ޔޫރޯ 2024 ގެ ގްރޫޕް އެފްގައި މިރޭ ޗެކް ރިޕަބްލިކް ކޮޅަށް މެޗުގެ އެންމެ ފަހުކޮޅު ކާމިޔާބުކުރި ލަނޑާއެކު ޕޯޗުގަލުން މޮޅުވެއްޖެއެވެ.
ލިޕްޒިގް ދަނޑުގައި ރޭ ކުޅުނު މެޗުގައި ޕޯޗުގަލުން ޗެކް ބަލިކޮށްފައިވަނީ 2-1ގެ ނަތީޖާއަކުންނެވެ.
މުބާރާތުގެ 2016 ވަނަ އަހަރުގެ ޗެމްޕިއަނުން މި ފަހަރުގެ މުބާރާތާ ކުރިމަތިލީ ދުވަސްވީ ތަޖުރިބާކާރު ކުޅުންތެރިންނާއި އުއްމީދީ ކުޅުންތެރިންނާއެކު ވަރަށް ބެލެންސްޑް ޓީމެއްގެ ގޮތުގައެވެ.
މުބާރާތުގެ ފެވަރިޓުންގެ ތެރޭގައި ހިމެނޭ ޕޯޗުގަލްއަށް މި މެޗު ޚާއްސަވި އެއް ކުޅުންތެރިއަކީ ޓީމުގެ ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯއެވެ. މިއީ އޭނާގެ ހަވަނަ ޔޫރޯއެވެ. ދެހާސް ހަތަރު ވަނަ އަހަރުން ފެށިގެން ކޮންމެ ޔޫރޯއެއްގައި ރޮނާލްޑޯ ކުޅެފައިވެއެވެ. މިއީ ޔޫރޯގެ ތާރީޚުގައިވެސް ރެކޯޑެކެވެ.
.މުޅި މެޗު ކޮންޓްރޯލް ކޮށްގެން މޮޅަށް ކުޅުނީ ޕޯޗުގަލްއެވެ. ފުރަތަމަ ހާފުގައި ޗެކަށް ހަމަނޭވާ ލާނެ ފުރުސަތެއް ޕޯޗުގަލުން ނުދެއެވެ.
ޕޯޗުގަލްއަށް ލީޑުނަގަން ފުރަތަމަ ހާފުގައި ރަނގަޅު ފުރުސަތުތަކެއް ލިބުނެވެ. ނަމަވެސް ގޯލާ އަމާޒުކޮށް އުފެއްދުނު ފުރުސަތުތައް މަދެވެ. ފުރަތަމަ ހާފަށްވުރެ ދެވަނަ ހާފުގައި ޕޯޗުގަލުން ކުޅުން ވަރަށް ބޮޑަށް ރަނގަޅުކުރިއެވެ.
މެޗުގައި ފުރަތަމަ ލީޑުނެގީ ޗެކުންނެވެ. މެޗުގެ 62 ވަނަ މިނެޓުގައި ލަޑިމިއާ ކޯފާލް ދިން ބޯޅައަކުން ޕެނަލްޓީ އޭރިއާ ބޭރުން ފޮނުވާލި ހަމަލާއަކުން ޗެކަށް އެ ގޯލު ކާމިޔާބުކޮށްދިނީ ލޫކަސް ޕްރޮވޯޑެވެ. މުޅި ޕޯޗުގަލްއަށް ޝޮކެއް ލިބުނެވެ. ނަމަވެސް ޕޯޗުގަލް ވަނީ މި ލަނޑު ޖެހިތާ މާގިނައިރުތަކެއް ނުވެ ނަތީޖާ ހަމަހަމަކޮށްފައެވެ. މެޗުގެ 69 ވަނަ މިނެޓުގައި ފެނިގެންދިޔަ މި ލަނޑަކީ ޗެކް ޑިފެންޑަރު ރޮބިން ހްރަނަކް އަތުން ބައިކޮޅަށް ވަން ގޯލެކެވެ.
މެޗު ނިމެންދަނިކޮށް، ޕޯޗުގަލްގެ ޑިއޭގޯ ޖޮޓާ ފޮނުވާލި ބޯޅައެއް ގޯލަށް ވައްދާވެސް ލިއެވެ. ރޮނާލްޑޯ ބޮލުން ފޮނުވާލި ހަމަލާ، އަރިމަތީ ދަނޑީގައި ޖެހި ނުކުތުމާއެކު ޖޮޓާއަށް ލިބުނު ރީބައުންސް ބޯޅަ، ޗެކްގެ ގޯލުގެ ތެރެއަށް ފޮނުވާލި ނަމަވެސް ވީއޭއާރްގެ އެހީގައި ރެފްރީ ނިންމީ ރޮނާލްޑޯ އޮފްސައިޑް މަގާމެއްގައި ހުރި ކަމަށެވެ.
މެޗުގެ ލީޑު ޕޯޗުގަލުން ނެގީ ފަހު މިނެޓުގައެވެ. ޕެޑްރޯ ނެޓޯ ނަގައިދިން ހުރަހެއް ރޮބިން ހްރެނަކް ދިފާއުކުރުމާއެކު ލިބުނު ރީބައުންސް ބޯޅައަކުން ޕޯޗުގަލަށް އެ ގޯލު ކާމިޔާބުކޮށްދިނީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން ނުކުތް ފްރެންސިސްކޯ ކޮންސޭސާއޯއެވެ.