ކޮސްޓާ ތިން ޕެނަލްޓީ މަތަކޮށް ޕޯޗުގަލް ގޮވައިގެން ކުއާޓާއަށް

ޕެނަލްޓީގައި 3-0 ގެ ބޮޑު ތަފާތަކުން ސްލޮވީނިޔާ ބަލިކޮށް، ޔޫރޯ ފުޓްބޯޅަ މުބާރާތުގެ ކުއާޓާ ފައިނަލަށް ޕޯޗުގަލް ދަތުރުކޮށްފިއެވެ.

މުބާރާތުގެ ފައިނަލަށް ޕޯޗުގަލް ދަތުރުކޮށްފައިވަނީ މެޗުގެ ފުރިހަމަ ވަގުތު ހަމަވިއިރު ދެ ޓީމުންކުރެ ޓީމަކަށް ނަތީޖާ ނުނެރެވުމުން ކުޅުނު އިތުރު ވަގުތުގެ ދެ ހާފުގައި ވެސް ނަތީޖާ ނުނެރެވުމުން ޕެނަލްޓީ ޖަހައިގެންނެވެ.

ޕެނަލްޓީގައި ސްލޮވީނިޔާއިން ޖެހި ތިން ޕެނަލްޓީ ވެސް ޕޯޗްގަލް ކީޕަރު ޑިއޯގޯ ކޮސްޓާ ވަނީ ދިފާއުކޮށްފައެވެ. އޭނާ ވެފައިވަނީ ޕޯޗުގަލް ކުއާޓާއަށް ގެންގޮސްދިން ބަތަލެއްގެ ގޮތުގައެވެ. ޕެނަލްޓީ ޝޫޓްއައުޓްގައި ސްލޮވީނިޔާއިން ޕެނަލްޓީ ޖެހީ ޖޯސިޕް އިލިސިކް، ބަލްކޮވެޗް، އަދި ބެންޖަމިން ވާބިކެވެ.

ޕޯޗުގަލުން ޕެނަލްޓީ ޝޫޓް އައުޓްގައި އިސްނަގާ ޕޯޗްގަލްގެ ފުރަތަމަ ޕެނަލްޓީ ވަރަށް އިތުބާރާއެކީ ކާމިޔާބުކޮށްދިން ކުޅުންތެރިއަކީ ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯއެވެ. ޕޯޗްގަލްގެ ދެވަނަ ދެވަނަ ޕެނަލްޓީ ކާމިޔާބުކުރީ ބުރޫނޯ ފެނާންޑޭޒެވެ. އަދި، ތިންވަނަ ޕެނަލްޓީ ކާމިޔާބުކޮށް ކުއާޓާ ޔަގީންކޮށްދިނީ ބެނާޑޯ ސިލްވާއެވެ.

މެޗުގެ ތެރެއިން ވެސް ޑިއޮގޯ ކޮސްޓާ ވަނީ މުހިންމު ސޭވްތަކެއްކޮށްފައެވެ. އެގޮތުން، މެޗުގެ އިތުރު ވަގުތުގެ ދެ ހާފުގެ ތެރެއިން ޑިފެންޑަރު ޕެޕޭއަށް ހެދުނު ގޯހަކުން ސްލޮވީނިޔާގެ ސެސްކޯ އެކަނި އަރާ ފޮނުވާލި ބޯޅަ ވެސް ކީޕަރު ދިފާއުކުރިއެވެ.

މީގެ އިތުރުން ޕޯޗުގަލްއަށް ޕެނަލްޓީއެއް ވެސް ލިބުނެވެ. ނަމަވެސް، ސްލޮވީނިއާގެ ކީޕަރު އޮބްލަކް ވަނީ އެ ޕެނަލްޓީ މަތަކޮށްފައެވެ.

މި ނަތީޖާއާ އެކު މުބާރާތުގެ ކުއާޓާ ފައިނަލްގައި ޕޯޗްގަލް ވާދަކުރަން ޖެހޭނީ ފްރާންސާއެވެ.

comment ކޮމެންޓް