ފިލްމު ފެސްޓިވަލް އަށް ދައުވަތު ދީގެން އެ ރިސޯޓަށް އައި ދުނިޔޭގެ މަޝްހޫރު ތަރިންނާއެކު ސަން ސިޔާމް ގްރޫޕްގެ މެނޭޖިން ޑައިރެކްޓަރު އަދި ޗެއާމަން އަހުމަދު ސިޔާމް މުހައްމަދު (ވ) --- ސަން ފޮޓޯ/ ނާއިލް

comment ކޮމެންޓް