އުސާމާ ބިން ލާދިންގެ މަރުގެ ބަދަލު ހިފާނެ ކަމުގެ އިންޒާރު އެމެރިކާއަށް ދީފި

އުސާމާ ބިން ލާދިން --

ވޮޝިންޓަން (ޖުލައި 11): އަލް ގައިދާގެ ކުރީގެ ލީޑަރު، އުސާމާ ބިން ލާދިންގެ މަރުގެ ބަދަލު އެމެރިކާއަށް ދޭނެ ކަމުގެ އިންޒާރު އޭނާގެ ދަރިފުޅު، ހަމްޒާ ބިން ލާދިން ދީފި އެވެ.

"އަހަރުމެން އެއްމެންނަކީ އުސާމާ"ގެ ނަން ދީފައިވާ 21 މިނިޓުގެ އޯޑިއޯ މެސެޖެއްގައި ހަމްޒާ ވަނީ އެމެރިކާ އާއި އެމެރިކާއަށް ވާގިވެރިވާ ގައުމުތަކާ ދެކޮޅަށް އަލް ގައިދާއިން ކުރަމުން އައި ހަނގުރާމަ ކުރިއަށް ގެންދާނެ ކަމަށް ބުނެފަ އެވެ.

"އެމެރިކާ އިން ނާއިންސާފުން ބާރު ފޯރުވާފައިވާ ފަލަސްތީން، އަފްގާނިސްތާން، ސީރިއާ، އިރާގު، ޔަމަނު، ސޯމާލިއާ އަދި އެހެނިހެން އިސްލާމީ ގައުމުތަކަށް ހޯދައިދޭ ބަދަލުގެ ގޮތުގައި އެމެރިކާ އާއި އެހެނިހެން ގައުމުތަކުގައި ދިރިއުޅޭ އެމެރިކާ މީހުންނާ ދެކޮޅަށް އަހަރުމެން ހަމަލާތައް އަމާޒުކޮށް، ހަމަލާ ދެމުން ދާނަން،" ހަމްޒާ ބުނެފައިވެ އެވެ.

އަދި އެބަދަލަކީ ހަމައެކަނި އުސާމާ ބިން ލާދިންގެ މަރުގެ ބަދަލު ނޫން ކަމަށާއި ނަމަވެސް އެއީ "އިސްލާމް ދީން ދިފާއު ކުރި މީހުންނަށްޓަކައި" ހިފާ ބަދަލެއް ކަމަށް ރިކޯޑިންގައިވެ އެވެ.

ޕާކިސްތާނުގައި ފިލައިގެން އުޅެނިކޮށް އެމެރިކާގެ ސިފައިން އުސާމާ ބިން ލާދިން މަރާލާފައި ވަނީ 2011 ވަނަ އަހަރެވެ. އޭނާ ދިރިއުޅުނު ގެއިން ފެނުނު ބައެއް ލިޔެ ކިޔުންތަކުގައިވާ ގޮތުން އޭރު އަލް ގައިދާއިން ދިޔައީ އުސާމާ އާއި އީރާނުގައި ގޭ ބަންދުގައި ހުރި ހަމްޒާއާ ބައްދަލު ކުރުވުމަށް މަސައްކަތް ކުރަމުންނެވެ. (ރޮއިޓާސް)

comment ކޮމެންޓް