ޔޫރޯ 2016 ޑްރީމް ޓީމް: ވޭލްސްގެ ދެކުޅުންތެރީން ހިމެނުނުއިރު ބޭލް ނެތް!

ޔޫރޯ2016ގެ ޑްރީމް ޓީމުގައި ވޭލްސްގެ ދެ ކުޅުންތެރީން ހިމެނުނުއިރު ގެރެތު ބޭލްސް ނުހިމެނޭ --

ޖޫން 10 ން ޖުލައި 10 ށް ފްރާންސްގައި ކުރިއަށް ދިޔަ ޔޫރޯ ޗެމްޕިއަންޝީޕް 2016ގެ ޑްރީމް ޓީމް މިވަނީ ޔުއެފާއިން އިއުލާނުކޮށްފައެވެ.

މުބާރާތުގެ ޗެމްޕިއަން ޕޯޗްގަލްގެ ހަތަރު ކުޅުންތެރީނާއި ދުނިޔޭގެ ޗެމްޕިއަން ޖަރުމަނުގެ ތިން ކުޅުންތެރީން ހިމެނުނު އެޓީމުގައި، މިފަހަރު ޔޫރޯގައި އަލަަށް ވާދަކުރި ވޭލްސްގެ ދެ ކުޅުންތެރިއަކުވެސް ހިމެނެއެވެ. އެހެން ނަމަވެސް ގިނަބަޔަކު ހީކުރި ގޮތަށް ޚިލާފަށް، ދުނިޔޭގެ އެންމެ އަގުބޮޑު ކުޅުންތެރިޔާ ރެއާލް މެޑްރިޑްގެ ގެރެތު ބޭލް އެޓީމުން ނުފެނެއެވެ. ދެން ހިމެނެނީ ފްރާންސް ދެ ކުޅުންތެރީންނެވެ.

މުބާރާތުގައި އެންމެ ކާމިޔާބު ފޯމެޓެއް ކަމަށް ޖަޖުންގެ ޕެނަލުން ނިންމި، (4-2-3-1) ފޯމެޓަށް ޓީމު އެކުލަވާލާފައިވާއިރު ޓީމުގެ އެޓޭކިންގައި އެންމެ ކުރީގައި ހުރީ ޕޯޗްގީޒް ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯއެވެ. އަދި ޓީމުގެ އެންމެ ފަހަތް ބަލަހައްޓަނީ އެޓީމުގެ ގޯލްކީޕަރު ރުއީ ޕެޓްރިޝިއޯއެވެ.

ރޮނާލްޑޯގެ ފަހަތުން ކުރިއަށް ކުޅޭ އަނެއް ތިން ކުޅުންތެރީނަކީ، ފްރާންސްގެ ޑިމިޓްރީ ޕަޔެޓާއި، ވޭލްސްގެ އާރޮން ރަމްސޭއާއި މުބާރާތުގައި އެންމެ ގިނަ ލަނޑު ޖަހައިގެން ރަންބޫޓު ހޯދި ފްރާންސްގެ އެންޓޮއިން ގްރީޒްމަން އެވެ.

މެދުތެރޭން ވޭލްސްގެ މިޑްފީލްޑަރު ޖޯއެލެން އާ ބައިވެރި ވަނީ ޖަރުމަނުގެ މިޑްފީލްޑަރު ޓޯނީ ކްރޫސްއެވެ. އެއަށްފަހު ޓީމުގެ ދިފާއީ ބާރުގެ ގޮތުގައި ހިމަނާފައިވަނީ، ޖަރުމަނުގެ ޖޯޝުއާ ކިމިޗް، ޖެރޯމް ބޯޓެންގ، ޕޯޗްގަލްގެ ޕެޕޭ އަދި އެޓީމުގެ ރަފައެލް ގުއެރާރޯއެވެ.

މީގެ ކުރީން 23 ކުޅުންތެރީންގެ ސްކޮޑެއް ނެގިއިރު އޭގެ ތެރޭގައި ރޮނާލްޑޯ 2004 އަދި 2012)އާއި ޕެޕޭ (2008 އަދި 2012) ވަނީ ހިމެނިފައެވެ. އަދި މުބާރާތުގެ ކުރިން އިއުލާނުކުރި ޔޫރޯ އޯލްޓައިން 11ގައި ވެސް ރޮނާލްޑޯ ވަނީ، ހިމެނިފައެވެ.

ޑްރީމް ޓީމް ހޮވާފައިވަނީ، ޔުއެފާއިން ކަނޑައެޅި ޓެކްނިކަލް އޮބްޒާވަރުންގެ 13 މެންބަރުންގެ ވަރުގަދަ ޕެނަލަކުންނެވެ. ޕެނަލުގެ ލީޑަރެއްގެ ގޮތުގައި ޔުއެފާ ޗީފް ޓެކްނިކަލް އޮފިސަރު ލޯން ލުޕެސްޝޫ ހިމެނޭއިރު، ސަރ އެލެކްސް ފާގަސަން، އޭލިއެން ގިރެސޭ، ޑޭވިޑް މޮއެސް، ޕެކީ ބޯނާ، މިޝޫ ޕާޓެލައިނަން، ސަވޯ މިލޯސެވިޗް، ޕީޓަރ ރުޑްބައެކް، ގެރެތު ސައުތުގޭޓް، ތޯމަސް ޝާފް، ޖީން ފްރާންސިއޯ ޑޯމެގޫ، ގިނީ މެލެންޑޭޒް، އަދި ޖީން ޕައުލް ބްރިގާ ހިމެނެއެވެ.

ޓެކްނިކަލް އޮބްޒާވަރުން ޑްރީމް ޓީމު ނަގާފައި ވަނީ، ތަފާތު ކްރައިޓޭރިއާތަކެއްގެ މައްޗަށް އެކުލެވޭ ގޮތަށް މުބާރާތުގެ ކުރީން އެކުލަވާލާފައިވާ ގައިޑްލައިނެއްގެ މައްޗަށް ބިނާކޮށެވެ. އެގޮތުން ކޮންމެ މެޗަކަށް ވެސް ދެ ޓެކްނިކަލް އޮބްޒާވަރަކު ހާއްސަކޮށްފައި ތިބެއެވެ.

ޔުއެފާ ކޯޗިން އެމްބެސެޑަރ، ސަރ އެލެކްސް ފާގަސަން ބުނީ، ވަރަށް ގިނަ ކަންތައްތަކަށް ބެލުމަށްފަހު، އޮބްޒާވަރުން ޑްރީމް ޓީމް ހޮވާފައި ވަނީ، މިފަހަރުގެ ޔޫރޯގައި އެންމެ މޮޅަށް ކުޅުނު ޓީމުތަކުގައި ހިމެނޭ އެންމެ މޮޅެތި ކުޅުންތެރީން ކަމަށެވެ.

"އަހަރެމެން ވާނީ އެންމެ ފާހަގަކޮށްލެވޭ، ސެންޓްރަލް ޑިފެންޑަރުން، އެޓޭކް ކުރެވޭ އަދި ޑިފެންސް ކުރެވޭ ފުލް ބެކްސް، ގޭމް ކޮންޓްރޯލް ކޮށް ކުޅުމުގެ އޮވަރު ހިފަހައްޓާލެވޭ ލެވޭފަދަ މިޑްފީލްޑަރުން، ހަލުއި އަދި އުފެއްދުންތެރިކަމާއެކު ލަނޑު ޖެހުމުގެ ގާބިލްކަން ލިބިފައިވާ ފޯވާޑުން. އަހަރެމެން ގަބޫލުކުރަނީ މި ހޮވާލެވުނު 11 ކުޅުންތެރީންނަކީ މުޅި މުބާރާތުގެ އެންމެ މޮޅެތި ކުޅުންތެރީންކަމަށް،" މެންޗެސްޓާ ޔުނައިޓެޑްގައި 26 އަހަރަށް ވުރެ ދިގުމުއްދަތެއް ހޭދަކުރި ކޯޗް ބުންޏެވެ.

comment ކޮމެންޓް