500 ކިލޯގެ ބަރު އުފުލި ފުރަތަމަ މީހާ ސަލާމަތްވީ ހަމަ ކިރިޔާ!

އެޑީ ހާލް: ތާރީހްގައި ފުރަތަމަ ފަހަރަށް 500 ކިލޯގެ ބަރު އުފުއްލައިގެން ދުނިޔޭގެ ރިކޯޑް ވަނީ ހަދާފަ ---

ތާރީހުގައި ފުރަތަމަ ފަހަރަށް އިންސާނަކު 500 ކިލޯގެ ބަރު އުފުއްލައި ދުނިޔޭގެ ރިކޯޑެއް ގާއިމްކުރި ނަމަވެސް މަރުގެ އެތިފަހަރަކުން އޭނާ ސަލާމަތްވީ ހަމަ ކިރިއާ އެވެ.

މީގެ ކުރިން 465 ކިލޯގެ ބަރުއުފުލައިގެން ވެސް އެ ރިކޯޑް އޮންނަ، ދުނިޔޭގައި މިވަގުތު ހުރި އެންމެ ވަރުގަދަ މީހާގެ ގޮތުގައި ބެލެވިފައިވާ އިނގިރޭސިވިލާތަށް އުފަން އުމުރުން 28 އަހަރުގެ އެޑީ ހާލް އެނާގެ އަމިއްލަ ރިކޯޑް މުގުރާލާއި ތާރީހްގެ ތެރެއަށް ވަދެގެން ދިޔައީ އިއްޔެ އެ ގައުމުގައި ބޭއްވި ދުނިޔޭގެ ބަރު އުފުލުމުގެ މުބާރާތުގައަ އެވެ.

އެ މުބާރާތުގައި އޭނާ ވަނީ 500 ކިލޯގެ ބަރު އުފުލާލުމަށް ފަހު އަށް ވަރަކަށް ސުކުންތު ހިފަހައްޓާލުމަށް ފަހު ދޫކޮށްލާފަ އެވެ. އަދި އެވަގުތު އޭނާގެ ބޮލަށް އެނބުރުން އަރައި ނޭފަތުންނާއި ކަންފަތުން ލޭ އައިސް ވަގުތުން ހޮސްޕިޓަލަށް ގެންގޮސް ވަނީ ފަރުވާދީފަ އެވެ.

"އަހަރެން ކިރިޔާ ހަމަ މަރުނުވީ. އަހަރެންގެ ހަށިގަނޑަށް ވަރަށް ބޮޑު ވޭނެއް އެޅި. ކުރިން ވެސް އިނގޭ މިއީ ކުރަން އެހާ ރަނގަޅު ކަމެއް ނޫންކަން. މިއީ ސިއްހަތަށް ވަރަށް ގެއްލުން ހުރި ކަމެއް،" ފަރުވާ އަށް ފަހު އެޑީ ބުންޏެވެ.

އެޑީ ބުނީ މީގެ ފަހުން ދެން އެބަރުދަނުގެ އެއްޗެއް ނޫފުއްލާނެ ކަމަށާއި ނަމަވެސް އެހެން މީހަކު އޭނާގެ ރިކޯޑް މުގުރާލާފި ނަމަ އަނެއްކާ ވެސް އެ ރިސްކު ނަގަން ތައްޔާރަށް ހުރި ކަމަށެވެ.

"މިއީ ލިބުނު ވަރަށް ބޮޑު ޝަރަފެއް. ވަރަށް އުފާވެރި އިހްސާސެއް ކުރެވެނީ. މިސާލަކަށް ފުރަތަމަ ހަނދަށް ދިޔަ މީހާއަށް ވެސް އެކަމަށް ވަރަށް ފަހުރުވެރި ވާނެ. ހަމަ އެހެން އަހަރެންނަށް ވެސް ވާނީ،" އެޑީ ބުންޏެވެ.

comment ކޮމެންޓް