ފްރާންސަށް ލަނޑު ލިބުނީ ބެންޒެމާ ޓީމުގައި ނުހިމެނުމުން ކަމަށް ބުނެ ފާޑުކިޔައިފި

ރެއާލް މެޑްރިޑްގެ ޖާޒީ ނަންބަރު 9އަށް ކުޅޭ ފްރާންސް ފޯވާޑް ކަރިމް ބެންޒެމާ -- ފޮޓޯ: ސްކައިސްޕޯޓްސް

ޔޫރޯ 2016ގައި ފްރާންސަށް އެހާ ހިތްދަތި ނިމުމެއް އައީ، ކަރީމް ބެންޒެމާ ސްކޮޑަށް ނުނެގުމުން ކަމަށްބުނެ ރެއާލްގެ ކުރީގެ ކުޅުންތެރިޔަކު ފްރާންސް ޓީމަށް ފާޑުކިޔައިފިއެވެ.

ފްރާންސް ގައުމީ ޓީމްގައި މުހިންމު ދައުރެއް އަދާކުރަމުން ދިޔަ ބެންޒެމާއަށް މިފަހަރުގެ ޔޫރޯއިން ޖާގަ ނުދިނީ، އެޓީމުގެ ކުޅުންތެރިއެއް ކަމަށްވާ މެތިއު ވެލްބުއެނާ، ބްލެކް މެއިލް ކުރިކަމުގެ ތުހުމަތުގައި އެ ގައުމުގެ ފުލުހުން އޭރު ބަލަމުން ދިޔަ މައްސަލައަކާ ގުޅިގެންނެވެ.

ފްރާންސްގެ އެފްއޭއިން އޭރު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އެ ނިންމުމަކީ ފްރާންސް އެފްއޭގެ ރައީސާއި ގައުމީ ޓީމްގެ ކޯޗު ޑިޑިއޭ ޑިޝޯމްޕްސްއާ މަޝްވަރާކުރުމަށް ފަހު ނިންމި ނިންމުމެއް ކަމަށެވެ.

ބެންޒެމާއާއެކު ކުރިން ރެއާލް މެޑްރިޑަށް ކުޅުނު ސްޕެނިޝް ޑިފެންޑަރު އަލްވާރޯ އާބެލޯއާ ބުނީ، "ފްރާންސަށް އެވަނީ، އަމިއްލަ ފަސްގަނޑުގައި ކުޅުނު މުބާރާތުގައި ދުނިޔޭގެ އެންމެ މޮޅު 9 ނަންބަރު ކުޅުންތެރިޔާއަށް ފުރުސަތު ނުދިނުމުން، ވާނެގޮތް ވެފައި،" ކަމަށެވެ. އޭގެ އިތުރުން އާބެލޯއާ ވަނީ ޕޯޗުގަލް ޓީމާއެކު ޔޫރޯ ކާމިޔާބުކުރި ރެއާލް މެޑްރިޑުގެ ދެ ކުޅުންތެރިން ކަމަށްވާ ކްރިސްޓިއާނޯ ރޮނާލްޑޯ އާއި ޕެޕޭ އަށް މަރުހަބާ ކިޔައިފައެވެ.

ވެރިރަށް ޕެރިހުގައި ކުޅުނު ފައިނަލް މެޗުގައި ފްރާންސުން މޮޅަށް ކުޅެ ގިނަ ހަމަލާތަކެއް އުފެއްދި ނަމަވެސް، އެޓީމަށް ވަނީ ޕޯޗްގަލްގެ ގޯލް ފޫއަޅުވައިލުމަށް ނުކުޅެދިފައެވެ.

ޕޯޗްގަލް ޓީމުން ޔޫރޯގެ ޗެމްޕިއަންކަން ހޯދި ލަނޑު ކާމިޔާބުކުރީ، 120 މިނިޓަށް ދިގުދެމިގެން ދިޔަ ފައިނަލް މެޗުގެ 109ވަނަ މިނިޓްގައެވެ. އެ ލަނޑު ކާމިޔާބުކޮށްދިނީ މެޗުގެ ފަހުހާފުގައި ބަދަލުކުޅުންތެެރިއެއްގެ ގޮތުގައި ނުކުތް އެޑާއެވެ.

ފައިނަލް މެޗަށް ފަހު ފްރާންސްގެ ކޯޗު ޑިޑިއާ ޑިޝޯމްޕްސް ބުނީ، އެޓީމަށް މޮޅު ނުވެވުނީ، ގިނަ ފުރުސަތުތަކެއް ލިބި އޭގެ ބޭނުން ނުހިފެވުމުން ކަމަށެވެ.

comment ކޮމެންޓް