ޓެކްސީ ޑްރައިވަރު ގާސިމް މަރާލުން: އަދުހަމަށް މަރުގެ އަދަބު ދޭން ހައިކޯޓުން ވެސް ތާއީދު

އަދުހަމް ހައިކޯޓުގައި: އަދުހަމް މަރަން ކުރި ހުކުމަށް ހައިކޯޓުން ވެސް ވަނީ ތާއީދުކޮށްފައި --

ޓެކްސީ ޑްރައިވަރެއް ކަމަށްވާ ގާސިމް ހަސަން މަރާލި ކަމަށް ސާބިތުވެފައިވާ އަދުހަމް މުހައްމަދުގެ މައްޗަށް ކޮށްފައިވާ މަރުގެ ހުކުމަށް, ހައިކޯޓުން މިއަދު ތާއީދުކޮށްފިއެވެ.

ހުޅުމާލޭ ހާފްވޭ ހައުސް ކައިރިން އދ. މާމިގިލީ ކަނީރުމާގޭ ގާސިމް، 59، އަށް ޅ. ހިންނަވަރު ބޮޑުހިޔާގޭ އަދުހަމް ހަމަލާދިނީީ 2019 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ ހަތަރު ވަނަ ދުވަހުގެ ރޭގަނޑުގެ ވަގުތެއްގައެވެ.

އެ މައްސަލައިގައި، އޭޕްރިލް 16، 2023ގައި އަދުހަމުގެ މައްޗަށް ކްރިމިނަލް ކޯޓުން ވަނީ މަރުގެ އަދަބު ކަނޑައަޅާފައެވެ.

އަދުހަމްގެ މައްޗަށް މަރުގެ އަދަބު ކަނޑައެޅީ އޭނާގެ މައްޗަށް ކުށް ސާބިތުވުމާއެކު، ވާރިސުން މަރަށް މަރު ހިފަން އެދިފައި ވާތީއެވެ.

ގާސިމްގެ ވާރިސުންގެ ގޮތުގައި ދުނިޔޭގައި ތިބި އޭނާގެ ފަސް ދަރިން ވެސް ވަނީ މަރަށް މަރު ހިފުމަށް އެދޭ ކަމަށް ކްރިމިނަލް ކޯޓުގެ ޝަރީއަތުގެ އަޑުއެހުމުގައި ހެކިބަސްދީފައެވެ. އެ ހުކުމް ނިހާއީ ހުކުމެއް ކަމަށް، ކަނޑައެޅުމަށް ދައުލަތުން ހައިކޯޓަށް ހުށަހެޅި މައްސަލައިގެ ހުކުމުގައި ހައިކޯޓުންވެސްވަނީ ކްރިމިނަލް ކޯޓުގެ ހުކުމަށް ތާއީދުކޮށްފައެވެ.

މި މައްސަލައިގައި ހައިކޯޓުގެ ޝަރިއަތުގެ މަރުހަލާގައި، އަދުހަމްގެ ފަރާތުން، ގާސިމްގެ އާއިލާގެ އެއްވެސް މީހަކަށް ގުޅަން އެއްވެސް މަސައްކަތެއް ނުކުރުމަށް ޝަރިއަތުންވަނީ މީގެ ކުރިން އަންގައިފައެވެ. އިސްތިއުނާފު އަޑު އެހުމުގައި ދައުލަތުގެ ވަކީލުންވަނީ ގާސިމްގެ އާއިލާއާ ހަވާލާދީ، އަދުހަމާ ދައްކަން ޖެހޭނެ އެއްވެސް ވާހަކައެއް ނެތް ކަމަށް ބުނެފައެވެ.

https://sun.mv/176135

ޑިސެމްބަރު، 2019 ގައި ހުޅުމާލޭގައި ގާސިމް ޓެކްސީ ދުއްވަމުން ދަނިކޮށް އޭނާގެ ކަރަށް އަދުހަމް ވަޅިން ހަމަލާދިނީ ކާރުގެ ފަހަތު ސީޓުގައި އިނދެފައި، ގާސިމްގެ އަތުން ފޭރެން އުޅުމުގެ ތެރޭގައެވެ. ތޫނު އެއްޗެއް ބޭނުންކޮށްގެން ގަސްދުގައި މީހަކު މެރުމުގެ ދައުވާއަށް އަދުހަމް ކުރިން އެއްބަސްވުމަށް ފަހު، ފަހުން އޭނާ ބުނެފައިވަނީ ހަމަލާދެވުނީ ގަސްދެއް ނެތި ކަމަށެވެ. އަދި ހަމަލާދެވުނީ މަސްތުވެގެން ހުއްޓާ ކަމަށް ވެސް އަދުހަމް ބުނެފައިވެއެވެ.

އަދުހަމްގެ މައްޗަށް ކުށް ސާބިތުވާ ކަމަށް ނިންމި ޝަރީއަތުގައި ގާޒީ ވިދާޅުވެފައި ވަނީ ގާސިމަށް ހަމަލާދިން ސަބަބާ ބެހޭ ގޮތުން އެކި ފަހަރު އެކިގޮތަށް އަދުހަމް ތަހުގީގުގައި ވާހަކަ ދެއްކިޔަސް، ވަޅި ހެރި ކަމަށް އޭނާ ކޮންމެ ފަހަރަކު ވެސް އެއްބަސްވެފައިވާ ކަމަށެވެ.

އެ ވަޅިން ގާސިމާއި އަދުހަމްގެ ޑީއެންއޭ ފެނިފައި ވާތީ ވަޅި ހެރިކަމާ މެދު ޝައްކެއް ނެތް ކަމަށް ގާޒީ ވިދާޅުވިއެވެ. ގާސިމަށް ހަމަލާދެވުނީ މަސްތުގެ ހާލުގައި ހުރެ އޮޅުމަކުން ކަމަށާއި މަރާލުމުގެ ގަސްދެއް ނެތް ކަމަށް އަދުހަމް ބުނެފައި ވާތީ އެކަމާ ބެހޭ ގޮތުން ގާޒީ ވިދާޅުވީ، މެރުމުގެ ނިޔަތް އޮތްކަން ދެނެގަންނަނީ ބޭނުންކުރި ހަތިޔާރާއި ހަމަލާ އަމާޒު ކުރެވުނު ގުނަވަނަށް ބަލައިގެން ކަމަށެވެ.

ގާސިމް މަރާލި މައްސަލައިގައި މަރަން ހުކުމް ކޮށްފައިވާ އަދުހަމްގެ މަރުގެ މައްސަލަ ހައިކޯޓަށް ހުށަހެޅީ ދައުލަތުންނެވެ. އެއީ ދަށު ކޯޓުގެ ހުކުމުގެ ސައްހަކަން ކަށަވަރުކުރަށެވެ. ދައުލަތުން މައްސަލަ ހައިކޯޓަށް ހުށަހެޅީ އަދުހަމްގެ ފަރާތުން އިސްތިއުނާފު ނުކުރުމުންނެވެ.

2019 ވަނަ އަހަރުގެ ޑިސެމްބަރު މަހު ހުޅުމާލޭގައި ޓެކްސީ ޑްރައިވަރު ގާސިމް ހަސަން ފޭރެން އުޅުމުގެ ތެރޭގައި ތޫނު އެއްޗަކުން ހަމަލާދީ މަރާލި މައްސަލައިގައި އަދުހަމް މުހައްމަދުގެ މައްޗަށް ކުށް ސާބިތުވެފައިވެއެވެ. އޭނާއަށް މަރުގެ އަދަބު ކަނޑައެޅީ ގާސިމްގެ ފަސް ވާރިސުންވެސް މަރަށް މަރު ހިފުމަށް އެދިފައިވާތީއެވެ. މި މައްސަލަ ހައިކޯޓަށް ހުށަހެޅީ ދަށު ކޯޓުގެ ހުކުމުގެ ސައްހަކަން ކަށަވަރުކުރުމަށް ދައުލަތުގެ ފަރާތުންނެވެ. އަދި ހައިކޯޓުން ވަނީ ކްރިމިނަލް ކޯޓުގެ ނިންމުން ރަނގަޅުކަމަށް ކަނޑައަޅައި އެ ހުކުމަށް ތާއީދުކޮށްފައެވެ.

  • ގާސިމް ހަސަން މަރާލާފައިވަނީ 2019 ވަނަ އަހަރު ހުޅުމާލޭގައި ފޭރެން އުޅުމުގެ ތެރޭގައެވެ.
  • އަދުހަމްގެ މައްޗަށް ކްރިމިނަލް ކޯޓުން މަރުގެ ހުކުމް އިއްވީ 2023 ވަނަ އަހަރުގެ އޭޕްރިލް މަހުއެވެ.
  • މަރުގެ ހުކުމް އިއްވީ ގާސިމްގެ ފަސް ދަރިންވެސް މަރަށް މަރު ހިފުމަށް ބޭނުންވުމުންނެވެ.
  • ދަށު ކޯޓުގެ ނިންމުން ކަށަވަރުކުރުމަށް ދައުލަތުން ހުށަހެޅި މައްސަލައިގައި ހައިކޯޓުން ވަނީ ކުރީގެ ހުކުމަށް ތާއީދުކޮށްފައެވެ.
  • ހަމަލާދިން ސަބަބާ ގުޅޭގޮތުން އަދުހަމް އެކި ގޮތަށް ވާހަކަދެއްކި ނަމަވެސް، ޑީއެންއޭ އާއި ހެކިތަކުން ކުށް ސާބިތުވެއެވެ.
comment ކޮމެންޓް