ގާނޫނީ ވަކީލު އަދި މަޝްހޫރު ލިޔުންތެރިޔާ އަހުމަދު ނަޖީބު އަނިޔާވެރި ގޮތަކަށް މަރާލި، އޭނާގެ ގާތިލު، މ. މަސްރޫރާ އަހުމަދު މުއްރަތަށް މައާފު ނުދޭނެ ކަމަށާއި ބޭނުންވަނީ މުއްރަތު އަވަހަށް މެރުމަށް ކަމަށް، ނަޖީބުގެ ދަރިފުޅު އަދި ފިލްމީ ތަރި ޝީލާ ނަޖީބު ބުނެފި އެވެ.
ޝީލާ "ސަން"އަށް ބުނީ ބައްޕަގެ އެއްވެސް ވާރިސަކު މުއްރަތަށް މައާފުދީފާނެ ކަމަށް ގަބޫލު ނުކުރާ ކަމަށެވެ.
"އަޅުގަނޑު ހަމަގައިމު ވެސް މައާފެއް ނުދޭނަން. އަޅުގަނޑު ބޭނުން ވަނީ އަޅުގަނޑުގެ ބައްޕަ މަރާލި މީހާ އަށް މަރުގެ އަދަބު ލިބެން،" ޝީލާ ބުންޏެވެ.
ޝީލާ ހިމެނޭ ގޮތަށް ނަޖީބުގެ އަށް ވާރިސަކު ތިބެއެވެ. އެ އެންމެން ވެސް ވަނީ މުއްރަތުގެ ކިބައިން މަރަށް މަރު ހިފަން ބޭނުންވާ ކަމަށް ބުނެ ކްރިމިނަލް ކޯޓަށް ބަޔާންދީފަ އެވެ.
އޭނާ ބުނީ މުއްރަތު ނަޖީބު މަރާލީ މަސްތުވާތަކެތި ބޭނުންކޮށްގެން ހަމަ ބުއްދި ނެތިގެން ކަމަށް ގަބޫލުނުކުރާ ކަމަށެވެ.

ގާނޫނީ ވަކީލު އަދި މަޝްހޫރު ލިޔުންތެރިޔާ އަހުމަދު ނަޖީބު
"އެ ހުރިހާ ކަމެއް ކޮށްގެން ހުރެ ދެއްތޯ އަޅުގަނޑުގެ ބައްޕަގެ ކޭޝްކާޑު ނަންބަރާއި އެއްޗިހި ނަގައިގެން ގޮސް އެ ހުރިހާ ކަމެއް ކުރީ. ހަމަ ބުއްދީގައި ހުރީމާ ދެއްތޯ މަރާލާފައި ވެސް ނޭނގޭ ގޮތަށް އެއްލާލަން އެ މީހުން ރާވާފައި އޮންނާނީ،" ޝީލާ ބުންޏެވެ.
ނަޖީބު އަވަހާރަކޮށްލާފައި ވަނީ ޖޫން 30، 2012 ވަނަ ދުވަހުގެ ރޭގެ ދަންވަރުގެ ވަގުތެއްގައި މުއްރަތު އާއި އޭނާގެ ލޯބިވެރިޔާ ށ. ގޮއިދޫ ރިހާބު ފާތިމަތު ހަނާގެ ދައުވަތަކަށް މ. މަސްރޫރާގެއަށް އޭނާ ގެންދިޔުމަށް ފަހު އެވެ.
ނަޖީބު އެ ގެއަށް ވަޑައިގަތުމުން މުއްރަތާއި ހަނާ ދިރިއުޅޭ ބައިގައި ހުރި ގޮނޑިއެއް (އޮފީސް ޗެއާ) އެއްގައި ނަޖީބު ބައިންދައި ފޮށި ބަންދުކުރާ ޓޭޕުން ނަޖީބުގެ ދެއަތާއި ދެފައި ބަނދެ، މޫނާއި އަނގަމަތިން ވަށައި ޖެހޭ ގޮތަށް ޓޭޕްއެޅި ކަމަށެވެ.

ގާނޫނީ ވަކީލު އަދި މަޝްހޫރު ލިޔުންތެރިޔާ އަހުމަދު ނަޖީބުގެ ގާތިލު މުއްރަތު: އޭނާ މެރުމަށް ސުޕްރީމް ކޯޓުން ވެސް ވަނީ ތާއީދު ކޮށްފައި ---- ސަން ފޮޓޯ: ފަޔާޒު މޫސާ
ނަޖީބު އެގޮތަށް ގޮނޑީގައި އިންނެވި އިރު އަޑުގަދަ ކުރައްވާތީ އެކަމާ ހިތްހަމަނުޖެހިގެން ހަތަރު އިންޗި ހުންނަ ވަރުގެ ކަޅު ކުލައިގެ މުއްގަނޑުލީ ވަޅިއަކުން ނަޖީބުގެ ކަރަށް ހަމަލާދީ އޭނާ މަރާލި ކަމަށް މުއްރަތު ވަނީ ކްރިމިނަލް ކޯޓުގެ ޝަރީއަތުގެ މަޖިލީހުގައި އިއުތިރާފުވެފަ އެވެ.
އެ ހުކުމަށް ސުޕްރީމް ކޯޓުން ތާއީދު ކޮށްފައިވާ އިރު، ހުކުމް ތަންފީޒު ކުރާނެ ދުވަހެއް ކަރެކްޝަނަލް ސާވިސް އިން އަދި ނުބުނެ އެވެ.