18 އަހަރަށްފަހު "ޓްރަކްސޫޓް ކީޕަރު" ހަންގޭރީ ގައުމީ ޓީމަށް ކުޅުން ހުއްޓާލައިފި

ހާންގޭރީ ކީޕަރު: ޔޫރޯގައި މޮޅު ކުޅުމެއް ދެއްކި އުމުރުން 40 އަހަރުގެ ގޯލްކީޕަރު ގައުމީ ޓީމަށް ކުޅުން ހުއްޓާލިކަން ވަނީ އިއުލާންކޮށްފައި --- ފޮޓޯ: އޭޕީ

އަށާރަ އަހަރަށްފަހު ގޯލްކީޕަރު ގަބޯ ކިރާއީ ހަންގޭރީ ގައުމީ ފުޓްބޯޅަ ޓީމަށް ކުޅުން ހުއްޓާލައިފި އެވެ.

ގައުމީ ޓީމަށް 107 މެޗު ކުޅެފައިވާ ކިރާއީ އަކީ މި އަހަރު ކުރިއަށްދިޔަ ޔޫރޯ 2016ގެ ދެވަނަ ބުރަށް ހަންގޭރީ ގެންގޮސްދިނުމުގައި އިސްދައުރެއް އަދާކޮށްދިން ގޯލްކީޕަރެވެ. އެ މުބާރާތުގައި އުމުރުން 40 އަހަރުގެ ކިރާއީ އެންމެ ބޮޑަށް ފާހަގަކޮށްލެވުނީ އޭނާ ބޭނުންކުރަމުންދިޔަ އަޅި ކުލައިގެ ޓްރަކްސޫޓެވެ.

ހަންގޭރީ ގައުމީ ޓީމަށް ކުޅުން ހުއްޓާލިކަން ކިރާއީ އިއުލާންކޮށްފައިވަނީ އޭނާގެ ރަސްމީ ވެބްސައިޓުން ނެރުނު ބަޔާނަކުންނެވެ.

"އަހަރެންނަށް މިހާރު 40 އަހަރު ވެއްޖެ. އަހަރެން އެންމެ ރަނގަޅު ފެންވަރުގައި ނުފެނިދާނެ ކަމަށް ބަލައި، އަހަރެން ގައުމީ ޓީމަށް ކުޅެން ހުއްޓާލައިފިން. އަހަރެންގެ ކުރިމަގާ މެދު ގޮތެއް ނިންމުމުގެ ފުރުސަތު ހަންގޭރީ ގައުމީ ޓީމުގެ ކޯޗު ބާންޑް ސްޓޯކް އަހަރެންނަށް ދިން،" ކިރާއީ ނެރުނު ބަޔާނުގައި ބުނެފައިވެ އެވެ.

ކުރިން ކްރިސްޓަލް ޕެލަސް، ބާންލީ އަދި ފުލަމް އަށް ކުޅުނު ގޯލްކީޕަރު ކިރާއީ ވަނީ ޔޫރޯގައި ރެކޯޑެއް ވެސް ހަދައިފަ އެވެ. އޭނާ ވެގެންގޮސްފައިވަނީ ޔޫރޯގެ ތާރީހުގައި ކުޅުނު އެންމެ ދުވަސްވީ ކުޅުންތެރިޔާ އަށެވެ.

comment ކޮމެންޓް