"ޝަރުއީ ދާއިރާގެ މީޑިއާ ވީކް" ފެށޭ ހަފްތާގައި ކުރިއަށް ގެންދަން ނިންމައިފި

މީޑިއާ ކައުންސިލުން މީޑިއާތަކަށް ހާއްސަކޮށްގެން ބޭއްވި ނޫސްވެރިންގެ ފޯރަމްގައި ނޫސްވެރިން ބައިވެރިވަނީ: "ޝަރުއީ ދާއިރާގެ މީޑިއާ ވީކް" ފެށޭ ހަފްތާގައި ކުރިއަށް ގެންދަން ވަނީ ނިންމާފައި -- ސަންފައިލް ފޮޓޯ

މީޑިއާއާއެކު ގާތް ގުޅުމެއް ބޭއްވުމަށާއި ޝަރުއީ ދާއިރާއިން މީޑިއާގެ މިނިވަންކަމަށް ހިތްްވަރުދިނުމުގެ ގޮތުން މީޑިއާތަކަށް ހާއްސަކޮށްގެން "އޯޕަން ހައުސް މީޑިއާ ވީކްގެ ނަމުގައި" ފާހަގަކުރާ ވީކް މިއަންން ހަފްތާގައި ކުރިއަށް ގެންދަން ނިންމައިފި އެވެ.

މިމަހު 17 އިން ފެށިގެން 20 ވަނަ ދުވަހަށް މީޑިއާ ވީކް ފާހަގަކުރުމަށް ނިންމާފައިވާކަން ޖުޑިޝަލް އެޑްމިނިސްޓްރޭޝަނުން ވަނީ 'ސަން' އަށް ކަށަވަރުކޮށްދީފަ އެވެ.

ޖުޑިޝަލް އެޑްމިނިސްޓްރޭޝަންގެ ލީގަލް އޮފިސަރު ފައިސަލް 'ސަން' އަށް ވިދާޅުވީ މީޑިއާ ވީކްގެ ގޮތުގައި ޝަރުއީ ދާއިން ފާހަގަކުރާ ހަފްތާގައި މީޑިއާއާ ގުޅުން ހުރި މުއައްސަސާތަކާއި މީޑިއާ އޮގަނައިޒޭޝަންތަކާ އެކު ބައްދަލުވުންތައް ބާއްވާނެ ކަމަށެވެ. އަދި ޓްރެއިނިން ސެޝަންއެއް ކުރިއަށްގެންދަން ވެސް ނިންމާފައިވާ ކަމަށް ފައިސަލް ވިދާޅުވި އެވެ.

ކޯޓު ރިޕޯޓަރުންނާ ގުޅޭ ގޮތުން ވެސް މީޑިއާ ވީކްގައި މައުލޫމާތު ދެއްވާނެ ކަމަށް ފައިސަލް ވަނީ ވިދާޅުވެފަ އެވެ.

"އޯޕަން ހައުސް މީޑިއާ ވީކްގެ ނަމުގައި" ހަފްތާއެއް ފާހަގަކުރަން އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދު ނިންމަވައި އެކަން އިއުލާނުކުރައްވާފައި ވަނީ މި އަހަރުގެ މޭ މަހުގެ ތެރޭގަ އެވެ.

އުއްތަމަ ފަނޑިޔާރު ވިދާޅުވީ ޝަރުއީ ދާއިރާ ވާންޖެހޭނީ މީޑިއާއާ ރަހުމަތްތެރި މީޑިއާއަށް ހުޅުވާލެވިފައިވާ މީޑިއާގެ މިނިވަންކަމަށް އިހުތިރާމުކުރާ ދާއިރާއަކަށް ކަމަށެވެ. އަދި މީޑިއާ ތަކާ ގުޅިގެން މަސައްކަތް ކުރުމަށް އުއްތަމަ ފަނޑިޔާރު ވަނީ ޝައުރީ ދާއިރާގެ ފަރާތްތަކަށް ގޮވާލައްވާފަ އެވެ.

"ޝަރުއީ ދާއިރާ ވާންޖެހޭނީ މީޑިއާއާ ރަހްމަތްތެރި މީޑިއާއަށް ހުޅުވާލެވިފައިވާ އަދި މީޑިއާގެ މިނިވަންކަމަށް އިހުތިރާމުކުރާ ދާއިރާއަކަށް. އަދި މީޑިއާގެ ފަރާތްތަކާއި މީޑިއާގެ ބެލެނިވެރި އިދާރާތަކާއި މީޑިއާއާ ޝަރުއީ ދާއިރާ ގުޅިގެން މަސައްކަތްކުރުމުގެ މާހައުލެއް އުފެއްދުމަށް ވެސް އަޅުގަނޑު ގޮވާލަން،" ފަނޑިޔާރުންގެ މަހާސިންތާ ނިންމުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން އުއްތަމަ ފަނޑިޔާރު ވިދާޅުވި އެވެ.

އޯޕަން ހައުސް މީޑިއާ ވީކެއްގެ އިތުރުން ގިނަ ކަންތައްތަކެއް ކުރަން ޝަރުއީ ދާއިރާއިން ވަނީ ނިންމާފަ އެވެ.

ޝަރުއީ ދާއިރާއިން ކުރުމަށް ރާވާފައިވާ ކަންކަން

  • އޯޕަން ހައުސް މީޑިއާ ވީކް - ޖުލައި 2016
  • ރާއްޖޭގައި ވިޔަފާރިއަށް ފައި މާހައުލެއް ގާއިމްކުރުމާމެދު ގަޟާއީ މަންޒޫރަކުން ބަލައިލުން - އޮގަސްޓް 2016
  • އިންސާނީ ވަގުފާރިއާ ގުޅޭ އެކްޝަން ޕްލޭންއެއް އެކުލަވާލުން - އޮގަސްޓް 2016
  • އިންސާނީ ވަގުފާރިއާ ގުޅޭ ޑޭޓާ އެއްކުރުން - ސެޕްޓެމްބަރު 2016
  • އިންސާނީ ވަގުފާރިއާ ގުޅޭ މައްސައްކަތު ބައްދަލުވުން - ނޮވެމްބަރު 2016
  • އިންސާނީ ވަގުފާރިއާ ގުޅޭގޮތުން ޝަރުއީ ދާއިރާއިން ރިޕޯޓް ނެރުން - ފެބުރުއަރީ 2017
  • އެކުވެރި ރަހުމަތްތެރި ގައުމުތަކުގެ ފަނޑިޔާރުންގެ މާލޭ ޑެކްލަރޭޝަން - އޭޕްރީލް 2017
comment ކޮމެންޓް