ޔޫރޯ ފުޓްބޯޅަ މުބާރާތް ކާމިޔާބު ކުރި ޕޯޗްގަލް ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯއަށް ފާގަސަންގެ ފަރާތުން ރަނގަޅު ސަޕްރައިޒެއް ލިބެއްޖެއެވެ.
އާދިއްތަ ދުވަހުގެ ރޭ ފްރާންސްގައި އެ ގައުމު ބަލިކޮށް ޕޯޗްގަލް އިން ޔޫރޯ ފުޓްބޯޅަ މުބާރާތް ކާމިޔާބުކުރި ނަމަވެސް އެ މެޗުގެ ކުރީ ކޮޅުގައި ކަކުލަށް ލިބުނު އަނިޔާއެއްގެ ސަބަބުން ރޮނާލްޑޯ ވަނީ ބަދަލު ކޮށްފައެވެ.
ނަމަވެސް ރޮނާލްޑޯ ނުލައި ޕޯޗްގަލް އިން ފްރާންސްގެ މައްޗަށް ކުރި ހޯދައި ޔޫރޯ ތަށި އުފުލާލި އިރު ދުނިޔޭގެ މޮޅު ކުޅުންތެރިއާގެ މަގާމް ތިން ފަހަރު ހޯދާފައިވާ ރޮނާލްޑޯ ފޯޗުގަލް އާއި އެކު ހޯދި ފުރަތަމަ ތަށި ހިފއިގެން އައި އިރު އޭނާ އަށް މަރުހަބާކިޔަން އިންތިޒާރުގައި ހުރީ މެންޗަސްޓާ ޔުނައިޓެޑްގެ ކުރީގެ ކޯޗު ސަރ އެލެކްސް ފާގަސަންއެވެ.
ސޯސަލް މީޑިއާގައި ދައުރުވަމުންދާ އެ ވީޑިއޯ އިން ފެންނަ ގޮތުގައި ޕޯޗުގަލްގެ ކުޅުންތެރިން މެޑަލް ހިފައިގެން ސްޓޭޖުން ފައިބާއިރު ސިޑި ކައިރީގައި ދެކޮޅަށް ބަލާލަ ބަލާލަ އިންތިޒާރުގައި ފާގަސަން ހުންނަ ތަން ފެނެއެވެ. އަދި ރޮނާލްޑޯ އަށް ފާގަސަން ފެނުމުން ސިއްސައިގެން ގޮސް އުފަލާއި އެކު ބައްދާލައެވެ. ރޮނާލްޑޯގެ އިތުރުން ފާގަސަން ވަނީ ކުރީގެ ޔުނައިޓްޑްގެ ތަރި ނާނީ އަށް ވެސް މަރުހަބާ ކިޔާފައެވެ.
އާދައިގެ ކުޅުންތެރިއެއްގެ ގޮތުގައި ޕޯޗުގަލްގެ ސްޕޯޓިންގ އިން މެންޗަސްޓާ ޔުނައިޓެޑަށް ރޮނާލްޑޯގެނައީ އޭރު އެޓީމުގެ ކޯޗު ފާގަސަން ބޭނުންވެގެންނެވެ. ފާގަސަންގެ އިރުސާދުގެ ދަށުން ޔުނައިޓެޑަށް 196 މެޗު ކުޅެދީފައިވާ ރޮނާލްޑޯގެ އެންމެ މޮޅު ކުޅުން ފެނިފައިވަނީ ވެސް އެ ދުވަސްވަރުގައި ކަމަށް ގިނަ ބަޔަކު ގަބޫލު ކުރެއެވެ.
ރޮނާލްޑޯ މީގެ ކުރިން ބުނެފައިވަނީ އޭނާ ދުނިޔޭގެ ފެންވަރުގެ މޮޅު ކުޅުންތެރިއަކަށް ހެދުމުގައި އެންމެ ބޮޑު ދައުރެއް އަދާކޮށްފައިވަނީ ފާގަސަން ކަމަށެވެ. އަދި އޭނާ ކޮންމެ ކްލަބެއްގައި ހުރި ނަމަވެސް އަބަދުވެސް ފާގަސަންގެ އިރުޝާދާއި ނަސޭހަތް އަޑުއަހާނެ ކަމަށް ބުނެފައިވެއެވެ.