ޒަމާންތަކެއްގެ ދިގު އިންތިޒާރީއަށް ފަހު، ފުރަތަމަ ފަހަރަށް ބޮޑު މުބާރާތެއްގެ ޗެމްޕިއަންކަން ލިބުމުން ޕޯޗްގަލް ރައްޔިތުން ވަނީ އުފަލުން ފޮޅިފައެވެ. ފުޓްބޯޅައިގެ ހުނަރުވެރި ކުޅުންތެރިންތަކެއް އުފެއްދި ޕޯޗްގަލަށް ވަނީ ފުޓްބޯޅައިގެ ބޮޑުއީދެއް އައިސްފައެވެ. އެގޮތުން އެގައުމުގެ އެތަކެއް ހާސް ސަޕޯޓަރުން ދަނީ އުފާފާޅުކުރަމުންނެވެ. އޭގެ ތެރޭންވެސް، ފުޓްބޯޅަ ކޯޗުންގެ ތެރޭގައި މަޝްހޫރު "ސްޕެޝަލް ވަން" ހޯޒޭ މޮރީނިއޯ ފާހަގަކޮށްލެވެއެވެ.

ޕޯޗްގަލް ޔޫރޯ 2016ގެ ޗެމްޕިއަންކަން ހޯދުމުން އެ ގައުމުގެ ސަޕޯޓަރުން އުފާފާޅުކުރަނީ -- ފޮޓޯ: އޭޕީ
އިނގިރޭސި ކްލަބް މެންޗެސްޓަރ ޔުނައިޓެޑްގެ އާކޯޗު މޮރީނިއޯ ވަނީ، އާދީއްތަ ދުވަހުގެ ރޭ ޕެރިހުގެ ސްޓާޑޭ ޑި ފްރާންސްގައި ކުޅުނު ޔޫރޯ 2016ގެ ފައިނަލްގައި 1-0ގެ ނަތީޖާއަކުން ފްރާންސް ބަލިކޮށް ޕޯޗްގަލް ހޯދި ކާމިޔާބީ ފާހަގަކުރުމުގެ ގޮތުން އިންސްޓަރގްރާމަށް އޭނާގެ ފޮޓޯއަކާއެކު ހާއްސަ މެސެޖެއް ދޫކޮށްފައެވެ.
ޕޯޗްގަލްގެ ފުޓްބޯޅައިގެ ތާރީޚްގައި ވެސް ފުރަތަމަ ފަހަރަށް ޔޫރޯ ކަމިޔާބުކުރެވުމާއެކު ލިބުނު އުފަލެއްގެ ބޮޑުކަމުން ޕޯޗްގަލްގެ އެހެނިހެން ރައްޔިތުންނެކޭ އެއްފަދައިން މޮރީނިއޯއަށް ވެސް ކުރެވެމުން ދަނީ ހަނދަށް ވުރެވެސް މަތީގައި ހުރެވޭ ކަހަލަ އިހްސާސްތަކެކެވެ.

ޔޫރޯ 2016ގެ ޗެމްޕިއަން ޕޯޗްގަލް -- ފޮޓޯ: އޭޕީ
މޮރީނިއޯ އޭނާގެ އިންސްޓަގްރާމަށް ދޫކޮށްލި މެސެޖުގައި ބުނެފައި ވަނީ، ވިލާތުގެ ޗެމްޕިއަނުންގެ ގައުމަށް ޒިޔާރަތްކުރާން ބޭނުން ނަމަ ޕޯޗްގަލަށް އައުމަށެވެ.
|
ފްރާންސް ރަނގަޅަށް ކުޅެ ގިނަވަގުތު ބޯޅަ ހިފަހައްޓައިގެން ކުޅުނު ފައިނަލް މެޗުގެ ކުރީކޮޅުގައި ޕޯޗްގަލަަށް އިތުރު އުނދަގޫތަކަކާ ކުރިމަތިލާން ޖެހުނީ ފްރާންސްގެ ޑިމިޓްރީ ޕަޔެޓް ޕޯޗްގަލްގެ ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯ އަތުން ބޯޅަ ހޯދަން އުޅުމުގެ ތެރޭގައި ހިނގި ހާދިސާއެއްގައި ކަކުލު ހުޅަށް ލިބުނު އަނިޔާއަކާ ގުޅިގެން ރޮނާލްޑޯއަށް މެޗާ ވަކިވާން ޖެހުމުންނެވެ.

ޔޫރޯ 2016ގެ ފައިނަލްގައި ފްރާންސްކޮޅަށް ޕޯޗްގަލްގެ އެޑާ ލަނޑު ޖެހުމުން ޕޯޗްގަލް ސަޕޯޓަރުން އުފާފާޅުކުރަނީ -- ފޮޓޯ: އޭޕީ
ނަމަވެސް އާޚިރު ނަތީޖާ އައީ، 120 މިނިޓަށް ދިގު ދެމިގެން ދިޔަ ފައިނަލް މެޗުގެ 109 ވަނަ މިނިޓްގައި ޕޯޗްގަލްގެ އެޑާ ކާމިޔާބުކުރި ލަނޑާއެކު ފުރަތަމަ ފަހަރަށް ޕޯޗްގަލަށް ބައިނަލްއަގުވާމީ ބޮޑު މުބާރާތެއްގެ ތަށި ލިބިގެންނެވެ.